މެޗުގެ ފަހު ހާފުގެ އިތުރު ވަގުތުގައި ލިއޮނެލް މެސީ ޖަހައިދިން ލަނޑާއެކު 1-0 ލަނޑުން ހަނިގޮތަކަށް އީރާން އަތުން މޮޅުވެ، އާޖެންޓީނާ މިފަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16ގެ ޖާގައެއް ކަށަވަރު ކޮށްފި އެވެ.

ބެލޯ ހޮރިޒެންޓޭގެ އެރީނާ އެސްޓާޑިއޯ މިނެއިރާއޯގައި ކުޅުނު ގްރޫޕް އެފްގެ ފޯރިގަދަ މެޗުގައި އީރާންގެ ވަރުގަދަ ޑިފެންސް ލައިން ފޫއަޅުވާލައި އެ ޓީމުގެ ގޯލް ހުޅުވާލަން އާޖެންޓީނާގެ އަގު ބޮޑު ތަރިންގެ ސްކޮޑަށް 90 މިނިޓަށްވުރެ ގިނަ ވަގުތު ބޭނުންވިއެވެ.

އާޖެންޓީނާގެ ފަރާތުން މެޗުގެ ދެހާފުގައި ވެސް އީރާން ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައި ވާއިރު އީރާނަށް މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ބޭކާރުވުން އޭގެ ނަތީޖާއަކަށް ވީ، މެޗުގެ އިތުރު ވަގުތުގައި އާޖެންޓީނާގެ ކެޕްޓަން އޭނާގެ އަމިއްލަ މަސައްކަތާއި ހުނަރު ދައްކާލައި އީރާންގެ ޑިފެންޑަރުން ކައިރިން ބޯޅަ ނައްޓުވާލާފައި ގޮސް ގޯލާ 20 މީޓަރުން ދުރުން "ކާވް" ކޮށް ފޮނުވާލި ބޯޅަ ގޯލްތެރެއަށް ވަދެ އީރާނަށް ތިން ޕޮއިންޓު ގެއްލުމެވެ.

އީރާނަށް މިރޭގެ މެޗު ކާމިޔާބުކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައި ވެއެވެ. ހާއްސަކޮށް ދެވަނަ ހާފުގައި ގިނަ ފުރުސަތުތަކެއް ލިބިފައި ވާއިރު، މެޗުގެ 67 ވަނަ މިނިޓުގައި އެޓީމުގެ މިޑްފީލްޑަރު އަޝްކާން ޑިޖާގާ ފޮނުވާލި ބާރު ހަމަލާ ދިޔައީ އާޖެންޓީނާގެ ގޯލް ކީޕަރު ސާޖިއޯ ރޮމޭރޯގެ އިނގިލި ކުރީގައި ޖެހިފައި ގޯލްގެ ހުރަސް ދަޑީގެ ކުޑަ ތަންކޮޅެއް މަތިން ނެވެ. އޭގެ ކުރިން ފޯވާޑް ރެޒާ ގޫޗަނެޖާދު ގޯލް ކުރިމަތީހުރެ ބޮލުން ޖަހައި ފޮނުވާލި ބާރު ހަމަލާވެސް ރޮމޭރޯ ވަނީ ދިފާއު ކޮށްފައެވެ.

އީރާން ޓީމުން ނައިޖީރިއާއާ ދެކޮޅަށް ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗަށް ފަހު އެ ޓީމުން ބޭނުންކުރާ "ޑިފެންސިވް ޓެކްޓީކްސް"އަށް ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިޔަ ނަމަވެސް މިރޭގެ މެޗުގައި އެޓީމުން ފެނިގެން ދިޔަ، މޮޅު ކުޅުމުގެ ސަބަބުން ދަނޑަށް ވަދެ ތިބި އީރާނާއި ބްރެޒިލްގެ އެތަކެއް ހާސް ސަޕޯޓަރުން ދިޔައީ، އެޓީމަށް މެދުކެނޑުމެއް ނެތި ތަރުހީބު ދެމުންނެވެ.

އާޖެންޓީނާގެ ކޯޗް އަލިޔަންޑްރޯ ސަބެއްލާ، މި މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ބޮސްނިއާ އެންޑް ހެޒަގޮވީނާއާ ދެކޮޅަށް ބޭނުންކުރި 5-3-2 ފޯމޭޝަންގެ ޑިފެންސިވް ރޭވުން މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ބޭނުން ކުރި ނަމަވެސް އޭނާ ވަނީ ފަހު ހާފުގައި އެޓީމުގެ ކުޅުން 4-3-3 ފޯމޭޝަނަށް ބަދަލުކޮށް އީރާނުގެ ގޯލަށް ގިނަ ހަމަލާތަކެއް ކުރިމަތި ކުރުވާފައެވެ.

މިރޭގެ މޮޅާއެކު އާޖެންޓީނާއަށް 6 ޕޮއިންޓު ލިބުމުން އެޓީމަށް ވަނީ ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ވެފައެވެ. އެއް މެޗު ކުޅެގެން ލިބުނު އެއް ޕޮއިންޓާއެކު ނައިޖީރިއާ އެ ގްރޫޕުގެ ދެވަނައިގައި އޮތް އިރު އީރާން އޮތީ ދެ މެޗުކުޅެ އެއް ޕޮއިންޓާއެކު ގްރޫޕްގެ ތިން ވަނައިގައެވެ.

ގްރޫޕް އެފްގެ ހަތަރު ވަނަ މެޗުގައި މިރޭ ވާދަކުރާނީ ނައިޖީރިއާ އާއި ބޮސްނިއާ އެވެ. އެމެޗު ކުޅޭނީ މިރޭ ދަންވަރު ރާއްޖޭ ގަޑިން 3:00ގައެވެ.