ވޮޝިންޓަން: އެމެރިކާ ރައްޔިތުންގެ ތެރެއިން 15.7 ޕަސެންޓަކީ ފަގީރުން ކަމަށް އެމެރިކާގެ ތަފާސްހިސާބުތަކާބެހޭ މަރުކަޒީ އޮފީހުން ބުނެފި އެވެ. މި އޮފީހުން ނެރުނު ރިޕޯޓެއް ބުނާގޮތުން ވޭތުވެދިޔަ ދެތިންއަހަރު ތެރޭގައި އެމެރިކާގެ ފަގީރުންގެ ނިސްބަތްވަނީ ކުރީއަހަރުތަކާ އަޅާބަލާއިރު އިތުރުވެފައެވެ. މިގޮތުން އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2010 ވަނަ އަހަރު އެމެރިކާގެ ރައްޔިތުންގެ ތެރެއިން 15.7 ޕަސެންޓަކީ ފަގީރުންނެވެ.


 ވޭތުވެދިޔަ ދެތިން އަހަރު ފަގީރުންގެ ނިސްބަތް އިތުރުވެފައިވަނީ ފަގީރުންގެ ގޮތުގައި ބަލާ މިންގަނޑުތަކާއި ކްރައިޓީރިޔާއަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަމަށްވެސް މިރިޕޯޓް ބުނެއެވެ. އެމެރކާއަކީ ދުނިޔޭގެ އެންމެ ބޮޑު އިޤްތިސާދެވެ. އަދި އެއީ ދުނިޔޭގައި އެންމެ މުއްސަނދި 10 ޤައުމުގެ ތެރޭގައި ހިމެނޭ ޤައުމެއްވެސް މެއެވެ. އެމެރިކާއަށް ލިބޭ ޤައުމީ އާމްދަނީ އަހަރަކު ބޮލަކަށް 20 ހާސް ޑޮލަރަށްވުރެ މައްޗަށް ޖެހެއެވެ. ނަމަވެސް އެމެރިކާއަކީ ފަގީރުންނާއި މުއްސަނދިންގެ ފަރަގު ވަރަށް ބޮޑު ޤައުމެކެވެ.


ދެހާސް ނުވަ ވަނަ އަހަރު އެމެރިކާ ރައްޔިތުންގެ ތެރެއިން 47.8 މިލިޔަން މީހުންނަކީ ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވާ މީހުން ކަމަށް ތަފާސްހިސާބުތައް ބުނެއެވެ. ނަމަވެސް އެމެރިކާގައި ބަލާ ފަގީރު ކަމުގެ މިންގަނޑަކީ ތިންވަނަ ދުނިޔޭގައި ނޫނީ އެފްރިކާގެ ޤައުމުތަކުގައި ބަލާ ފަގީރުކަމުގެ މިންގަނޑާ ވަރަށްތަފާތު މިންގަނޑެކެވެ. އެހެންކަމުން އެމެރިކާގައި ފަގީރެއްގެ ގޮތުގައި ބަލާކޮންމެ މީހަކީ ތިންވަނަ ދުނިޔޭގެ ޤައުމުތަކުގައި ނޫނީ ފަގީރު ޤައުމުތަކުގައި ފަގީރަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.