ވޯލްޑް ކަޕަށް އަލަށް ކޮލިފައިވި ބޮސްނިއާ އެންޑް ހެރްޒެގޮވީނާ މުބާރާތުން ކެޓި މެޗުގައި ނައިޖީރިއާއަށް މޮޅެއް ހައްގު ކަމުގައި ބޮސްނިއާގެ ކޯޗު ސަފެޓް ސުސިޗް ބުނެފި އެވެ.

އެރީނާ ޕެންޓަނަލްގައި ރޭ ކުޅުނު ގްރޫޕް އެޗްގެ މެޗުގައި ޕީޓާ އޮޑެމްވިންގީގެ ލަނޑުން "ސުޕާ އީގަލްސް"ގެ ނަމުން މަޝްހޫރު ވެފައިވާ ނައިޖީރިއާ އަށް ވަނީ މުބާރާތުގައި އެޓީމަށް ލިބުނު ފުރަތަމަ ތިން ޕޮއިންޓް ލިބިފަ އެވެ. ރޭގެ މެޗުގައި ބޮސްނިއާ އަށް އެޑިން ޖެކޯ ލަނޑެއް ކާމިޔާބުކުރިނަމަވެސް، ރެފްރީ ނިންމާފައި ވަނީ އެއީ އޮފްސައިޑެއް ކަމަށެވެ. ނަމަވެސް ވީޑިއޯ ރީޕްލޭތަކުން ދައްކަނީ އެއީ އޮފްސައިޑް ލަނޑެއް ނޫން ކަމަށެވެ.

"އަހަރެމެން މިހާ އަވަހަށް ވޯލްޑް ކަޕާ އަލްވަދާއު ކިޔަން ޖެހުމަކީ ހިތާމަހުރި ކަމެއް،" ސުސިޗް ބުންޏެވެ. "އޮފްސައިޑް ނުވާ ލަނޑެއް އޮފްސައިޑަށް ދެއްކުމަކީ އަހަރެމެންގެ ނަސީބު ދެރަކަން. ނައިޖީރިއާ އަށް މަރުހަބާާ ކިޔަން. އީރާނާ ދެކޮޅަށް ދެއްކި ކުޅުމަށް ވުރެ، އަހަރެމެންނާ ދެކޮޅަށް ކުޅުނު މި މެޗުގައި ނައިޖީރިއާ ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް،"

އޭނާ ބުނީ، ނައިޖީރިއާ އިން ބޮސްނިއާ ޓީމު ހައިރާންކޮށްލައިފަވާ ކަމަށާއި ނައިޖީރިއާ ދެއްކީ މޮޅު އަދި އަވަސް ކުޅުމެއް ކަމަށެވެ. އަދި ރޭގެ މެޗުން ނައިޖީރިއާ މޮޅުވީ އެމީހުން އެޓޭކިންގް ފުޓްބޯޅައެއް ކުޅެ މޮޅުވުމަށް މަސައްކަތްކުރުމުން ކަމަށް ވެސް ސުސިޗް ބުންޏެވެ.

ގްރޫޕްގެ އެންމެ ފަހު މެޗުގައި ބޮސްނިއާ ނުކުންނަން ޖެހޭނީ އީރާނާ ދެކޮޅަށެވެ. އެރީނާ ފޮންޓޭ ނޯވާގައި ކުޅޭ މި މެޗަށް ބޮސްނިއާ ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 9:00 ގައެވެ.