ސަން ފައުންޑޭޝަނުން ނ. ހޮޅުދޫގައި އިމާރާތްކުރި ޕްރީ ސްކޫލް އެރަށު ކައުންސިލާއި ހަވާލުކޮށްފި އެވެ.

ހޮޅުދޫ ޕްރީ ސްކޫލުގައި މިއަދު ހަވީރު އޮތް ރަސްމިއްޔާތެއްގައި ޕްރީ ސްކޫލް އެރަށު ކައުންސިލާއި ހަވާލުކޮށްދެއްވީ ސަން ފައުންޑޭޝަންގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދެވެ. ކައުންސިލްގެ ފަރާތުން ސްކޫލާއި ހަވާލުވެވަޑައިގަތީ ކައުންސިލްގެ ރައީސް މާއިޒް މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ، ލިބިފައިވާ ވަސީލަތްތަކުގެ ބޭނުންކޮށްގެން ތަނަވަސްކަމާއި ދިރިއުޅޭ މާހައުލުގެ އުފާފާގަތިކަން އިތުރުކޮށް، ގަބޫލުކުރެވޭ އޮމާން އަމާން ހިތްހަމަޖެހޭ މާހައުލަކަށް ހެދުން އެއީ ރާއްޖެއަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެކަން ކުރެވޭނީ ރާއްޖޭގެ ކުޑަކުދިންގެ ވިސްނުމާއި އެކުދިންގެ ހުނަރު ރަނގަޅު ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުޑަކުދިންނަކީ ލޮލުގެ ފިނިކަމަށްވާން އެންމެންވެސް ބޭނުންވޭ. އެކަން އެގޮތަށް ބޭނުންވާނަމަ، އެކުދިންނަށް ރަނގަޅު ތައުލީމުދޭ މަރުކަޒެއް ފުރަތަމަ އަޅައިދިނުން. އެކުދިންނަށް ކުޅިވަރު ކުޅޭނެ ސާމާނު ކުޅިވަރު ކުޅޭނެ ތަންކޮޅޭއް އޮތުން. އަދި ޓީޗަރުންނަކީ އޯގާތެރިކަމާއި ލޯތްބާއި އެކު އާޅާލާނެ މައިންތަކަކަށް ވާންޖެހޭ. މިހެންވެއްޖެނަމަ މި ގައުމުދާނީ ބޭނުންވާ ތަރައްގީއާ އުފާވެރި މާހައުލަށް ރުޖޫއަވަމުން،" ސިޔާމް ވިދާޅުވި އެވެ.

ސަން ފައުންޑޭޝަނުން ގާތްގަނޑަކަށް 1.3 މިލިއަން ރުފިޔާ ޚަރަދުކޮށްގެން މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހައިމަން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން އިމާރާތްކުރި އެ ޕްރީ ސްކޫލުގައި ތިން ކްލާސްރޫމާއި ޒަމާނީ ލައިބްރަރީއެއްގެ އިތުރުން އޮފީސް އިމާރާތަކާއި ކުދިން ކުޅޭނެ މިޒަމާނުގެ ޕާކެއް ހިމެނެ އެވެ.

ހޮޅުދޫ ކައުންސިލްގެ ރައީސް މާޔިޒް މުހައްމަދު ވިދާޅުވީ، ހޮޅުދޫ ޕްރީ ސްކޫލުގައި ގާތްގަނޑަކަށް 200 ކުދިންނަށް ދަތިކަމެއް ނެތި ކިޔަވައިދެވޭނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޕްރީ ސްކޫލުގެ ކްލާސް ރޫމްތައް މަލްޓިމީޑިއާ ކޮށް ކިޔަވައިދޭން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.