22 Jun 2014, 13:03
އދ. ފެންފުށި ކައިރީ އޮންނަ "ބޮޑު ފިނޮޅު" ނަމަކަށް ކިޔާ ފަޅުރަށުގެ ފުއްޓަރު ފަރާތު ފަރުމައްޗަށް ބޮޑު މަހެއް ލައްގައިފިއެވެ.
އދ. ފެންފުށި ކައުންސިލްގެ ރައީސް ޝާހިދު އަބްދުލްރަހީމް މިއަދު "ސަން" އަށް ވިދާޅުވީ، އެ ބޮޑުމަސް ފަރުމައްޗަށް ލައްގާފައި އޮއްވައި ފެނުނީ އިއްޔެގެ ވަގުތެއްގައި ސަން އައިލެންޑް ރިސޯޓުގެ ދޯންޏަކަށް ކަމަށެވެ. އަދި އެ މަސް ލައްގާފައި އޮތްކަމަށް ބެލެވެނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށާއި އެ މަހުގެ ބޮޑުމިނުގައި ގާތްގަނޑަކަށް 50 ފޫޓު ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފެންފުށި ކައިރީ އޮންނަ "ބޮޑު ފިނޮޅު" ނަމަކަށް ކިޔާ ފަޅުރަށުގެ ފުއްޓަރު ފަރާތު ފަރުމައްޗަށް ލައްގާއި އޮތް ބޮޑު މަސް --- ސަން ފޮޓޯ: ކިޔުންތެރިއެއް
"ބޮޑު މަސް ލައްގާފައި އޮތްކަމަށް މައުލޫމާތު ލިބުމުން ފެންފުށީ ކައުންސިލުން ކުޑަ ޑައިވް ދޯންޏެއްގައި އެ ސަރަހައްދަށް ދިޔައިރު އެ ސަރަހައްދުގައި ނުބައި ވަސް ހުރި. ގާތްވެ ބެލިއިރު މަހުގެ ބަނޑު ފަޅައިގެން ގޮސް ފުދޭ ވަރަކަށް ކުނިވެފައި ހުރީ،"ޝާހިދު ވިދާޅުވި އެވެ.
މަސް އިތުރަށް ކުނިވެ އެ ސަރަހައްދު ހަޑިވުމުގެ ކުރިން އެ މަސް ނެގުމަށް އެމްއެންޑީއެފްގެ ލަފާގެމަތިން ސިފައިންނާ ގުޅިގެން މަސް ނެގުމުގެ ކަންކަން ކުރިޔަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ބޮޑު ފިނޮޅު ފަރުމައްޗަށް ލައްގާފައި ވަނީ "ހަމްޕް ބެކް" ނަމަކަށް ކިޔާ ބޮޑުމަހުގެ އާއިލާގެ ބާވަތެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފެންފުށި ކައިރީ އޮންނަ "ބޮޑު ފިނޮޅު" ނަމަކަށް ކިޔާ ފަޅުރަށުގެ ފުއްޓަރު ފަރާތު ފަރުމައްޗަށް ލައްގާއި އޮތް ބޮޑު މަސް --- ސަން ފޮޓޯ: ކިޔުންތެރިއެއް