އަންނަ މަހުން ފެށިގެން ބެންކް އޮފް މޯލްޑިވުސް(ބީއެމްއެލް) އިން ހުރިހާ ދިވެހި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ދޫކުރަން ނިންމައިފިއެވެ.

މިހާރު ބީއެމްއެލްއިން ވިސާ ޑެބިޓް ކާޑް ދޫކުރަމުން އަންނަނީ ހަމައެކަނި ޑޮލަރު އެކައުންޓް ތަކަށެވެ. ނަމަވެސް ރުފިޔާ އެކައުންޓްތައް ގެންގުޅޭ ފަރާތްތަކަށް ކުރިން ދޫކުރި ކާޑްތައް އާ ކޮށްދެއެވެ.

ބީއެމްއެލްއިން މިއަދު ބުނީ އެ ބޭންކްގެ ހުރިހާ ދިވެހި ކަސްޓަމަރުންނަށް ވިސާ ޑެބިޓް ކާޑު ދޫކުރާއިރު ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް ޚާއްސަ އިސްކަމެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމައަށް ވިސާ ޑެބިޓް ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއިން ބޭރުގައި ކިޔަވަމުންދާ ދަރިވަރުންނާއި ކިޔަވަންދާން ތައްޔާރުވެފައިވާ ދަރިވަރުންނަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

ވިސާ ޑެބިޓް ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ އޭޓީއެމްތަކުން ދުވާލަކު 10،000 ރުފިޔާ ނެގޭއިރު ބޭރުގެ އޭޓީއެމްތަކުން 200 ޑޮލަރަށްވާ ފައިސާ ނެގޭނެއެވެ. އަދި ބޭރުގެ ޕީއޯއެސް މެދުވެރިކޮށް ދުވާލަކު 400 ޑޮލަރުގެ ޓްރާންސެކްޝަން ހެދޭނެއެވެ.