ވޯލްޑް ކަޕުގައި ވާދަކުރާ އަލްޖީރިއާއަށް އެ ޓީމުގެ ސަޕޯޓަރުންގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އަލްޖީރިއާގެ ކޯޗު ވާހިދު ހަލީލްހޮޑްޒިޗް، އެ ޓީމުގެ ސަޕޯޓަރުންނަށް ރައްދު ދީފި އެވެ.

އަލްޖީރިއާ އިން މިރޭ ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ އިރު، އެ ޓީމުގެ ކޯޗަށް އޮތް އެންމެ ބޮޑު ޕްރެޝަރަކީ ސަޕޯޓަރުންގެ ޕްރެޝަރެވެ. ވޯލްޑް ކަޕު 1982 އަށް ފަހު، ވޯލްޑް ކަޕުގެ މެޗަކުން އެ ޓީމު މޮޅުވެފައެއް ނުވެއެވެ.

މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ފުރަތަމަ މެޗުގައި ބެލްޖިއަމް އަތުން ލިބުނު ނާކާމިޔާބަށް ފަހު، ދެކުނު ކޮރެއާއާ ދެކޮޅަށް ނުކުންނަ މެޗުގައި އަލްޖީރިއާގެ ކުޅުންތެރިންގެ ހިތްވަރާއެކު އެޓީމަށް މޮޅެއް ލިބިދާނެ ކަމަށް ހަލީލްހޮޑްޒިޗް ގަބޫލުކުރެއެވެ.

"އަހަރެމެންގެ ގައުމަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެއް އުޅޭ ގައުމެއް. އެހެންކަމުން އެމީހުން ޓީމަށް އިތުބާރު ކުރާނެ،" ހަލީލްހޮޑްޒިޗް ބުންޏެވެ. "އަހަރެން މި ވާހަކަ ޓީމުގެ ކުޅުންތެރިން ކައިރީވެސް ބުނެފައިވާނެ. މެޗަށް ނުކުންނަ އިދިކޮޅު ޓީމަކީ އަހަރެމެންނަށް ވުރެ، މޮޅު ޓީމެއް. އަހަރެމެންނަކީ ބްރެޒިލްއެއް ނޫން. ބްރެޒިލްއާ ދެކޮޅަށް ނުކުންނަ ޓީމާ މެދު ނުވިސްނި ކަމަށް ވިޔަސް އަހަރެމެން ވިސްނަން ޖެހޭނެ. އަހަރެމެން މަސައްކަތްކުރާނީ އަލްޖީރިއާގެ ރައްޔިތުންނަށް ހަދީޔާއެއް ދިނުމަށް،"

ގްރޫޕް އެޗްގައި ދެކުނު ކޮރޮއާއާ ދެކޮޅަށް އަލްޖީރިއާ ނުކުންނާނީ މިރޭ 12:00 ގައެވެ. މި މެޗު ކުޅޭނީ އެސްޓޭޑިއޯ ބެއިރާ ރިއޯގައެވެ.