06 Jan 2011, 15:26
މާލެއިން ހުޅުމާލެ އަށް 80 އަށް ވުރެ ގިނަ މީހުންނާއެކު ދަތުރުކުރަމުން ދިޔަ ފެރީއެއް މިރޭ ހުޅުލޭ ފަރަށް އަރައިފި އެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ، މިރޭ 7:15 އެހާކަންހާއިރު 85 މީހުންނާއެކު ދަތުރުކުރި އެމްޓީސީސީގެ "ރަންތަރި" ނަމަކަށް ކިޔާ ފެރީ ހުޅުލޭ އިރު އުތުރު ފަރަށް އެރުމާ ގުޅިގެން ފުލުހުންގެ މެރިން ޕޮލިސްގެ ހަތަރު ލޯންޗެއް އެ ސަރަހައްދަށް ގޮސް ވަގުތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
"ފެރީގައި ތިބީ ފަޅުވެރިންނާއެކު ޖުމްލަ 85 މީހުން. އޭގެ ތެރޭގައި 9 ކުޑަކުދިންނާއި 25 އަންހެނުން ހިމެނޭ،" އޮފިޝަލު ވިދާޅުވި އެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއެކު މެރިން ޕޮލިސްގެ ހަތަރު ލޯންޗެއް ފޮނުވާ މީހުން ނެގީ 7:45 އެހާކަށް ހާއިރު ކަމަށާއި އޭގެ ކުޑައިރުކޮޅެއް ފަހުން ދޯނި ފުންކޮށްފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ދޯނި ފަރަށް އެރީ "ފަރާ މާ ކައިރިން ދުއްވާފައި ދިޔައިމަ" އެވެ.
"ދޯނި އިނީ ހަމައެކަނި ގަލެއްގައި ކުޑަކުޑަކޮށް ބީހިފައި. އަނެއްހެން ފަރަށް މާ ބޮޑަށް އެރީކީއެއް ނޫން،" އޮފިޝަލު ވިދާޅުވި އެވެ.
ފެރީ އިން ދަތުރުކުރި މީހުން މިހާރު ހުޅުމާލެ ގެންގޮސްފައިވާ ކަމަށާއި ފުލުހުން ދަނީ އެ ހާދިސާ އިތުރަށް ބަލަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.