22 Jun 2014, 00:46
ތ. މަޑިފުށީގައި އަންހެން ކުއްޖަކު ބައްޕަގެ ތިޖޫރިން ވަގަށް ނަގައި، ލޯބިވެރިޔާއަށް ދިން 50000ރ. ގެ ބައެއް ހޯދައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެ ދެ މީހުންގެ ތެރެއިން 22 އަހަރުގެ މިހާއަކީ މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ތަފާތު ގޮތްގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތު ތަކަށް ބިނާކޮށް މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ދޯންޏަކުން މާލެ އަށް އައި ވަގުތު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ދެމީހުން ހައްޔަރުކޮށް އެ ދެ މީހުންނާއި އެމީހުން ގެންގުޅުނު ތަކެތި ބަލައި ފާސްކުރިއިރު 22 އަހަރުގެ މީހާގެ ދަބަސް ތެރެއިން -/27000ރ. އަދި އޭނާގެ ވޮލެޓް ތެރެއިން 3300ރ. ފެނިފައިވާ ކަމަށެވެ.
އެ މައްސަލައާ 22 އަހަރުގެ މީހާއާ ސުވާލު ކުރުމުން އެ ފައިސާއަކީ އޭނާގެ އެދުމުގެ މަތިން އޭނާ ލޯބީގެ ގޮތުން ގުޅިގެންއުޅޭ އަންހެން ކުއްޖާ ދިން ފައިސާ ކަމަށް ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ ފައިސާއިން ބައެއް، އެކި ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށާއި އަދި ތ. މަޑިފުށި ތަނެއްގައި 15000ރ. ފޮރުވާފައިވާނެ ކަމަށް ތަހުގީގުގައި އޭނާ ބުނެފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މަޑިފުށީގައި ފޮރުވާފައިވާ ފައިސާއާއި 22 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިވަގުތު އޭނާގެ އަތުން ފެނުނު ފައިސާއާއެކު، ޖުމްލަ -/45700ރ މިހާރު ވަނީ ވެރިފަރާތާ ޙަވާލުކޮށްފައެވެ.
އެ މައްސަލާގައި ހިމެނޭ އަންހެން ކުއްޖަކީ 18 އަހަރު ނުފުރޭ ކުއްޖަކަށް ވާތީ އޭނާއާ ސުވާލުކުރުމުގެ މަސައްކަތް ޖެންޑާ އެންޑް ފެމިލީ ޕްރޮޓެކްޝަން ޔުނިޓާއި ގުޅިގެން ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓާއި ތ. މަޑިފުށި ޕޮލިސް ސްޓޭޝަން ގުޅިގެން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.