އަވައްޓެރި ސްރީ ލަންކާއިގައި ދީނީ ތަފާތު ކުރުންތަކާއި ހަމަނުޖެހުމާއި މީސްތަކުންގެ މެދުގައި ނަފްރަތު އުފައްދަން މަސައްކަތްކުރާ ފަރާތްތަކާ މެދު ހަރުކަށި ފިވަޅު އެޅުމަށް ލަންކާ ފުލުހުންނަށް އެގައުމުގެ ރައީސް މަހިންދަ ރާޖަޕަކްސަ އަންގަވައިފި އެވެ.

ލަންކާގެ ހައްދު ފަހަނަޅާފައިވާ ބުޑިސްޓު ޖަމާއަތެއް ކަމަށްވާ ބޮޑު ބަލަ ސޭނާ (ބީބީއެސް)ގެ މެންބަރުން އެގައުމުގެ މުސްލިމުންނަށް ކުރަމުން ގެންދާ ލާއިންސާނީ އަނިޔާތަކާއި އެބައިމީހުންގެ މުދަލަށް ދެމުންދާ ގެއްލުންތައް ހުއްޓާލުމަށް ގޮވާލައްވައި މިއަދު ކުރެއްވި ކުރު ތަގުރީރެއްގައި ރާޖަޕަކްސަ ވިދާޅުވީ، އެފަދަ ހަމަނުޖެހުން ތަކުގެ ސަބަބުން، ދިގުދެމިގެން ދިޔަ ހަނގުރާމައަށް ފަހު އެގައުމު އަލުން އާރާސްތު ކުރުމަށް ކުރަމުންދާ މަސައްކަތައް ހިޔަނި އެޅިފައި ވާކަމަށެވެ.

ރާއްޖަޕަކްސަ ވިދާޅުވީ، ލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުން ތަކުގެ ނާޒާއިޒު ފައިދާ ބޭރުގެ ބައެއް ފަރާތްތަކުން ނެގުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން ލަންކާގެ ހުރިހާ ރައްޔިތުން ވެސް އެކި ނަސްލުތަަކުގެ މީހުން ވެސް "ހާލަތު ދެނެގަނެ" ގުޅިގެން މަސައްކަތްކުރުމަށް އެގައުމުގެ ރައީސް ގޮވައިލެއްވިއެވެ.

"އެއްވެސް މީހަކަށް ގާނޫނަކީ ތިމާމެންގެ އަމިއްލަ ފައިދާއަށް ބޭނުން ކުރާ އެއްޗަކަށް ނުހެދޭނެ. ގާނޫނާ ހިލާފުވާ ފަރާތްތަކާ ދޭތެރޭގައި ހަރުކަށި ފިޔަވަޅު އެޅުމަށް އަޅުގަނޑު ވާނީ، ފުލުހުންނަށް އަމުރުކޮށްފައި،" ރާޖަޕަކްސަ ވިދާޅުވި އެވެ.

މިހާރު އެގައުމުގައި ހިންގަމުން ގެންދާ ހަމަނުޖެހުންތައް ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައި ރާޖަޕަކްސަ ވިދާޅުވީ ނަސްލީ ތަފާތުކުރުމެއް ނެތި އެގައުމުގެ ހުރިހާ ރައްޔިތުންނަށް ވެސް ފުރިހަމައަށް އިހްތިރާމް ލިބެން ޖެހޭނެ ކަމަށާއި އެއް ނަސްލުން އަނެއް ނަސްލުންގެ އާދަކާދައާއި ސަގާފަތަށް ވެސް ހަމަހަމަ ގޮތެއްގައި އިހްތިރާމް ކުރަން ޖެހޭނެ ކަމަށެވެ.

*ލަންކާގެ ޕަނަދޫރާގައި ހުންނަ "ނޯ ލިމިޓް" ފިހާރައިގައި ރޯކޮށްލުން:

ލަންކާގެ ހައްދު ފަހަނަޅާފައިވާ ބުޑިސްޓުން މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކުގައި ރޭގެ ވަގުތެއްގައި ވަނީ، އެ ގައުމުގެ މުސްލިމް ވިޔަފާރިވެރިންނަށް ނިސްބަތްވާ، އަންނައުނު ވިއްކާ އެންމެ ބޮޑު ވިޔަފާރި ކަމަށްވާ "ނޯލިމިޓް"ގެ ފިހާރައެއް އެއްކޮށް އަންދައި ހުލިކޮށްލައިފަ އެވެ.