އިމާރާތްކުރުމާއި އުމްރާނީ ތަރައްގީގެ ބިލަށް ޚިޔާލު ހޯދުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ފުރުސަތު ހުޅުވާލައިފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ އެބިލަށް ޚިޔާލު ދެއްވަން ބޭނުންވާ ފަރާތްތަކުން އަންނަ ޖުލައި މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ލިޔުމުން އެ އޮފީހަށް ހުށަހެޅުމަށް އިލްތިމާސްކުރާ ކަމަށެވެ.

އެ ބިލްގައިވާ ގޮތުން، އެފަދަ ގާނޫނެއް ހެދުމުގެ މަގުސަދަކީ ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ އާއި އުމްރާނީ ތަރައްގީގެ ދާއިރާ ތަރައްގީކޮށް ކަނޑައެޅޭ ހަމަތަކާއި މިންގަނޑުތަކެއްގެ މަތިން އެ ދާއިރާ ކުރިއަރުވައި ހިންގުމަށް ބޭނުންވާ އުސޫލުތަކާއި ކަންކަން ކަނޑައެޅުމެވެ.

އެފަދަ ގާނޫނެއް ފާސްކޮށް ހާސިލުކުރަން ބޭނުންވާ މަގުސަދުތައް ވެސް އެ ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ. އެގޮތުން އި މާރާތްތަކާއި އުމްރާނީ ތަރައްގީގެ ވަސީލަތްތަކަކީ ރައްކާތެރި، ދުޅަހެޔޮ ސިއްހަތަކަށް މަގުފަހިކޮށްދޭ، އަދި އެ ތަންތަނާއި ވަސީލަތްތައް ބޭނުންކުރާ ފަރާތްތަކަށް ގެއްލުމެއް ނުލިބޭނެ ރައްކާތެރި ތަންތަން އަދި ވަސީލަތްތަކެއް ކަމުގައި ހެދުމަށް މަގުފަހިކުރުމަކީ އެފަދަ ގާނޫނެއް ހެދުމުގެ މަގުސަތުތަކުގެ ތެރޭގައި ހިމެނޭ ކަންކަން ކަމުގައި އެ ބިލްގައި ވަނީ ބަޔާންކޮށްފައެވެ.

އެ ބިލްގައި ބުނެފައިވާގޮތުން މޯލްޑިވްސް ކޮންސްޓްރަކްޝަން އޮތޯރިޓީގެ ނަމުގައި މުއައްސަސާއެއް އުފައްދަން ޖެހޭނެ އެވެ.

އެ ބިލްގައި ބުނެފައިވާ ގޮތުން އެ އޮތޯރިޓީ އުފެއްދުމުގެ މަގުސަތު ތަކުގެ ތެރޭގައި އިމާރާތްކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާ ފުޅާކުރުން ހިމެނެއެވެ.

އިމާރާތްކުރުމާއި އުމްރާނީ ތަރައްގީގެ ދާއިރާއަށް އަސަރު ފޯރާ ނުވަތަ އެ ދާއިރާއާ ގުޅުންހުރި ކަންކަމާ ބެހޭގޮތުންނާއި، އިމާރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ގުޅޭގޮތުން ސަރުކާރަށް ލަފަޔާއި އިރުޝާދުދިނުމަކީ ވެސް އެ އޮތޯތިޓީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ.