06 Jan 2011, 19:28
ރޯމް- މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ދުނިޔޭގެ ބާޒާރުތަކުގައި ކާބޯތަކެތީގެ އަގުތައް ވަރަށް ބޮޑަށް އުފުލިއްޖެކަމަށް ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އދ. ގެ ޖަމްޢިއްޔާ އެފްއޭއޯ އިން ބުނެފިއެވެ. އެފްއޭއޯއިން ނެރުނު ރިޕޯޓެއްގައިވާގޮތުން ކާބޯތަކެތީގެ އަސާސީ ތަކެތި ކަމުގައިވާ ހަނޑުލާއި ހަކުރާއި ފުށާއި ކައްކާ ތެޔޮފަދަ ބާވަތްތަކުގެ އަގުތައްވަނީ ވޭތުވެދިޔަ ދެ މަސްދުވަހުގެ ތެރޭގައި ކުރިޔަށްވުރެ ބޮޑަށް އުފުލިގެން ގޮސްފައެވެ. މީގެއިތުރުން މަހާއި ގޮވާމުގެ ބާވަތްތަކާއި ކިރާއި މޭވައާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައްވެސްވަނީ އުފުލިގެން ގޮސްފައެވެ. އެފްއޭއޯ އިން ކާބޯތަކެތީގެ އަގުތައްބަލާ އިންޑެކްސް ދައްކާގޮތުން މދިޔަ ޑިސެމްބަރު މަހު މި އިންޑެކްސްވަނީ 206 ނުކުތާއިން 214 ނުކުތާއަށް މައްޗަށް ގޮސްފައެވެ. ކާބޯތަކެތީގެ އަގުތައް މިފަހަކަށް އައިސް އެންމެ ބޮޑަށް އުފުލިގެންދިޔައީ މިދިޔަ ޖޫން މަހުގައެވެ. އެދުވަސްވަރުގެ އިންޑެކްސްއަކީ 213 އެވެ. ދުނިޔޭގެ ޤައުމުތަކުގައި ކާބޯތަކެތީގެ އަގުތައް އަލުން މައްޗަށް ދިޔަނަމަވެސް މިކަމާދެކޮޅަށް މިދިޔަ ޖޫންމަހު ޢާންމުން އިޙްތިޖާޖް ކުރިގޮތަށް އެއްވެސް ޤައުމެއްގައި މިފަހަރު އިޙްތިޖާޖް ކޮށްފައެއްނުވެއެވެ. އެފްއޭއޯ ގެ ތަޖްރިބާކާރުން ދެކޭގޮތުގައި ކާބޯތަކެތީގެ އަގުތައް އަދިވެސް ދާނީ މައްޗަށެވެ. އެއީ މޫސުމަށް އަންނަމުންދާ ބަދަލުތަކާގުޅިގެންނާ އަދި އެނޫންވެސް ސަބަބުތަކާ ގުޅިގެންނެވެ.