22 Jun 2014, 13:23
އޯލެވެލް ނިންމައި އޭލެވެލް އަށް ދިޔުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ "ބީޓެކް ޕްރޮގުރާމް" ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް އަންނަ އަހަރު ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެ އެވެ.
މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ބީޓެކް ޕްރޮގުރާމްގެ ދަށުން އޯލެވެލް ނިންމައި އޭލެވެލް އަށް ފުރުސަތު ނުލިބޭ ކުދިންނަށް ވެސް މަތީތައުލީމަށް ދިއުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އޭލެވެލް ނިންމުމަށް ފަހު ވެސް ބީޓެކް ޕްރޮގުރާމްގެ ދަށުން މަތީތައުލީމްގެ ފުރުސަތު އިތުރަށް ފުޅާވެގެންދާނެ ކަމަށް މިނުސްޓަރު ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ބީޓެކް ޕްރޮގްރާމްގެ ދަށުން އެ ކުއްޖަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ކުރިއަށްދިއުމަށް ބޭނުންވާ އަމަލީ މަސައްކަތް ދަސްކޮށްދެވޭނެ ކަމަށެވެ. އަދި ވިދާޅުވީ އެ ޕްރޮގުރާމަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ވެސް ގަބޫލު ކުރާނެ ޕްރޮގުރާމެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ހައި ސްކޫލްގެ އެދުމުގެ މަތިން މިއަދު އެ ސްކޫލްގައި އެ ޕްރޮގުރާމް ފަށާފައިވާ ކަމަށެވެ.
"ސްކޫލްތަކުގެ ކުދިންނަށް އިތުރު ފުރުސަތުތައް ހުޅުވާލުމުގެ ބޭނުމުގައި އަޅުގަނޑުމެންނަށް "ބީޓެކް ޕްރޮގުރާމް" ފެއްޓިއްޖެ. އެ ޕްރޮގުރާމަކީ އޯލެވެލް އޭލެވެލްއާ އެއް ފެންވަރެއްގެ ޕްރޮގުރާމެއް. މިއަދު އިރާދަކުރެއްވީއްޔާ އައްޑޫ ހައި ސްކޫލުގައި އޭލެވެލްއާ އެއް ފެންވަރެއްގެ ބީޓެކް ޕްރޮގުރާމްތަކެއް ފެއްޓިެއްޖެ" އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވިއެވެ.
ބީޓެކަކީ ކުދިންނަށް އުނގެނުމުގެ ފުރުސަތުތައް އިތުރަށް ފުޅާކޮށްދިނުމަށް ތަރައްގީވެފައިވާ ގައުމުތަކުގައި ވަރަށް ފުޅާކޮށް ހިންގާ ޕްރޮގްރާމެކެވެ. އެގޮތުން އެ ޕްރޮގްރާމްގައި ކުރިޔަށް ދާން ބޭނުންވާ ދާއިރާ ތަކުން ދަރިވަރުންނަށް ފުރުސަތުތައް ހޯދައިދިނުމަށް ޓީޗަރުންނާއި ސްކޫލްތަކުގެ އިސްވެރިންނަށް ތަމްރީނު ދެއެވެ.