21 Jun 2014, 21:47
ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލާފައިވާ ގޮތާ މެދު އިތުރަށް މަޝްވަރާ ކުރުމަށް މިރޭ ބޭއްވި ވަގުތީ ކޮމެޓީގެ ބައްދަލުވުން ކޯރަން ގެއްލިގެން ހުއްޓާލައިފި އެވެ.
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް މުހައްމަދުގެ މަޝްވަރާގެ މަތިން މިރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުން ނިންމާލާފައިވަނީ އެއްވެސް "ކޮޅެއްގައި ނުޖެހި" އެވެ. މިރޭގެ ބައްދަލުވުގައި ގޮތެއް ނުނިމި ގިނައިރު ތަކެއްވެ ކޮމެޓީ ނިންމުމާ ކައިރިވެފައިވަނިކޮށް ކޯރަމް ގެއްލިފައިވަނީ އެ ކޮމެޓީގައި އިންނަވާ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ނާއިބް ލީޑަރު އަލީ މައުރޫފް ކޮމެޓީ ބޮއިކޮޓް ކުރައްވާ ވަޑައިގަތުމުންނެވެ. ކޮމެޓީ ދޫކުރައްވައި މައުރޫފް ވަޑައިގެންނެވީ އަލުން ކޮމެޓީތައް އެކުލަވާލުމަށް އެމްޑީޕީން ހުށަހަޅާފައިވާ ހުށަހެޅުންތަކާއިމެދު ހިތްހަމަ ޖެހިވަޑައިނުގަންނަވާތީ އެވެ.
ސަން އާ ވާހަކަ ދައްކަވަމުން މައުރޫފް ވިދާޅުވީ މިރޭ ބޭއްވި ބައްދަލުވުން ބޮއިކޮޓް ކުރެއްވީ އެ ޕާޓީން ބައިވެރިވާން ބޭނުންވާ މުހިންމު ކޮމެޓީތަކެއްގައި ބައިވެރިނުވޭނެ ގޮތަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވާތީ ކަމަށެވެ.
"މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީއާއި މާލިއްޔަތު ކޮމެޓީގައި އަޅުގަނޑުމެނަށް ބައިވެރިނުވޭނެ ގޮތަށް ކޮމެޓީތައް އެކުލަވާލުމަކީ އަޅުގަނޑުމެނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަޅުގަނޑުމެނަކީ ވެސް ވަކި ޕާޓީއެއް. އަޅުގަނޑުމެން ޕާޓީ އަށް ކޮމެޓީތަކުން ލިބިފަ އޮތް އަށް ސްލޮޓް އަޅުގަނޑުމެން ތަމްސީލް ކުރަން ބޭނުންވަނީ މުހިންމު ކޮމެޓީތަކެއްގައި. އެ ނޫން ގޮތަކަށް ކޮމެޓީތައް އެކުލަވާލުމަށް ބާއްވާ ބައްދަލުވުމެއްގައި ބައިވެރިވުމަކީ ގަބޫލުވެވޭނެ ކަމެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
ކޯރަމް ގެއްލިގެން ކޮމެޓީގެ ބައްދަލުވުން ހުއްޓާލިކަން ކޮމެޓީގެ މުގައްރިރު އަދި ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕްގެ ޑެޕިއުޓީ ލީޑަރު ރިޔާޒް ރަޝީދު އިއުލާން ކުރެއްވިއިރު ކޮމެޓީތައް އަލުން އެކުލަވާލުމަށް ދެ ހުށަހެޅުމެއް ވަނީ ހުށަހަޅާފަ އެވެ.

އޭގެ ތެރެއިން އެއް ހުށަހެޅުން ހުށަހެޅުއްވީ މައުރޫފެވެ. އޭނާ ހުށަހަޅުއްވާފައިވަނީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީ އާއި މާލިއްޔަތު ކޮމެޓީގައި 13 މެމްބަރުން ހިމެނުމަށެވެ. އަދި ގަވާއިދު ކޮމެޓީ އާއި ޕެޓިޝަން ކޮމެޓީގައި ނުވަ މެމްބަރުން ހިމެނުމަށްފަހު ދެން އޮތް އަށް ކޮމެޓީގައި 11 މެމްބަރުން ހިމެނުމަށުމަށް ވެސް އޭނާ ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް އެއްވެސް މެމްބަރަކު ތާއިދުކުރައްވާފައެއްނުވެ އެވެ.
ދެވަނަ ހުށަހެޅުމެއް ހުށަހެއްޅުވީ އެ ކޮމެޓީގައި އިންނަވާ މަރަދޫ ދައިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފެވެ. އެ ހުށަހެޅުމުގައިވާ ގޮތުން ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އާއި މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމެޓީ އަދި މާލިއްޔަތު ކޮމެޓީގެ މެޖޯރިޓީ ސަރުކާރަށް ގެއްލެ އެވެ.

ކޮމެޓީތައް އެކުލަވާލުމަށް ނެގި ވަގުތީ ކޮމެޓީން ދާއިމީ ކޮމެޓީތައް އެކުލަވާނެ ގޮތެއް ފާސްކޮށްފައިވަނީ ކޮމެޓީގެ މެމްބަރުންގެ މެދުގައި ނެގި ވޯޓަކުންނެވެ. ނަމަވެސް ކޮމެޓީތައް އެކުލަވާލުމަށް އެ ކޮމެޓީން ފާސްކޮށްފައިވާ ގޮތާއިމެދު އެމްޑީޕީން ހިތްހަމަ ނުޖެހުން ފާޅުކުރަމުންދާތީ މަޖިލީހުގެ ޖަލްސާތައް ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލަންޖެހިފައެވެ.
މިހާރު ކޮމެޓީތައް އެކުލަވާލާފައިވާ ގޮތުން މިނިވަންމުވައްސަސާތަކާއި ބެހޭ ކޮމެޓީ އާއި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އާއި ގައުމީ ސަލާމަތު ކޮމެޓީ އާއި އިގުތިސާދީ ކޮމެޓީ އާއި މާލިޔަތު ކޮމެޓީގެ އިތުރުން އިމްތިޔާޒު ކޮމެޓީ އާއި އާއްމު ކޮމެޓީގެ މެޖޯރިޓީ ސަރުކާރަށް ލިބެ އެވެ.
ރާއްޖެއިން ބޭރުގައި އުޅުއްވާތީ މިރޭ ބޭއްވި ކޮމެޓީގެ ބައްދަލުވުމަށް މަކުނަދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ބައިވެރިވެވަޑައިނުގަންނަވަ އެވެ.
ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް މީގެކުރިން ބޭއްވި ކޮމެޓީ ބައްދަލުވުން އިދިކޮޅު އެމްޑީޕީން ވަނީ ބޮއިކޮޓުކޮށްފައެވެ.