22 Jun 2014, 12:48
އައިޗީއެމްއެޗް އިމާރާތުގެ އޯޕީޑީ ބައިގަ އަލަށް ހުޅުވި ކެފޭ ގަވައިދާ އެއްގޮތަށް ހިންގުމަށް އެންޓިކޮރަޕްޝަން ކޮމިޝަން ކޮމިޝަން (އޭސީސީން) އިން އެންގުމާއި ގުޅިގެން އެ ކެފޭ ބަންދުކޮށްފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވީ އައިޗީއެމްއެޗުގެ އިމާރާތުގައި ކެފޭ ހިންގަމުންދަނީ ގަވައިދާއި ޚިލާފަށް ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ކެފޭ ބަންދުކުރުމަށް އަންގާފައިނުވާނެ ކަމަށާއި އެ ކޮމިޝަނުން އަންގާފައިވަނީ ގަވައިދާ އެއްގޮތަށް އެކެފޭ ހިންގުންގުމުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވާފައިވަނީ އެއީ ސަރުކާރުގެ ބިމަކަށްވާތީ އެތަނުގައި ކެފޭ އެއް ހިންގިއަސް ގަވައިދާއި އެއްގޮތަށް ކުރިއަށް ގެންދިއުމަށް. އެތަނުގައި އިތުރުބަޔަކު ކެފޭއަށް ހިންގިކަމުގައިވިއަސް،" ލުތުފީ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން އައިޗީއެމްއެޗްގެ ސިއީއޯ ޑރ. މުހައްމަދު ހަބީބު ސަން އަށް މިއަދު ވިދާޅުވީ ކެފޭ ހިންގަމުންދަނީ ގަވައިދާ ޚިލާފަށް ކަމަށް އޭސީސީން އަންގާފައިވާތީ އެތަން ބަންދުކޮށްފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ އޭސީސީގެ އެންގުމުގައި ފާހަގަކޮށްފައި ވަނީ ފިނޭސްމިނިސްޓްރީގެ ހުއްދައާ ނެތި އެތަން ހިންގަމުން ދިއުމަކީ ގަވާއިދާ ޚިލާފު ކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެތަން ހިންގަން ފެށުމުގެ ކުރިން ފިނޭސްމިނިސްޓްރީއަށް ވަނީ އެކަން އަންގާފައިކަމަށާއި ނަމަވެސް އެ މިނިސްޓްރީގެ ޖަވާބެއް ލިބިފައިނުވާ ކަމަށެވެ.
"އަޅުގަނޑުމެން އެންގިން މިތަނުގައި ކެފޭ ހިންގަން ހަވާލުކުރުމުގެ ކުރިން ފިނޭސް މިނިސްޓްރީއަށްވެސް. ނަމަވެސް އެ ބޭފުޅުންގެ ޖަވާބެއް ލިބިފަނުވޭ،" ހަބީބު ވިދާޅުވި އެވެ.
އައިޖީއެމްޗްގެ އާ އިމާރާތުގެ ގްރައުންޑު ފްލޯގައި ހިންގަމުންދާ އެ ކެފޭއަކީ އެ ހޮސްޕިޓަލްގެ ރެކްރިއޭޝަން ކުލަބަށް ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދުއްދީން ހަދީޔާކުރެއްވި ތަނެކެވެ. އަދި އެ ކުލަބުން އެތަން ހިންގާނެ ފަރާތެއް ހޯދާފައިވަނީ އާންމުކޮށް އިއުލާންކޮށްގެނެވެ.