އީރާނު އަތުން ހަނިގޮތަށް އާޖެންޓީނާ މޮޅުވެ، ވޯލްޑް ކަޕްގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވި މެޗުންގައި އެޓީމަށް ލަނޑު ޖަހައިދިން ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީއަކީ "ޖީނިއަސް"އެއް ކަމަށް ބުނެ އެޓީމުގެ ކޯޗު އަލެޔަންޑްރޯ ސަބެއްލާ، މެސީއަށް ތައުރީފު ކޮށްފި އެވެ.

ވޯލްޑް ކަޕުގެ ގްރޫޕް "އެފް"ގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް އާޖެންޓީނާއަށް ކަށަވަރު ވެފައި ވާ އިރު، ދެފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި ވާ އާޖެންޓީނާ ވަނީ ރޭގެ މެޗުން އީރާނު އަތުން މޮޅުވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އީރާންފގެ ވަރުގަދަ ޑިފެންސް ފޫއަޅުވާލައި އާޖެންޓީނާ މޮޅުވި ލަނޑު މެސީ ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓްގެ ތެރޭގައެވެ.

"އަހަރެމެންގެ ތެރޭގައި އުޅޭނެ މެސީ ކިޔާ 'ޖީނިއަސް'އެއް. ނަސީބަކުން އެއީ އާޖެންޓީނާ މީހެއް،" މެޗަށް ފަހު ނޫސްވެރިނަނާ ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ބުންޏެވެ. "އީރާނުން އަހަރެމެންގެ ދިރިއުޅުން އުނދަގުލުގެ ތެރެއަށް ދުއްވައިލި. އެކަމަކު މެސީއާ އެކު ހުރިހާ ކަމެއްވެސް ފުރިހަމަ ކުރެވޭނެ،"

މި މުބާރާތުގެ ކުރިން ވޯލްޑް ކަޕް އަށް މެޗު ކުޅެގެން މެސީއަށް ޖެހިފައި ވަނީ އެންމެ ލަނޑެކެވެ. އަދި އޭގެ ފަހުން ވޯލްޑް ކަޕްގައި އިތުރު ލަނޑެއް މެސީއަށް ކާމިޔާބު ކުރެވިފައި މިވަނީ އަށް އަހަރު ފަހުން، މިފަހަރުގެ މުބާރާތުގައި ބޮސްނިއާ އަތުން 2-1 އިން އާޖެންޓީނާ މޮޅުވި މެޗުގައެވެ. އީރާނުގެ ގޯލަށް ރޭގެ މެޗުގެ 91 ވަނަ މިނިޓުގައި މެސީ ވައްދާލި ރީތި ލަނޑާއެކު ގައުމީ ޓީމަށް އޭނާ ޖަހައިދިން ލަނޑުގެ އަދަދު ވަނީ، 40 އަށް އަރައިފައެވެ.

އާޖެންޓީނާގެ ކޯޗު ބުނީ، ބޮޑެތި އުނދަގޫތަކަކަށް ފަހު އީރާން އަތުން ހަނިގޮތަށް މޮޅުވި އިރު އޭނާގެ ޓީމުން ކުރިއަށް އޮތްތާނގައި ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުރި ކަމަށެވެ.

"މެޗުގެ ފުރަތަމަ ހާފުގައި ވެސް އީރާނަށް ލިބުނު ލަނޑު ޖަހައި މެޗުގެ ކުރި ހޯދަން ހަތަރެއް ނުވަތަ ފަސް ވަރަކަށް ފުރުސަތު،" އުމުރުން 59 އަހަރުގެ ސަބެއްލާ ބުންޏެވެ.

ސަބެއްލާ ބުނީ، އީރާނާ ދެކޮޅަށް ހުރިހާ ކުޅުންތެރިންގެ ވެސް ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި އެހެން ނަމެވެސް މެޗުން މޮޅުވީ، އޭނާގެ ޓީމުގައި މެސީ ކިޔާ 'ޖީނިއަސް"އެއް ހުރުމުން ކަމަށެވެ.

"މެސީގެ އެ ހަމަލާ ދެ ކީޕަރުން ތިބި ނަމަވެސް މަތައެއް ނުކުރެވޭނެ،" އީރާން ގޯލަށް މެސީ ލަނޑު ޖެހިލެއް ފުރިހަމަކަން ހާމަކޮށްދެމުން އާޖެންޓީނާ ޓީމުގެ ކޯޗު ބުންޏެވެ.