ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އައިވަރީ ކޯސްޓް ގައުމީ ޓީމަށް ކުޅޭ ދެބެއިން ކަމަށްވާ ޔާޔާ ޓޫރޭ އާއި ކޯލޯ ޓޫރޭގެ ކޮއްކޮ މިދިޔަ ބުރާސްފަތި ދުވަހު މަރުވެފައި ވީ ނަމަވެސް ވޯލްޑް ކަޕް ނިމެންދެން ޓީމާ އެކު މަޑުކުރަން އެ ދެބެއިން ނިންމައިފި އެވެ.

އައިވަރީ ކޯސްޓު ފުޓްބޯޅަ ޓީމުގެ ތަރުޖަމާނު އެރިކް ކަކޮއޫ ބުނީ، އެ ދެބެންނަށް މަޑުކުރަން ނުވަތަ އެނބުރި ދިއުމަށް އިހްތިޔާރު ދިނުމުން ނިންމީ ޓީމާއެކު މަޑުކުރަން ކަމަށެވެ. ޔާޔާ އާއި ކޯލޯ ޓޫރޭގެ އުމުރުން 28 އަހަރުގެ ފިރިހެން ކޮއްކޮ އިބްރާހީމް ޓޫރޭ މަރުވީ އިނގިރޭސިވިލާތުގައި ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

"ޓީމާއެކު ބްރެޒިލްގައި މަޑުކުރަން ޓޫރޭ ދެބެއިން ވަނީ ނިންމާފައި،" އައިވަރީ ކޯސްޓް ޓީމުގެ ތަރުޖަމާނު ބުންޏެވެ.

އަންނަ ބުދަ ދުވަހުގެ ރޭ ގްރޫޕް "ސީ"ގައި ގްރީސްއާ ދެކޮޅަށް އައިވަރީ ކޯސްޓް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް އެޓީމަށް ކަށަވަރުވެގެން ދާނެއެވެ.

ޖަޕާނު އަތުން 2-1 އިން އައިވަރީ ކޯސްޓު މޮޅުވި މެޗާއި ކޮލަމްބިޔާ އަތުން 2-1 އިން އެޓީމު ބަލިވި މެޗުގައި ވެސް މެންޗެސްޓާ ސިޓީގެ މިލްޑްފީލްޑަރު އުމުރުން 31 އަހަރުގެ ޔާޔާ ކުޅެފައި ވާއިރު، ލިވަޕޫލްގެ ޑިފެންޑަރު ކޯލޯ އަދި މިފަހަރުގެ މުބާރާތުގެ މެޗެއްގައި ކުޅެފައެއް ނުވެއެވެ.