29 Mar 2010, 15:38
19:00
ފަހަކަށް އައިސް ތަގުރީރުތައް ކުރާ ފަރާތްތަކުން، އިސްލާމް ދީނަކީ އަންހެނުންނާއި ކުޑަކުދިން ކުޑައިމީސްކުރާ ދީނެއްގެ ގޮތުގައި މީހުންނަށް ތަސައްވަރު ކުރެވޭ ގޮތަށް ބަސްމަގު ބަހައްޓާ ކަމަށް ބުނެ، މަދަނީ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މަދަނީ ހަތް ޖަމިއްޔާއަކުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އިސްލާމްދީނަކީ ޖާހިލުކަމުގެ ސުންޕާ ބަލީގައި އަރަބީން ތިބެ، އަންހެނުންނާއި ކުޑަކުދިންނަށް އެތަކެއް އިހާނެތި ކަންތައްތަކެއް ކުރަމުންދަނިކޮށް އެކަންކަމުން އަންހެނުންނާއި، ކުޑަކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދިން ދީން ކަމަށްވާއިރު، އެ ޒަމާނުގެ ވަހުޝީ ޚިޔާލުތަކާއި، ނާތަހުޒީބު ގޮތްތައް އިސްލާމް ދީނުގެ ނަމުގައި އާއްމުކޮށް، އެފަދަ ތަގުރީރުތަކުގެ ސަބަބުން، ގިނަ ބައެއްގެ ހިތްތަކުގައި އިސްލާމްދީނާ މެދު އޮންނަ ތަސައްވަރު ކިލަނބުވުމުގެ ފުރުސަތު ހުޅުވިގެންދާ ކަމަށެވެ.
ޖަމިއްޔާތަކުން ނެރުނު އެ ނޫސްބަޔާނުގައި އަދި ބުނެފައި ވަނީ ދީނުގެ ނަމުގައި ކުރާ ތަގުރީރުތަކުގައި އަންހެނުންނަކީ ދުނިޔެ އާއި އާޚިރަތުގައި ވެސް ފިރިހެނުންގެ ޖިންސީ އެދުންތައް ހާސިލްކޮށްދޭން ތިބި ބަޔަކު ކަމުގައި ސިފަކޮށް ވާހަކަ ދެއްކުމަކީ އިސްލާމް ދީނުގައި އަންހެނުންނަށް ދީފައިވާ ގަދަރާއި އިއްޒަތަށް ރިއާޔަތްކުރުމެއްނެތި ކުރެވޭ ކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެފަދަ ކަންތައްތަކަކީ އިސްލާމްދީނަކީ ތަހުޒީބު ކަމެއް ނެތް ދީނެއް ކަމަށް މީސްތަކުންގެ ހިތްތަކަށް ވެއްދުމަށް ބަޔަކު ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭ ކަމެއް ކަމަށް ވެސް އެބަޔާނުގައިވެ އެވެ.
ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަކީ އިސްލާމްދީނާ ހިލާފު ކަމެއް ކަމަށް ބުނެ ދައްކާ ވާހަކަތަކާއި ކުޑަކުދިންނާ ކައިވެނި ކުރުމަށް ބާރުއަޅައި ދޭ ފަތުވާތައް ވެސް މަދަނީ ޖަމިއްޔާތަކުން ވަނީ ކުށްވެރިކޮށްފަ އެވެ. އަދި އިސްލާމްދީނުގެ ނަމުގައި ދައްކަމުންދާ އެފަދަ ވާހަކަތައް ހުއްޓުވުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރަންޖެހޭނީ ސަރުކާރުން ކަމަށް ދެކޭ ކަމަށާއި އިމުން ބޭރުވެފައިވާ މީހުން ފަތުރަމުންގެންދާ ވާހަކަތަކާއި އަމަލުތައް ހުއްޓުވާ އިސްލާހުކުރުމަށް އެންމެ ފުރިހަމަ ގޮތުގައި އިސްލާމިކް މިނިސްޓްރީން މަސައްކަތް ނުކުރާކަން ހިތާމައާއެކު ފާހަގަކުރާ ކަމަށް ވެސް އެބަޔާނުގައިވެ އެވެ.