22 Jun 2014, 01:34
ސްރީ ލަންކާގެ ހައްދު ފަހަނަޅާފައިވާ ބުޑިސްޓުން އެގައުމުގެ ބައި މަދު މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ތަހުގީގު ކުރުމަށް މަތީ ފެންވަރުގެ ޕެނަލެއް އެކުލަވައިލަން ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ ނިންމަވާފައި ވާ ކަމަށް އެގައުމުގެ މީޑިއާތައް ބުނެފި އެވެ.
ކޮލަމްބޯ ގެޒެޓުން ބުނީ، ރައީސް ރާޖަޕަކްސަ މިއަދު ސަރުކާރުގައި ހިމެނޭ މުސްލިމް ވަޒީރުންނާ ބަޑުއްލާގައި ބައްދަލުކުރައްވައި، އެ ގައުމުގައި މިހާރު ހިންގަމުންގެންދާ ހަމަނުޖެހުންތަކާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރައްވާފައި ކަމަށެވެ.
"ގައުމުގައި މިހާރު ހިންގަމުންގެ ގެންދާ ހަމަނުޖެހުންތައް ތަހުގީގު ކުރުމަށް މަތީ ފެންވަރުގެ ޕެނަލެއް އެކުލަވައިލާނަން،" ރާޖަޕަކްސަ ވިދާޅުވި އެވެ.
ރާޖަޕަކްސަ، ބަދުއްލާގައި މުސްލިމް ވަޒީރުންނާ ބައްދަލު ކުރެއްވުމާއި، ހަމަނުޖެހުންތައް ތަހުގީގު ކުރުމަށް ހާއްސަ ޕެނަލެއް އެކުލަވައިލާން ނިންމަވާފައި ވާ ކަން ހާމަކޮށްފައި މިވަނީ، ޕަނަދުރާގައި ހުންނަ މުސްލިމް ވިޔަފާރިވެރިންނަށް ނިސްބަތްވާ، "ނޯ ލިމިޓް" ފިހާރަ އަންދައިލި ހާދިސާއަށް ފަހު އެވެ.
ހުކުރު ދުވަހުގެ ރޭ އެ ފިހާރަ އެއްކޮށް އަންދައި ހުލިކޮށްލައިފައި ވަނީ، ބަޔަކު ގަސްތުގައި ކަމަށް އެހިސާބުގަނޑުގައި ދިރިއުޅޭ މީހުންނާ ހަވާލާދީ ބައެއް ރިޕޯޓުތައް ބުނި ނަމަވެސް ފުލުހުން ބުނެފައި ވަނީ، މިހާރު ކުރިއަށްދާ ތަހުގީގުގައި އަދި އެފަދަ ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.