އަހުމަދިއްޔާ ސްކޫލުން ދިރާގާ ގުޅިގެން ކުރިއަށް ގެންދިޔަ "ދިރާގު އިންޓަ ޕްރީސްކޫލް" ފުޓްބޯޅަ މުބަރާތުގެ ފައިނަލް މެޗުގައި ފަލާހް ޕްރީސްކޫލް 1-0 ލަނޑުން ބަލިކޮށް މުބާރާތުގެ ތަށި ގަލޮޅު މަދަރުސާގެ ޓީމުން ހޯދައިފި އެވެ.

މިއީ މި މުބާރާތް އަހުމަދިއްޔާ ސްކޫލުން ބާއްވާ ހަތަރު ވަނަ ފަހަރެވެ.

އެފްއޭއެމްގެ ޓާފް ދެ ނަންބަރު ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގައި ފެނިގެން ދިޔަ ހަމަ އެކަނި ލަނޑު ގަލޮޅު މަދަރުސާއަށް ކާމިޔާބު ކޮށްދިނީ އަހުމަދު ކާއިން ރަޔާޝް އެވެ.

މިފަހަރުގެ މުބާރާތުގައި 15 ޕްރީ-ސްކޫލަކުން 255 ދަރިވަރަކު ވަނީ ބައިވެރިވެފައެވެ.

މުބާރާތް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތް ތެރިވި އަހުމަދިއްޔާ ސްކޫލުގެ ޝިރްމީން އަބޫބަކުރު (ޝިރޫ އާންޓީ) ވިދާޅުވީ، މުބާރާތް ބޭއްވުމުގައި ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ރަޝީދުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުން ލިބުނު ކަމަށާއި އަދި މުބާރާތުގެ މެއިން ސްޕޮންސާ "ދިރާގުން" ދިން އެއް ބާރުލުން ވަރަށް ފާހަގަ ކުރާ ކަމަށެވެ. އަދި އެފްއޭއެމް އާއި މުބާރާތުގައި ބައިވެރިވި ސްކޫލް ތަކުގެ ޓީޗަރުނާއި ބެލެނިވެރިންގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުން ފާހަގަ ކުރާ ކަމަށާއި އެފަރާތް ތަކަށް އަހްމަދިއްޔާ ސްކޫލްގެ ފަރާތުން ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށް ޝިރޫ އާންޓީ ވިދާޅުވި އެވެ.

އަހްމަދިއްޔާ ސްކޫލުން އެންމެ ފުރަތަމަ މި މުބާރާތް ބާއްވާފައި ވަނީ 2011 ވަނަ އަހަރުއެވެ. އެފަހަރު ބައިވެރިވެފައި ވަނީ ޖުމްލަ ފަސް ސްކޫލަކުންނެވެ. 2012 ވަނަ އަހަރު ބޭއްވި މުބާރާތުގައި ހަތް ސްކޫލަކުން ބައިވެރިވިއިރު، 2013 ވަނަ އަހަރު ޖުމްލަ 12 ސްކޫލެއް ވަނީ މިމުބާރާތުގައި ބައިވެރިވެފައެވެ.

އަހްމަދިއްޔާ ސްކޫލުން ބުނީ، މުބާރާތް ބާއްވަން ފެށި ފަހުން މުބާރާތުގެ ފޯރި އަންނަނީ ގަވަމުން ކަމަށާއި މިފަހަރުގެ މުބާރާތުގައި ބައިވެރިވި ކޮންމެ ކުޅުންތެރިއަކަށް ހަދާނީ ސެޓްފިކެޓެއް ދީފައިވާ ކަމަށެވެ.