22 Jun 2014, 09:34
ޓެކްސް ދައްކާ ފަރާތްތަކަށް ޓެކުހާ ގުޅޭ ކަންކަމުގައި އެހީތެރިވެދިނުމަށް ލައިސަންސް ދޫކުރެވޭ ޓެކްސް އޭޖެންޓުން ރެގިއުލޭޓްކުރުމާ ބެހޭ ގަވާއިދު މީރާ އިން ގެޒެޓްކޮށްފިއެވެ.
"ޓެކްސް އޭޖެންޓުންގެ ގަވާއިދު" ގައި ބުނެފައިވާ ގޮތުން ޓެކްސް އޭޖެންޓުކަމުގެ ދެ ކެޓަގަރީއެއްގެ ހުއްދަ މީރާއިން ދޫކުރެއެވެ. އެ ގޮތުން ކެޓަގަރީ އެކެއްގެ ޓެކްސް އޭޖެންޓުންނަށް ކޮންމެ ގިންތިއެއްގެ ޓެކްސް ދައްކާ ފަރާތެއްގެ އޭޖެންޓުކަން ކުރެވޭއިރު ކެޓަގަރީ ދޭއްގެ ޓެކްސް އޭޖެންޓުންނަށް އޭޖެންޓުކަން ކޮށްދެވޭނީ އަހަރެއްގެ ތެރޭގައި ލިބޭ ޖުމުލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ ދަށުން ޓެކްސް ދައްކާ ފަރާތްތަކަށެވެ.
"ދެ ކެޓަގަރީގެ ޓެކްސް އޭޖެންޓުން ވެސް ހުއްދަ ދޫކުރާނީ މީރާއިން ދޭ އިމްތިހާނަކުން ފާސްވުމުން. ކެޓަގަރީ ދެ އެއްގެ ޓެކްސް އޭޖެންޓުން މީރާއިން ހިންގާ ކޯހެއް ވެސް ފުރިހަމަކުރަން ޖެހޭނެ،" މީރާއިން ބުންޏެވެ.
މީރާއިން ބުނީ އެ ހުރިހާ ޓެކްސް އޭޖެންޓުން ވެސް އެ އިދާރާ އިން ހިންގާ ފެންވަރު ދެމެހެއްޓުމުގެ ޕްރޮގްރާމް ފުރިހަމަކުރަމުން ގެންދަންވާނެ ކަމަށާއި، މި ޕްރޮގްރާމް ފުރިހަމަ ނުކުރާނަމަ ލައިސަންސް ބާތިލުކުރެވޭނެ ކަމަށެވެ.
ޓެކްސް އެޖެންޓުންނަކީ ޓެކްސް ދައްކާ ފަރާތްތަކުން ދައްކަންޖެހޭ ޓެކުހުގެ އަދަދު ހިސާބުކުރުމުގައްޔާއި ޓެކްސް ބަޔާން ތައްޔާރުކުރުމުގައި އެ ފަރާތްތަކަށް އެހީތެރިވެދިނުމަށާއި، ޓެކުހާ ގުޅޭ ކަންކަމުގައި އެ ފަރާތަށް ލަފާ ދިނުމުގެ އިތުރުން ޓެކްސް ދައްކާ ފަރާތުން މީރާއާ ދެމެދު ކުރަންޖެހޭ އެކިއެކި މުއާމަލާތްތައް އެ ފަރާތުގެ ބަދަލުގައި ކުރުމަށްޓަކައި އައްޔަންކުރެވޭ ފަރާތެކެވެ.