ވޯލްޑް ކަޕުގެ ގްރޫޕް އެފްގައި ނައިޖީރިއާ އަތުން ބަލިވެ އެނބުރި ރަށަށް ދާން ޖެހުނު ބޮސްނިއާ އާއެކު މެޗުގެ ރެފްރީ ޕީޓާ ވެސް ރަށަށް ދާން ޖެހޭނެ ކަމަށް ބޮސްނިއާގެ ފޯވަޑް އެޑިން ޖެކޯ ބުނެފި އެވެ.

ބޮސްނިއާ އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ޖެކޯ ބުނީ އޭނާ ދެކޭ ގޮތުގައި، ނައިޖީރިއާ އަތުން ރޭ 1-0 ލަނޑުން ބަލިވި މެޗުގައި ފެނުނު ލަނޑަކީ ފައުލް ކޮށްގެން ނައިޖީރިއާ ކާމިޔާބުކުރި ލަނޑެއް ކަމަށާއި، އޭނާ ކާމިޔާބުކުރި ލަނޑަކީ އޮފްސައިޑް ލަނޑެއް ނޫން ކަމަށެވެ.

"ނައިޖީރިއާ އާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވާން ޖެހޭނީ އަހަރެމެން،" އޭނާ ބުންޏެވެ. "މިއަދު ރެފްރީގެ ނިންމުންތަކާ މެދު އޭނާ ލަދުގަންނަން ޖެހޭނެ. އަހަރެމެން މި ޖެހުނީ މުބާރާތުން ކަޓައި އެނބުރި ރަށަށް ދާން. އެކަމަކު އަހަރެމެންނާއެކު ރެފްރީ ވެސް އެނބުރި ރަށަށް ދާން ޖެހޭނެ. ނަތީޖާ އަދި މެޗު ބަދަލުކޮށްލީ ރެފްރީ. އަހަރެމެން ބަލިވީ ރެފްރީއާ ހެދި. ނައިޖީރިއާ އިން ކާމިޔާބުކުރި ލަނޑަކީ އަހަރެމެންގެ ކެޕްޓަނަށް ފައުލްކޮށްފައި ޖެހި ލަނޑެއް. އަދި އަހަރެން ޖެހި ލަނޑު އޮފްސައިޑެއް ނުވާނެ،"

މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ބަލިވެ، މުބާރާތާ އަލްވަދާއު ކިޔަން ޖެހުނު ބޮސްނިއާ، ގްރޫޕް ސްޓޭޖުގައި ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އީރާނާއި ދެކޮޅަށެވެ. އެރީނާ ފޮންޓެ ނޯވާގައި ކުޅޭ މި މެޗަށް ބޮސްނިއާ ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 9:00 ގައެވެ.