22 Jun 2014, 12:09
ށ. ފޭދޫ އިންޖީނުގެއަށް ގަވާއިދާ ޚިލާފަށް ސްޕީޑް ކޮންޓްރޯލް ޔުނިޓެއް ގަނެފައިވާ މައްސަލާގައި ފޭދޫ ކުރީގެ ކަތީބު މުހައްމަދު ޝުކުރީގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ފޭދޫ ރައްޔިތުންގެ އިންޖީނުގެއިން ޚަރަދުކޮށްގެން އިންޖީނުގެއަށް ގަތް ސްޕީޑް ކޮންޓްރޯލް ޔުނިޓް ގަނެގެން އެރަށަށް ގެންދިޔުމުގައި އޮޅުވާލުން ތަކެއް ހުރިކަން އެ ކޮމިޝަންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ ފޭދޫ އޮފީހުން ހޯދާފައިވާ ދެ ކޯޓޭޝަނަށް ބެލިއިރު، އިންޖީނުގެއަށް ސްޕީޑް ކޮންޓްރޯލް ޔުނިޓް ގަނެފައި ވަނީ ކޯޓޭޝަންގައިވާ އަގުތަކަށްވުރެ ބޮޑު އަގެއްގައިކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި ސްޕީޑް ކޮންޓްރޯލް ގަތުމަށް ދައްކަންޖެހޭ 23،500 ރުފިޔާ ޚަރަދު ކުރުމުގެ ހުއްދަދީފައި ވަނީ ވެސް ކަތީބު ކަމަށް ތަހުގީގުން އެނގެން އޮންނަ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
އެހެންކަމުން އެކަމަކީ ކުރީގެ ކަތީބު ޝުކުރީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ ކަމަށް ވެސް އޭސީސީގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"މި މައްސަލައިގައި އަމަލުކުރެވިފައިވާ ގޮތުން މިއީ ށ. ފޭދޫ އޮފީހުގެ ކަތީބުގެ މަގާމުގައި އޭރު ހުރި މުހައްމަދު ޝުކުރީ މަގާމުގެ ނުފުޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން ގާނޫނުގެ 25 ވަނަ މާއްދާގެ (ހ) ގެ ދެވަނަ ނަންބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެންވާ މައްސަލައެއް ކަމަށް ކަނޑައަޅައި، ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ ދަށުން ށ. ފޭދޫ އަސްރަފީގޭ މުހައްމަދު ޝުކުރީގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމުގެ ކުށުގެ ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ،" އޭސީސީގެ ބަޔާނުގައި ވެއެވެ.