22 Jun 2014, 13:26
ތޮއްޑޫއިން: އަހުމަދު ސާއިލް އަލީ
އަހަރެން މި ރަށަށް އެރީ ފަތިހު 4:30 ކަންހާއިރު އެވެ. މި ރަށަށް އެރުމާއެކު އަވަސްވެގަތީ އައި މަގުސަދު ކަމަށްވާ ކަރާ ދަނޑުތަކުގެ ހާލަތު ބަލާލުމަށް އެ ސަރަހައްދަށް ދިއުމަށެވެ. ކަރާ ދަނޑުތަކުގެ ސަރަހައްދަށް ދިޔައިރު ފެނުނީ ހައިރާން ކުރަނިވި މަންޒަރެކެވެ. އެއީ އަރާމް ނިދި ދޫކޮށް އެތައް ދަނޑުވެރިންއެއް އެހެރަ ބިޔަބޮޑު ދަނޑުތައް ރޯދައަށް ފައްކާކުރުމަށް މަސައްކަތް ކުރަމުންދިޔަ މަންޒަރެވެ.

ތޮއްޑޫ ކަރާ ދަނޑުތައް ރޯދައަށް ފައްކާކޮށްފައި: ރޯދަ މަހެއްގެ ކޮންމެ ދުވަހެއްގައި މަދުވެގެން އެ ރަށުން 25 ޓަނުގެ ކިލޯގެ ކަރާ ބޭރުކުރޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ތޮއްޑޫގެ ދަނޑުތައް މިއޮތީ ހަމަ ވަރަށް ފައްކާކޮށް. މިހާރުވެސް މިދަނީ ކޮންމެ ވެސް ވަރަކަށް މާލެއަށް ކަރާ ފޮނުވަމުން. ރޯދަ ފެށެންވާއިރަށް ހުރިހާ ދަނޑުތަކަކުން ވެސް ކަރާ ދޮންވެ މާލެ ފޮނުވޭނެވަރުވާނެ،" ތޮއްޑޫ ދަނޑުވެރިއެއް ކަމަށްވާ ނާޒިރާ ހަސަން ބުންޏެވެ.
މިއަހަރު ރޯދަ މަހަށް ކަރާހެއްދުމަށް މިރަށުން ޖުމްލަ 1،978،900 އަކަފޫޓުގެ ބިން ދޫކޮށްފައިވެ އެވެ. އެއީ 132 ކަރާ ދަނޑެވެ. އެ ދަނޑުތައް ދޫކޮށް މީގެ ދެތިން މަސް ކުރިން ތޮއްޑޫގެ ދަނޑުވެރިން ފެށި މަސައްކަތްތައް މިހާރު ވަނީ ކާމިޔާބީއާ ހަމައަށް ވާސިލު ވެފަ އެވެ. އެ ދަނޑުތައް މިހާރު ދަނީ ރޯދައަށް ފައްކާވަމުންނެވެ. ކަރާތައް ރޯދައަށް ކަނޑަށް ފައްކާވާނެ އެވެ. ގިނަ ދަނޑުވެރިން ހިންހަމަޖެހިގެން ތިބި ނަމަވެސް ބައެއް ދަނޑުވެރިން މިފަހަރުގެ ދަނޑުވެރިކަމާއި މެދު އެހާ ހިތްހަމައެއް ނުޖެހެ އެވެ.
އޭގެ ތެރެއިން އެކަކީ ތޮއްޑޫގެ ދަނޑުވެރިއެއްކަމަށްވާ ފާއިޒް އަލީ އެވެ. އޭނާ ބުނި ގޮތުންނަމަ އޭނާގެ ދަނޑުތަކުގައި ވަނީ "ކަޅު ތިކިޖަހާ، ކަރާ ހަލާކުވާ" ބައްޔެއް ޖެހިފަ އެވެ. އެ މައްސަލަ ގިނަ ދަނޑުތަކަށް ދިމާވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން މިރަށުން މިއަހަރު ބޭރުކުރެވޭ ކަރާގެ ނިސްބަތް މިދިޔަ އަހަރަށް ވުރެ 25 ޕަސެންޓް ދަށް ވާނެ ކަމަށް ފާއިޒް ބުންޏެވެ.

ތޮއްޑޫ ކަރާ ދަނޑުތައް ރޯދައަށް ފައްކާކޮށްފައި: ރޯދަ މަހެއްގެ ކޮންމެ ދުވަހެއްގައި މަދުވެގެން އެ ރަށުން 25 ޓަނުގެ ކިލޯގެ ކަރާ ބޭރުކުރޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"މިހާރު މިވާގޮތަކީ ކަރާތަކުގައި ފާޑެއްގެ ކަޅު ތިއްކެއް ޖަހަނީ، އެކަމުގެ ސަބަބުން ކަރާތައް ވަރަށް ބޮޑަށް ހަލާކުވަމުން ދަނީ،" ފާއިޒް ބުންޏެވެ.
ފާއިޒް އެހެން ބުނި ނަމަވެސް އެ ރަށުގެ ގިނަ ދަނޑުވެރިން އެކަމާއި އެއް ބަހެއް ނުވެ އެވެ. އެމީހުން ބުނާގޮތުންނަމަ "ކަރާ ދަނޑުތައް ވަނީ ވަރަށް ފައްކާވެފައި" ކަމަށެވެ. އަދި އެބުނާ ބަލީގެ ކަންކަން މިހާރު ދަނޑުތަކުން ނުފެންނަ ކަމަށް ދަނޑުވެރިން ބުންޏެވެ. ގިނަ ދަނޑުވެރިން ބުނާގޮތުން ނަމަ މިއަހަރު މާލެ ގެނެވޭ ކަރާގެ ނިސްބަތް މިދިޔަ އަހަރާއި އަޅަބަލާއިރު ދަށެއް ނުވާނެއެވެ.
"ކަރާ ދަނޑުތައް ހަމަ ވަރަށް ރަނގަޅު، އެބުނާ ބައްޔެއްގެ މައްސަައެއް މިހާރަކު ނެތް، ކުރީ އަހަރަށް ވުރެ ގިނައިން މިފަހަރު ކަރާ މިރަށުން ބޭރުކުރެވޭނެ،" ދަނޑުވެރިއެއް ކަމަށްވާ އަހުމަދު މަނިކު ބުންޏެވެ.
ރޯދައަށް ކަރާ ހެއްދުނު މިންވަރާއި މެދު މި ރަށު ކައުންސިލްއިން ވެސް ވަރަށް ހިތްހަމަޖެހެ އެވެ. ތޮއްޑޫ ކައުންސިލްގެ ރައީސް ހަސަން އިބްރާހިމް ވިދާޅުވި ގޮތުގައި މި ރޯދަ މަހު އެ ރަށުން ގާތްގަނޑަކަށް 582،000 ކިލޯގެ ކަރާ ބޭރު ކުރެވޭނެ ކަމަށެވެ. އަދި އެކަމުން އެރަށަށް ހަތަރު މިލިއަނަށް ވުރެ ގިނަ ފައިސާ ލިބޭނެ ކަމަށް ބެލެވޭ ކަމަށް ހަސަން ވިދާޅުވި އެވެ.
"މިފަހަރު މިރަށުގަިއ ކަރާ ހެއްދުނު ނިސްބަތް ވަރަށް ވެސް އިތުރު، އެއީ މިދިޔަ އަހަރަށް ވުރެ އިތުރު އަދަދުތަކެއް، އެކަމުގެ ހެއްކަކީ މިދިޔަ އަހަރަށް ވުރެ ގިނަ ދަނޑުތަކުގައި މިފަހަރު ދަނޑު ހެއްދި،" ހަސަން ވިދާޅުވި އެވެ.
މިރަށުން ކަރާ ބޭރުކުރުމަށް ހަތަރު ދޯނި ރޯދަމަހަށް ހާއްސަ ކޮށްގެން ގެންގުޅެ އެވެ. އެއިން ކޮންމެ ދޯންޏަކުން ވެސް ކޮންމެ ދުވަހެކޭ ބުނެވޭ ގޮތަށް ގާގްގަނޑަކަށް 20 ޓަނާއި 25 ޓަނާއި ދެމެދުގެ އަދަދަކަށް ކަރާ އެ ރަށުން ބޭރުކުރާނެ އެވެ.

ތޮއްޑޫ ކަރާ ދަނޑުތައް ރޯދައަށް ފައްކާކޮށްފައި: ރޯދަ މަހެއްގެ ކޮންމެ ދުވަހެއްގައި މަދުވެގެން އެ ރަށުން 25 ޓަނުގެ ކިލޯގެ ކަރާ ބޭރުކުރޭ-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ތޮއްޑޫގެ ދަނޑުވެރިކަމުގެ ބާވަތްތައް މާލެ ގެނައުމުގެ މަސައްކަޔް ކުރާ "އުދުހޭ ތަރި" ދޯނީގެ ފަޅުވެރިޔަކު ބުނިގޮތުގައި ރޯދަ މަހުގެ ގިނަ ދުވަސް ދުވަހަކު އެ ދޯނިން މާލެއަށް 25 ޓަނުގެ ކަރާ ގެންނެވޭނެ ކަމަށެވެ.
ތޮއްޑުގެ ދަނޑުވެރިން ބުނާގޮތުން ނަމަ މިފަހަރު މާލެ ފޮނުވާ ކަރައަށް ރަނގަޅު އަގެއް ލިބޭނެ ކަމަށް ބެލެވެ އެވެ.
"އަޅުގަނޑަށް ލަފާ ކުރެވޭ ކަރާ ކިލޯއެއްގެ އަގު ރޯދަ މަސް ފެށިގެން ނިމެންދެން ވެސް 15 ރުފިޔާ އާއި 20 ރުފިޔާ އާއި ދޭތެރޭގެ އަގުތަކެއްގައި ހިފެހެއްޓޭނެ ކަމަށް،" ތޮއްޑޫގެ ދަނޑުވެރިޔާ ފާއިޒް ބުންޏެވެ.
ތޮއްޑޫގެ ދަނޑުތައް ބަލާލުމުގެ ނަސީބު ލިބިއްޖެ އެވެ. މަންޒަރުތައް ފެންނަގޮތުންނާއި ދަނޑުވެރިންގެ ވާހަކަތައްކުން މިއަހަރުވެސް އެރަށުން ގިނަ އަދަދެއްގެ ކަރާ މާލެ ގެނެވި މާލޭގެ ބާޒާރު ތިޔާގި ވާނެއެވެ. މާލެ ގެންނަ ކަރާއިން ބޮޑު އާންމުދަނީއެއް ލިބޭނެ ކަމާ މެދު ތޮއްޑޫގެ ދަނޑުވެރިން ޝައްކެއް ނުކުރާނެ އެވެ. އާދެ އެއީ މުޅި އެ ރަށަށް ހަތަރު މިލިއަން ރުފިޔާގެ އާންމުދަނީއެކެވެ.