އަޔާލެންޑުގެ ޝެލްބަން ކޮލެޖް (އެސްސީޑީ) ގައި ހިންގަމުންދާ، ބައިނަލްއަގްވާމީ ކޯސްތަކެއް އެވިޑް ކޮލެޖުގައި ފަށަން އެ ކޮލެޖުން ނިންމައިފި އެވެ.

ބައިނަލްއަގްވާމީ ކޯސްތަކެއް އެވިޑް ކޮލެޖުގައި ފެށުމަށް ޝެލްބަން ކޮލެޖާއި އެކު އެވިޑް ކޮލެޖުން އެމްއޯޔޫއެއްގައި ސޮއިކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެވިޑް ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ވިދާޅުވީ، އެ އެއްބަސްވުމުގެ ދަށުން ބައިނަލްއަގްވާމީ ސެޓްފިކެޓް އެވޯޑިން ހަތަރު ބޮޑީއެއްގެ ކޯސްތަކެއް އެ ކޮލެޖުގައި ހިންގަން ނިންމާފައިވާ ކަމަށެވެ.

އޭގެތެރޭގައި، ކޮންފަޑަރޭޝަން އޮފް ޓުއަރިޒަމް އެންޑް ހޮސްޕިޓާލިޓީ (ސީޓީއެޗް) އިން ހިންގަމުންދާ ޓުއަރިޒަމް ދާއިރާގެ ކޯސްތަކާއި ދަ މެނޭޖްމަންޓް އެވޯޑިން އިންސްޓިޓިއުޓް (އޭޓީއެޗްއީ) އިން ހިންގަމުންދާ ބިޒްނަސް ސްޓަޑީޒް އަދި ހެލްތް އެންޑް ސޯޝަލް ކެއާ މެނޭޖްމަންޓުގެ ކޯސްތައް ހިމެނެއެވެ.

މީގެ އިތުރުން، ދަ ޗާޓާޑް އިންސްޓިޓިއުޓް އޮފް އައިޓީ (ބީސީއެސް) އިން ހިންގަމުންދާ އައިޓީގެ ކޯސްތަކާއި އިންގްލިޝް ސްޕީކިން ބޯޑް (އީއެސްބީ)ގެ ކޯސްތައްވެސް އެ އެއްބަސްވުމުގެ ދަށުން ހިންގާނެ ކަމަށް ޗެއާމަން ވިދާޅުވި އެވެ.

މުސްތާގް ވިދާޅުވީ، ޝެލްބަން ކޮލެޖާއި ގުޅިގެން އެވިޑްގައި ހިންގާ ކޯސްތައް ފައުންޑޭޝަނުން ފެށިގެން މާސްޓާސްގެ ފެންވަަރަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ކޯސްތައް ނިންމާ ދަރިވަރުންނަށް ދުނިޔޭގެ ގިނަ ކޮލެޖާއި ޔުނިވާސިޓީތަކުން ގަބޫލުކުރާ ސެޓްފިކެޓެއް ލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

ޝެލްބަން ކޮލެޖާއި އެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން އެވިޑް ކޮލެޖުގައި ކިޔަވައިދޭ ދާއިރާތަކަށް ޓީޗަރުން ނެތިއްޖެ ނަމަ ޓީޗަރުން ހޯދައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން، ޝެލަބަން ކޮލެޖްގެ ލެކްޗަރާއިން އެގައުމުގައި ތިބެގެން އެވިޑްކޮލެޖުގެ ބައެއް މުހިއްމު ސެޝަންތައް ނަންގަވައިދެއްވާނެ ކަމަށްވެސް އެ ކޮލެޖުން ބުންޏެވެ.

މުސްތާގް ވިދާޅުވީ، އަޔަލޭންޑުގައި ހުންނަ ޝެލްބަން ކޮލެޖުން ކިޔެވަން ބޭނުންވާ ދަރިވަރުންނަށް ޝެލްބަން ކޮލެޖަށް ވަނުމަށް ކުރަންޖެހޭ ހުރިހާ އިދާރީ މަސައްކަތްތަކާއި އައިލެންޑުގައި ހުރުމުގެ ކަންތައްތައްވެސް އެވިޑް ކޮލެޖުން ފަހިކޮށްދޭނެ ކަމަށެވެ.

ޓްރޭނިން ސެންޓަރެއްގެ ގޮތުގައި 2005 ވަނަ އަހަރުން ފެށިގެން ހިންގަމުންއައި އެވިޑް ކޮލެޖަކަށް ބަދަލުވެފައި މިދިޔަ އަހަރު އެވެ. އެވިޑް ކޮލެޖުގައި މިހާރު ހަތަރު ދާއިރާއަކުން ގިނަ ކޯސްތަކެއް ހިންގަމުންދެ އެވެ.