ގާހިރާ (ޖޫން 22): މަގާމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އެންމެ އިސްވެރިޔާ އަދި އެޖަމާއަތުގެ މުރްޝިދުލް އާންމު ޑރ. މުހައްމަދު ބަދީއު އާއި އިތުރު 182 މީހުންނަށް މަރުގެ އަދަބު ދިނުމަށް މިސްރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އެ ހުކުމް ގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހު މިސްރުގެ އަލްމިންޔާ ގަވަނޭޓްގެ އަލްޢަދްވާ ސިޓީގައި އިޚްވާން ޖަމާއަތުގެ މެންބަރުންނާއި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކުން މިސްރުގެ ސަރުކާރާ ދެކޮޅަށް ކޮށްފައިވަނީ ޣައިރުގާނޫނީ މުޒާހަރާތަކެއް ކަމަށާއި އެމުޒާހަރާ ތަކުގައި ފުލުހުންގެ މީހަކު މަރާލައި ފުލުހުންގެ މަރުކަޒެއް އަންދާލުމުގެ އިތުރުން ދައުލަތުގެ ތަކެއްޗާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގަ އެވެ.

މަރުގެ ހުކުމް އިއްވާފައިވަނީ އެކަމުގައި ބައިވެރިވިކަން ސާބިތުވާ ފަރާތްތަކަށް ކަމަށްވެސް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. މިސްރުގެ އިސްލާމި ފިކުރުގެ ސިޔާސީ ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުގެ އިތުރު ބަޔެއްގެ މައްޗަށްވެސް މީގެކުރިން މަރުގެ ހުކުމް އިއްވާފައިވެ އެވެ. އަދި އެޖަމާއަތުގެ މުރްޝިދުލް ޢާންމު ޑރ. މުހައްމަދު ބަދީއު ގެ މައްޗަށްވަނީ އެހެން މައްސަލައަކާ ގުޅިގެންވެސް މަރުގެ ހުކުމް އިއްވުމަށްފަހު އެހުކުމް ތަންފީޒުކުރުމާމެދު ގޮތެއް ނިންމުމަށްޓަކައި މިސްރުގެ މުފްތީ ގެ އޮފީހަށް މައްސަލަ ފޮނުވާފަ އެވެ.

އިޚްވާން ޖަމާއަތުގެ ވެރިކަން އަސްކަރީ އިންގިލާބަކުން ވައްޓާލުމަށްފަހު މިސްރުގައި އުފެއްދި ވަގުތީ ސަރުކާރުންވަނީ އެޖަމާއަތުގެ އެތަށް ސަތޭކަ ބަޔަކު ޝަރީއަތަކާނުލައި ހައްޔަރު ކުރުމަށްފަހު އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ނިންމައި އެޖަމާއަތް އުވާލައި އައިރު ގާނޫނީ ޖަމާއަތަކަށް ހަދާފަ އެވެ. ނަމަވެސް އިޚްވާން ޖަމާއަތަކީ އެޖަމާއަތުގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށްޓަކައި އެއްވެސް ވަރަކަށް ހަރުކަށި އަމަލުތައް ހިންގާ ޖަމާއަތެއްނޫނެވެ.

އަދި އިޚްވާނުންގެ ވެރިކަން ޣައިރު ގާނޫނީ ގޮތުން ވައްޓާލުމުގައި އިސްކޮށް ހުންނެވި ސިފައިންގެ އޭރުގެ ވެރިޔާ އަބްދުލްފައްތާޙް އައްސީސީ ވަނީ ސިފައިންގެ ކޮންޓްްރޯލްގެ ދަށުން ބޭއްވި އިންތިޚާބެއްގެ ތެރެއިން މިސްރުގެ ވެރިކަމަށް އިސްވެވަޑައިގެންފައެވެ. މިއާއެކު ސީސީ އިސްކޮށް ހުންނަވައިގެން އިޚްވާން ޖަމާއަތުގެ މެންބަރުންނަށާއި މުރުސީއަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާފައިވާ އެތަށް ސަތޭކަ ބަޔަކު މެރުމުގެ ޖަރީމާތަކަށްވަނީ އިންސާފު ނުލިބި އެވެ.

ޑރ. މުރުސީގެ ގާނޫނީ ވެރިކަން މިދިޔަ އަހަރުގެ ޖުލައިމަހު އަސްކަރީ އިންގިލާބަކުން ވައްޓާލުމަށްފަހު ސިފައިންގެ ކޮންޓްރޯލްގެ ދަށުން މިސްރުގައި އުފެއްދި ވަގުތީ ސަރުކާރުންވަނީ އެކަމާދެކޮޅަށް މުޒާހަރާތަކާއި އިހްތިޖާޖްތައްކުރި އިޚްވާން ޖަމާއަތުގެ މެންބަރުންނާއި އެޖަމާއަތަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް އެތަށް ސަތޭކަ ބަޔަކު މަރާލާފަ އެވެ. މީގެއިތުރުން ޑރ. މުރުސީވެސް ޝަރީއަތަކާނުލައި ވަކިމުއްދަތެއް ނެތްގޮތަށް ޖަލުގައި ހައްޔަރުކޮށްފައިވާތަން މިހާރުވަނީ 11 މަސް ވެފަ އެވެ.

އިޚްވާން ޖަމާއަތުގެ ވެރިންނާއި އެޖަމާއަތުގެ މެންބަރުންނަށާ އަދި ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން އެތަށް ސަތޭކަ ބަޔަކާ ދެކޮޅަށް މިސްރުގެ ކޯޓުތަކުން އިއްވާފައިވާ މަރުގެ ހުކުމްތަކަކީ މިސްރުގެ ސިޔާސީ ދާއިރާގެ އިތުރުން ޝަރުއީ ދާއިރާވެސް ސިފައިންގެ ކޮންޓްރޯލްގެ ދަށުގައިވާކަން ހާމަވެގެން ގޮސްފައިވާ ކަމެއް ކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ. ސީސީ ވަނީ މިސްރުގެ ވެރިކަން ލިބިއްޖެނަމަ އިޚްވާން ޖަމާއަތުގެ ވުޖޫދު މިސްރުން ފުހެލައްވާނެ ކަމަށް ވިދާޅުވެ ވަރަށް ހަރުކަށި ގޮތަކަށް ވާހަކަ ދައްކަވާފަ އެވެ. (އަލްޖަޒީރާ)