22 Jun 2014, 02:32
ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހައިގެން ބްރެޒިލްގެ ކުރީގެ ފޯވާޑް ރޮނާލްޑޯ ގާއިމް ކޮށްފައިވާ 15 ލަނޑުގެ ރެކޯޑާ ހަމަހަމަ ކުރުމަށް މިރޭ ޖަރުމަނު ފޯވާޑް މިރޮސްލާވް ކްލޯސާ ޖެހި ތާރީހީ ލަނޑާއެކު 2-2 އިން މެޗު އެއްވަރުވެ ގާނާ އަތްދަށު ނުވެ، ޖަރުމަނު ސަލާމަތް ވެއްޖެ އެވެ.
މިރޭގެ މެޗުގެ ނަތީޖާއާ އެކު މި ދެޓީމު ހިމެނޭ ގްރޫޕް "ޖީ"ގައި ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ކޮންމެ ޓީމަކަށް ވެސް އޮތްއިރު އެ ގްރޫޕްގެ ކުރިއަށް ހުރި މެޗުތައް މިވަނީ އިތުރަށް ފޯރި ގަދަވާ ގޮތްވެފައެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ރޮނާލްޑޯ ގާއިމް ކޮށްފައި ވަނީ، 1998، 2002 އަދި 2006 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި 19 މެޗު ކުޅެގެންނެވެ. ކްލޯސާއަށް ރޮނާލްޑޯގެ ވޯލްޑް ކަޕް ލަނޑުގެ ރެކޯޑާ ހަމަހަމަ ކުރެވިފައި މިވަނީ، 20 މެޗު ކުޅެގެންނެވެ. އެގޮތުން މިފަހަރުގެ މުބާރާތަށް ބްރެޒިލަށް އައި އިރު ވޯލްޑް ކަޕްގައި 14 ލަނޑު ކާމިޔާބު ކޮށްފައިވާ އިޓަލީގެ ލާޒިއޯއަށް ކުޅޭ ޖަރުމަނު ފޯވާޑް ވަނީ، 2002، 2006 އަދި 2010 މި ތިން އަހަރުގެ ވޯލްޑް ކަޕްގައި ޖުމުލަ 19 މެޗު ކުޅެފައެވެ.
ފޯޓަލޭޒާގެ އެސްޓާޑިއޯ ކަސްޓެލާއޯގައި ކުޅުނު ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް އިދި ކޮޅު ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދި މި މެޗުގައި ފުރަތަމަ ފަހަރަށް ކުރި ހޯދީ ޖަރުމަނުންނެވެ. މެޗުގެ 51 ވަނަ މިނިޓުގައި ބޮލުން ޖަހައި ގާނާގެ ގޯލް ތެރެއަށް ބޯޅަ ފޮނުވާލައިގެން ޖަރުމަނަށް އެ ލަނޑު ޖަހައި ދިނީ ބަޔާން މިޔުނިކްގެ މިޑްފީލްޑަރު މާރިއޯ ގޮޓްޒާ އެވެ.
ޖަރުމަނުން ލަނޑު ޖެހިތާ ތިން މިނިޓް ފަހުން ގާނާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ، 54 ވަނަ މިނިޓްގައި އަންޑްރޭ އަޔޫއެވެ. އަދި މެޗުގެ 63 ވަނަ މިނިޓްގައި އެޓީމަށް މެޗުގެ ކުރި ހޯދައިދިނީ ޔޫއޭއީގެ އަލް ޢައިން އެފްސީއަށް ކުޅޭ ފޯވާޑް އަސަމޯ ޖިޔާން އެވެ.
ގާނާގެ ކެޕްޓަން ޖިޔާންގެ ލަނޑާއެކު 2-1 ލީޑެއްގައި އެޓީމު އޮއްވައި ޖަރުމަނަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން ލަނޑު ކްލޯސާ ކާމިޔާބުކުރީ 71 ވަނަ މިނިޓުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް އެރިތާ ދެމިނިޓު ވެސް ނުވަނީސް، ކްލޯސާ އެ ލަނޑު ކާމިޔާބު ކުރީ، ޓޯނީ ކްރޫސް ނަގައިދިން ކޯނަރެއް، ބެނެޑިކްޓް ހޯވެޑްސްގެ ފައިގައި ޖެހިފައި ގޯލްގެ ކަނާ ދިމާއަށް ދިޔަ ބޯޅަ ގޯލްގެ މަތީ ދާގަނޑަށް ފޮނުވާލައިގެންނެވެ.
މި މެޗުން ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ ހަތަރު ޕޮއިންޓު ހަމަކޮށްގެން ގްރޫޕް ޖީގެ އެއްވަނައި ޖަރުމަނު އޮތްއިރު، އެއް މެޗު ކުޅެގެން ތިން ޕޮއިންޓާއެކު ގްރޫޕުގެ ދެ ވަނައިގައި އޮތީ އެމެރިކާއެވެ. އަދި ދެ މެޗުން އެއް ޕޮއިންޓު ލިބިގެން ގާނާ ތިން ވަނައިގައި އޮތް އިރު ޕޮއިންޓެއް ނުލިބި ޕޯޗުގަލް އޮތީ ގްރޫޕުގެ ފުލުގައެވެ.
މާދަމާ ރޭ މެންދަމު 3:00ގައި އެމެރިކާ ޕޯޗްގަލްއާ ބައްދަލުކުރާ މެޗުގެ ނަތީޖާއިން މި ގްރޫޕުގައި ހިމެނޭ ޓީމުތަކަށް ދެ ވަނަ ބުރުގެ ފުރުސަތުތައް ހުރިގޮތެއް އެނގިގެން ދާނެއެވެ.