ކީރިތި ގުރްއާން ހިތުދަސްކުރައްވާ ޙާފިޒުންނަށާއި ޙާފިޒާއިންނަށް މިއަހަރުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ މެޑެލްގެ ނަމުގައި ޚާއްސަ މެޑެލެއް ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ މި މެޑެލް ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ސަރުކާރުން ދެއްވާ އެކިއެކި އިނާމުތަކާ އެކުގައި ކަމަށެވެ.

ޙާފިޒުންނަށާއި ޙާފިޒާއިންނަށް ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި މެޑެލެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ކީރިތި ގުރްއާން އުނގެނުމަށާއި ހިތުދަސްކުރުމަށް ބާރުއެޅުއްވުމަށާއި، ގުރްއާން ހިތުދަސްކުރާ ފަރާތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރައްވައި، އެކަން ޚާއްސަ ގޮތެއްގައި ފާހަގަކުރެއްވުމުގެ މަގުސަދުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ޖަލްސާގައި، މިއަހަރު ޙާފިޒުކަމުގެ ސަނަދު ހާސިލު ކުރެއްވި ދެ ޙާފިޒާއިން ކަމަށްވާ ހދ.ހިރިމަރަދޫ ލިލީމާގޭ އަލްޙާފިޒާ ފަހީމާ އަބްދުﷲ އަށާއި، ހުޅުމާލެ 10152 އުމުރުން 14 އަހަރުގެ އަލްޙާފިޒާ ރިފްދާ މުހައްމަދު ރަޝީދަށް، ރައީސުލްޖުމްހޫރިއްޔާ މެޑެލް ދެއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.