އިސްލާމްދީނާއި ދިވެހިންގެ އަގީދާ އާއި އަރަބި އިސްލާމީ ތައުލީމާއި ދިވެހިންގެ މިލްކިއްޔާތު ހިމާޔަތް ކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރްޕީ ފުރިހަމަ ކާމިޔާބެއް ހޯދައިގެން ކަމަށް އެ ޕާޓީގެ ޒައީމް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.


ޒައީމް މައުމޫން މިހެން ވިދާޅުވީ ޑީއާރުޕީގެ މެންބަރުންނާއި ބައްދަލުކޮށްލެއްވުމަށް ބުރާސްފަތި ދުވަހުގެ ރޭ ކަލާފާނު ސުކޫލްގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނަށް ތާއީދު ކުރާ އެތައް ސަތޭކަ މީހުންނާއި މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.


ޒައީމް މައުމޫން ވިދާޅުވީ އިދާރީ ދާއިރާތަކުން ރާއްޖޭގެ ރަށްތައް ހިންގުމުގެ ގާނޫނުން ރަށު ކައުންސިލާއި އަތޮޅު ކައުންސިލްތަކަކީ ވަރަށް ބޮޑެތި ބާރުތަކާއި އިހުތިޔާރުތައް ލިބިދޭ ކައުންސިލްތަކެއް ކަމަށާއި ޑީއާރްޕީއަށް މި ދަނޑިވަޅުގައި އެންމެ މުހިންމު ކަމަކީ ލޯކަލް ކައުންސިލް އިންތިހާބުގައި ފުރިހަމަ ކާމިޔާބެއް ހޯދުން ކަމަށެވެ.


"ޑީއާރުޕީގެ ގައުމީ މަގުސަދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ކަންތައްތައް ރާވައި ހިންގޭނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ޑީއާރުޕީން ވަރަށް ފުރިހަމަ ގޮތެއްގައި ކާމިޔާބު ކޮށްގެން. އޭގެ ތެރޭގައި ދިވެހިރާއްޖޭގައި އިސްލާމީ ތައުލީމު ރައްކާތެރި ކުރުމާއި ރާއްޖޭގައި އިސްލާމް ދީން ފިޔަވައި އެހެންދީނަކަށް ޖާގަ ނުދިނުމާއި ލާދީނީ ނުފޫޒުތަކުން ރާއްޖޭގެ ރައްޔިތުން ސަލާމަތް ކުރުން ހިމެނޭ. އަދި ގުރުއާނުގެ އިލްމްތަކާއި އަރަބި އިސްލާމީ ތައުލީމު ރައްކާތެރި ކުރުން ހިމެނޭ. ރާއްޖޭގެ ބިންބިމާއި މުއައްސަސާތައް ދިވެހި ރައްޔިތުންގެ މިލްކިއްޔާތެއްގެ ގޮތުގައި ދެމެހެއްޓުން ހިމެނޭ. ރާއްޖޭގެ މުއްސަނދިކަން ބޭރު މީހުންގެ އަތްމައްޗަށް ދޫކޮށް ނުލުން ހިމެނޭ،" މައުމޫން ވިދާޅުވި އެވެ.


ސަރުކާރުން ބައެއް ރަށް ރަށާއި ބިންބިމާއި ބައެއް އިމާރާތްތައް ބޭރު މީހުންނަށް ވިއްކާލާ ވިއްކާލުމަށް އިޝާރާތް ކުރައްވަމުން މައުމޫން ވިދާޅުވީ މިއަދަށް ވުރެ މާދަތި ދުވަސްތަކެއް ދިވެހިން މީގެ ކުރިން ތަހައްމަލު ކޮށްފައިވާ ކަމަށާއި އެ އަޑިގަނޑުން ދިވެހިން އަރައިގަތީ ދިވެހިންގެ މުއްސަދިކަން ބޭރު މީހުންނަށް ވިއްކައިގެން ނޫން ކަމަށެވެ.


"އަޅުގަނޑުމެންގެ ބުރަ މަސައްކަތުން އެ ދުވަސްތައް މިވަނީ ފަހަނައަޅައި ގޮސްފައި. އަޅުގަނޑުމެންގެ މިލްކިއްޔާތު ވިއްކާލާކަށް ނުޖެހޭ. އަޅުގަނޑުމެންގެ މުއްސަނދިކަން ބޭރު ބަޔަކަށް ވިއްކާލާކަށް ނުޖެހުނު. އަޅުގަނޑުމެންގެ ރާއްޖެއަށް ލާދީނީ ހަރަކާތްތައް ގެންނާކަށް ނުޖެހުނު. އަޅުގަނޑުމެންގެ އިސްލާމީ ތައުލީމު ފުނޑުފުނޑު ކޮށްލާކަށް ނުޖެހުނު،" މައުމޫން ވިދާޅުވި އެވެ.


ކުރީގެ ރައީސް މައުމޫން ވިދާޅުވީ ޑީއާރުޕީ މިއަދުވެސް ނިކުމެ ތިބީ ދިވެހިންނަށް އުފާފާގަތި ދުވަސްތަކެއް ހޯދައިދިނުމަށް ކަމަށާއި އެކަން ފުރިހަމަވެގެން އަންނާނެ ކަމަށެވެ.


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ޑީއާރްޕީއަށް ކާމިޔާބުވެއްޖެނަމަ ދިވެހިންގެ ދީނާއި މިނިވަންކަން އަދި ދިވެހިންގެ ރައުސްމާލު ދިވެހިންގެ އަތުން ބީވެ ހަރާބު ވެގެން ނުދާނެ ކަމުގެ ޔަގީންކަން މައުމޫން ދެއްވި އެވެ.


ޒައީމް މައުމޫން އެކަނި ވާހަކަފުޅު ދެއްކެވި ޖަލްސާގައި މައުމޫން ވަނީ ޑީއާރްޕީގެ ކެންޕޭނުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާނެ ކަން ރަސްމީކޮށް އިއުލާން ކުރައްވާފަ އެވެ.


"އަޅުގަނޑު ދަންނަވަން، ލޯކަލް ކައުންސިލް އިންތިހާބުގައި ޑީއާރުޕިގެ ޓިކެޓްގައި ވާދަކުރާ ހުރިހާ ކެޑިޑޭޓުންނަށް އަޅުގަނޑުގެ ތާއީދު އޮންނާނެކަން ވަރަށް އުފަލާއިއެކު ދަންނަވަން. އަދި އަޅުގަނޑުގެ ވަގުތާއި ހާލަތާއި ވަސީލަތް ތަންދިން މިންވަރަކުން އަޅުގަނޑު ބައެއް އަތޮޅުތަކަށް ދާން ގަސްދުކުރާ ވާހަކަ ދަންނަވަން. އަދި ތިޔަ މެންބަރުންގެ ތެރެއިން އަޅުގަނޑުގެ ދަތުރުތަކުގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުން މެންބަރުންނަށް އެ ފުރުސަތު އޮތް ވާހަކަ ދަންނަވަން." މައުމޫން ވިދާޅުވި އެވެ.