މޮސްކޯ (ޖޫން 22): ޔުކްރޭންގެ ސިފައިންނާއި އެގައުމުގައި ވަކިވެގަތުމަށް މަސައްކަތްކުރާ އިދިކޮޅު ޖަމާއަތްތަކާ ދެމެދު ހިނގަމުންދާ ހަނގުރާމައިގާ ހަމަލާތައް ހުއްޓާލިކަން ޔުކްރޭންގެ ރައީސް އިއުލާން ކުރެއްވުމުން ރަޝިޔާގެ ރައީސް ވްލްޑިމޭރު ޕޫޓިން އެކަމަށް މަރްހަބާ ވިދާޅުވެއްޖެ އެވެ.

ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ޕޫޓިން ވިދާޅުވީ ހަމަލާތައް ހުއްޓާލިކަން ޔުކްރޭންގެ ރައީސް އިއުލާން ކުރެއްވުމަކީ ރަނގަނޅު ފިޔަވަޅެއް ކަމަށާ ނަމަވެސް ޔުކްރޭންގެ ސަރުކާރުން އިދިކޮޅު ޖަމާއަތްތަކާއެކު ސުލްހައިގެ ވާހަކަތައް ފަށައިގެންމެނުވީ އެގައުމުގެ މައްސަލައަށް ޙައްލެއް ނާންނާނެ ކަމުގަ އެވެ. ޕޫޓިން ވިދާޅުވެފައިވަނި ޔުކްރޭންގެ ދާޚިލީ އަރާރުމުގައި ރަޝިޔާގެ ސިޔާސަތު ބިނާވެފައިވަނީ އެގައުމުގެ ހުރިހާ ނަސްލުތަކެއްގެ މީހުންނަށްވެސް އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދޭ އަދި އެއްވެސް ފަރާތެއް ތަފާތު ނުކުރާ ގޮތެއްގެ މަތިން ސުލްޙަވެރިކަމާއެކު މައްސަލަ ކުރުމުގެ މައްޗަށް ކަމުގަ އެވެ. މިކަންކުރެވޭނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ އިދިކޮޅު ޖަމާއަތްތަކާއި ޔުކްރޭންގެ ސަރުކާރާ ދެމެދު ސީރިޔަސް ގޮތެއްގައި ސުލްހައިގެ ވާހަކަތައް ދެކެވި ދެފަރާތް އެއްބަސްވާ ނަތީޖާތަކެއް ނެރެވިގެން ކަމަށާ ސުލްހައިގެ ވާހަކަތައް ފެށުމުގެކުރިން ދެފަރާތުންވެސް ހަމަލާތައް ހުއްޓާލަންޖެހޭނެ ކަމަށް ޕޫޓިންގެ ބަޔާން ބުނެ އެވެ.

ޔުކްރޭންގެ ރައީސްބިތްރޯ ބޯޝިންކޯ އިއްޔެ ވަނީ އެގައުމުގެ ދާޚިލީ ހަނގުރާމައިގާ ސަރުކާރު ސިފައިންގެ ފަރާތުން އިދިކޮޅު ފަރާތްތަކަށްދޭ ހަމަލާތައް ހުއްޓާލިކަން އިއުލާންކުރެއްވުމަށްފަހު ހަތިޔާރު ބެހެއްޓުމަށް އިދިކޮޅު ޖަމާއަތްތަކަށް ގޮވާލައްވާފަ އެވެ. އަދި ސުލްހައިގެ ވާހަކަތައް ފެށުމުގެކުރިން އިދިކޮޅު ޖަމާއަތްތަކުން ހަތިޔާރު ބަހައްޓަންޖެހޭނެ ކަމަށާ ސުލްހައިގެ ވާހަކަތައް ދައްކާނީ އިދިކޮޅު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ މެދުމިނުގެ ފަރާތްތަކާއެކީގައި ކަމަށާ އޭގެތެރޭގައި ހިމެނޭ ހަރުކަށި ފަރާތްތަކަކީ ޓެރަރިސްޓުން ކަމަށް ސިފަކޮށް އެފަރާތްތައް ސުލްހައިގެ ވާހަކަތަކުގައި ބައިވެރި ނުކުރެވޭނެ ކަމަށްވެސް ބޯޝިންކޯ ކުރިން ވިދާޅުވެފައިވެ އެވެ.

ޔުކްރޭންގެ ރައީސް އިއުލާން ކުރައްވާފައިވާ ސުލްޙައިގެ ޕްލޭނަކީ 14 ނުކުތާއެއްގެ މައްޗަށް އެކުލެވޭ ޕްލޭނެކެވެ. މި ޕްލޭންގެ ބައިތަކުގެ ތެރޭގައި ޔުކްރޭނާއި ރަޝިޔާ ގުޅިފައިވާ ސަރަހައްދީ ރޮނގުގައި 10 ކިލޯމީޓަރުގެ ފުޅާމިނަށް އޮންނަ ހަތިޔާރު ގެންގުޅުން މަނާ ސަރަހައްދެއް ގާއިމް ކުރުމާއި ޔުކްރޭންގައި ޕާލަމެންޓްރީ އިންތިޚާބާއި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަލުން ބެއްވުން ހިމެނެ އެވެ.

މީގެއިތުރުން ޔުކްރޭންގެ ބޮޑެތި ސަރަހައްދުތަކަށް ވެރިކަމުގެ އިތުރު ބާރުތައް ދީ މަރުކަޒީ ސަރުކާރުގެ އަތްދަށުގައި ޒަމާނުއްސުރެ އޮންނަ ވެރިކަމުގެ ބާރުތަކުގެ ބައެއް އެސަރަހައްދުތަކުގެ ލޯކަލް ސަރުކާރުތަކަށް ދޫކޮށްލައި ލާމަރުކަޒީ ނިޒާމް އިތުރަށް ވަރުގަދަކުރުންވެސް ސުލްހައިގެ ޕްލޭންގައި ހިމެނޭ ކަމަށް ޔުކްރޭންގެ މީޑިޔާ ބުނެ އެވެ.

ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގެ ބޮޑުބައެއްވަނީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އެ ޖަމާއަތްތައް ބޭނުންވަނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތައް އެގައުމުން ވަކިވެ އެސަރަހައްދުތަކުގައި މިނިވަން މުސްތަގިއްލު ދައުލަތެއް އިއުލާން ކުރުމުގެ ފުރްސަތު ދިނުމަށެވެ. މިގޮތުން ޔުކްރޭން ތިން ސަރަހައްދެއްގެ ލޯކަލް ސަރުކާރުތަކުންވަނީމައި ސަރުކާރަށް ގޮންޖެހުމަށްފަހު ފެންނަ ނުފެންނަ ވޯޓެއް ނަގައި މިނިވަންކަން އިއުލާންކޮށްފަ އެވެ.
މީގެތެރެއިން ކްރައިމިޔާވަނީ މިނިވަންކަން އިއުލާން ކުރުމަށްފަހު ރަޝިޔާއާއެކު އިއްތިހާދީ އެއްބަސްވުމެއްގައި ސޮއިކޮށް ރަޝިޔާގެ ބައެއްގޮތުގައިވެސް ހަމަޖައްސާފަ އެވެ.

ޔުކްރޭންގެ ރައީސް ވިދާޅުވަނީ އެއްވެސް ސަރަހައްދެއް ޔުކްރޭންގެ ދައުލަތުން ވަކިވެގަތުމުގެ ފުރުސަތު ނުދޭނެ ކަމަށާ ރަޝިޔާގެ ބައެއްގޮތުގައި މިހާރު ހަމަޖައްސާފައިވާ ކްރައިމިޔާ ސަރަހައްދުވެސް ވެކިވެގެންފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާ އެކަން ގަބޫލުނުކުރައްވާ ކަމުގަ އެވެ. (ނޫސްއެޖެންސީތައް)