ވޯލްޑް ކަޕުގެ ގްރޫޕް އެފްގައި ޕީޓާ އޮޑެންމްވިންގީގެ ލަނޑުން ނައިޖީރިއާ އަތުން ބޮސްނިއާ އެންޑް ހެޒެގޮވީނިއާ ބަލިވެ، އެ ޓީމު މުބާރާތުން ކަޓައިފި އެވެ.

އެރީނާ ޕެންޓަނަލްގައި މިރޭ ކުޅުނު މިމެޗުން ނައިޖީރިއާ އަތުން 1-0 ލަނޑުން ބަލިވެ، ވޯލްޑް ކަޕުން ބޮސްނިއާ ކެޓުމާއެކު އެ ޓީމު ހިމެނިފައި ވަނީ މި މުބާރާތުން ކެޓި ތިންވަނަ ޔޫރަޕްގެ ޓީމަށެވެ. އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި ބޮސްނިއާ ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ އަތުން ބަލިވީ 2-1 ލަނޑުންނެވެ.

މެޗުގައި ދެޓީމަށް ވެސް ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށްލެވުނު އިރު، ރަނގަޅު ކުޅުމެއް ދެއްކީ ދަށް ކުޅުމަކާއެކު ފުރަތަމަ މެޗުން އީރާންގެ މައްޗަށް ކުރި ނުހޯދުނު ނައިޖީރިއާ އެވެ. އެޓީމަށް ދެވަނަ ހާފުގައި ލީޑު ފުޅާކުރުމަށް ވެސް ފުރުސަތުތަކެއް ލިބިފައި ވެއެވެ.

މެޗުގެ ފުރަތަމަ ކޮޅުގައި ބޯޅަ ހިފަހައްޓައިގެން ގިނަ ވަގުތު ކުޅެމުންދިޔައީ ބޮސްނިއާ އިންނެވެ. ބޮސްނިއާގެ މިރަޔެމް ޖަނިކް އާއި ޔެޒްޑާ މިސިމޮވިޗް ރީތި ދެ ބޯޅަ އެޑިން ޖެކޯއަށް ދިން ނަމަވެސް މެންޗެސްޓާ ސިޓީގެ ފޯވަޑަށް އެ ދެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

ބޭނުން ނުހިފުނު ދެ ފުރުސަތަށްފަހު، ޖެކޯ ވަނީ ލަނޑެއް ކާމިޔާބުކޮށް އުފާފާޅުކޮށްފަ އެވެ. ނަމަވެސް އޭރު ލައިންސްމަނު ދެއްކީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. ނަމަވެސް ވީޑިއޯ ރީޕްލޭ ތަކުން ދައްކާ ގޮތުގައި ބޯޅަ ޖެއްސި އިރު، ޖެކޯ ހުރީ އޮފްސައިޑުގައެއް ނޫނެވެ.

އޭގެ ދެ މިނެޓްފަހުން ވެސް ޖެކޯއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް މެޑުޖަނިންގެ ބޮލުން ޖެކޯއަށް ދިން ބޯޅައިން އުފެއްދި ހަމަލާގެ ހުރަހަކަށް ވީ، އެ ޓީމުގެ ކެޕްޓަން އަދި ގޯލްކީޕަރު ވިންސެންޓް އެންޔޭމާ އެވެ.

ޖެކޯގެ ބޮސްނިއާއަށް ލިބުނު ފުރުސަތުތައް ނިންމާ ނުލެވުމުގެ ނަތީޖާއަކަށް ވީ، މެޗުގެ 29 ވަނަ މިނެޓްގައި ނައިޖީރިއާ އިން ލީޑު ނެގުމެވެ. ނައިޖީރިއާއަށް އޮޑެމްވިންގީ ކާމިޔާބުކޮށްދިން މި ލަނޑަކީ އެމަނުއެލް އެމެނިކޭ ދިން ބޯޅައަކުން ޖެހި ލަނޑެކެވެ.

އެ ލަނޑަށްފަހު، މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔަ ތަން ފެނިގެންދިޔަ އެވެ. މެޗުގައި ދެން ފެނިގެންދިޔައީ ލީޑުގައި އޮތް ނައިޖީރިއާ އިން ލީޑު ފުޅާކުރުމަށް ކުޅުނު ތަނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފު ނިމެން މިނެޓަށް ވެފައި ވަނިކޮށް ބޮސްނިއާއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ޖެކޯ އުފެއްދި މި ހަމަލާ ދިޔައީ ނައިޖީރިއާ ހުރަސް ދަނޑީގެ މަތިންނެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ކީޕަރުންގެ ތެރެއިން އުނދަގޫ މަސައްކަތެއް ކުރަން ޖެހުނީ ބޮސްނިއާގެ ކީޕަރު އަސްމިރް ބެގޮވިޗް އެވެ. ބޮސްނިއާއަށް އިތުރު ހިތްވަރެއް ހޯދައިދިނުމުގެ ގޮތުން ދެވަނަ ހާފުގައި ބެގޮވިޗް ވަނީ ނައިޖީރިއާގެ ތިން ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގައި އެންމެ ގިނަ ފުރުސަތުތަކެއް ލިބުނު ޖެކޯއަށް ނަތީޖާ ހަމަހަމަކޮށް، ބޮސްނިއާ ސަލާމަތްކޮށްދިނުމަށް އިތުރު ފުރުސަތެއް ލިބުނެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުގައި ޖެކޯ އުފެއްދި ހަމަލާގެ ހުރަހަކަށް ވީ ވެސް، މެޗުގައި މޮޅު ކުޅުމެއް ދެއްކި ނައިޖީރިއާގެ ކީޕަރު އެންޔޭމާ އެވެ. މިއީ އެންޔޭމާ ކޮޅަށް ލަނޑެއް ނުވަދެ، ނިމިގެންދިޔަ ދެވަނަ މެޗެވެ. އަދި 1998 ވަނަ އަހަރަށް ފަހު ވޯލްޑް ކަަޕް މެޗަކުން ނައިޖީރިއާ މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުން މޮޅުވެ ނައިޖީރިއާއަށް ގަދަ 16ގެ ޖާގައެއް ހޯދުމުގެ ފުރުސަތެއް އޮތް ނަމަވެސް، އެޓީމަށް އެ ފުރުސަތު ކަށަވަރުވާނީ ގްރޫޕްގެ ފަހު މެޗުގައި އާޖެންޓީނާ އަތުން ބައްޔަކުން ސަލާމަތްވެގެންނެވެ. އެ މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެ ރޭ 9:00 ގައެވެ.