އާޖެންޓީނާ އަތުން 1-0 އިން ބަލިވި ނަމަވެސް އެ މެޗުގައި އީރާނު ކުޅުންތެރިން ދެއްކި ހިތްވަރުގަދަ ކުޅުމަށް އެގައުމުގެ ރައީސް ހަސަން ރޫހާނީ ތައުރީފު ކުރައްވައިފި އެވެ.

އީރާންގެ ރައީސް ގައުމީ ޓީމަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވެފައި ވަނީ، އާޖެންޓީނާގެ ވަރުގަދަ ފުޓްބޯޅަ ޓީމާ ދެކޮޅަށް އީރާންގެ މުސްލިމް ޒުވާން ޓީމުން ދެއްކި މޮޅު ކުޅުމުގެ ސަބަބުން ގިނަ ބަޔަކަށް ހައިރާންކަން ލިބިފައި ވާ ކަމަށެވެ.

"ޖޯޝުން ފުރިގެންވާ އީރާނުގެ މުސްލިމް ޒުވާނުން މިވަނީ، އެމީހުންގެ ހުރި ކުޅަދާނަ ކަމާއި ގާބިލުކަން އަނެއްކާ ވެސް މުޅި ދުނިޔެއަށް ހާމަކޮށްދީފައި،" ރޫހާނީ ފޮނުއްވި މެސެޖުގައި ވެއެވެ.

އީރާންގެ ރައީސް ވިދާޅުވީ، މުޅި ގައުމު ފަޚުރުވެރިވާފަދަ އަދި ގައުމުގެ އެންމެހާ ރައްޔިތުންގެ ހިތްތައް އުފަލުން ފުރޭފަދަ މޮޅު ކުޅުމެއް ދައްކުވައިދިން އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންނަށާއި ކޯޗިން ސްޓާފުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.

އާޖެންޓީނާ އަތުން ފަހު ވަގުތުގައި ހިތްދަތި ގޮތަކަށް އީރާން ބަލިވި މެޗާ ބެހޭގޮތުން އީރާންގެ ކޯޗު ކާލޯސް ކުއެރޯޒް ބުނީ، މެޗުގެ ނަތީޖާ ބަދަލު ވުމަށް ތަފާތު ދެ ޝަހުސިއްޔަތެއް މެދުވެރިވި ކަމަށެވެ.

"މެޗު ނިމިގެން ދިޔައިރު ތަފާތު ދެ ޝަހުސިއްޔަތެއްގެ ސަބަބުން މެޗުގެ ތަފާތު ފެނިގެން ދިޔައީ. ފުރަތަމަ މީހަކީ ރެފްރީ. އަނެއް މީހަކީ މެސީ،" ރެފްރީގެ ނިންމުންތަކަށް ފާޑު ކިޔަމުން ކުއެރޯޒް ބުންޏެވެ.

އާޖެންޓީނާގެ ޕެނަލްޓީ އޭރިޔާ ތެރެއިން އެޓީމުގެ ޕަބްލޯ ޒަބަލޭޓާ އީރާނުގެ އަޝްކާން ޑިޖާގާއަށް ކުރި ފައުލާ ގުޅޭ ގޮތުން ކުއެރޯޒް ބުނީ އެއީ ސީދާ ޕެނަލްޓީއެއް ކަމަށެވެ.

"އަހަރެން އުންމީދު ކުރަން މިހެން ބުނެގެން އެމީހުން އަހަރެންނަށް އަދަބު ނުދޭނެ ކަމަށް. އަހަރެން މިބުނަނީ ހަމަ ތެދެއް. އެއީ ޕެނަލްޓީއެއް،" މެޗުގައި ރެފްރީކަން ކުރި ސާބިއާގެ މިލޮރަދް މަޒިޗަށް ފާޑުކިޔަމުން ކުއެރޯޒް ބުންޏެވެ.

ގްރޫޕް "އެފް"ގައި ކޮންމެ ޓީމަކަށް ވެސް ބާކީ އެއް މެޗު އޮތް އިރު، ރޭގެ މެޗުން ބަލިވި ނަމަވެސް އީރާނަށް ވެސް ދެ ވަނަ ބުރަށް ދިއުމުގެ ހަނި ފުރުސަތެއް އެބަ އޮތެވެ.

ގްރޫޕް ސްޓޭޖްގައި އީރާން ކުޅޭ ފަހު މެޗުގައި ބުދަ ދުވަހުގެ ރޭ 9:00 ގައި އެޓީމު ނުކުންނާނީ ބޮސްނިއާ އެންޑް ހެޒަގޮވީނާއާ ދެކޮޅަށެވެ. އެ މެޗުން ދެ ލަނޑުގެ ތަފާތުން އީރާން މޮޅުވެ، ހަމަ އެ ގަޑީގައި އާޖެންޓީނާއާ ދެކޮޅަށް ނައިޖީރީއާ ކުޅޭ މެޗުން ނައިޖީރިއާ ބަލިވެއްޖެ ނަމަ އީރާނަށް ދެވަނަ ބުރުގެ ފުރުސަތު ލިބޭނެއެވެ.