21 Jun 2014, 17:53
އަތުގައި ހަ އިނގިލި ހުރުން އެއީ އާދަޔާހިލާފު ކަމެއް ނޫނެވެ. ނަމަވެސް ހަތަރު ޖީލަށް ދެމިގެންދިޔަ އެއް އާއިލާއަށް ނިސްބަތްވާ 14 މެންބަރުންގެ ތެރެއިން ކޮންމެ މެންބަރެއްގެ ކޮންމެ އަތެއްގައި ހަ އިނގިލި ހުރުން އެއީ އާދައިގެ ކަމެއް ނޫނެވެ.
ފުޓްބޯޅައިގެ އެންމެ ބޮޑު އީދު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް ކުރިއަށްދާ ބްރެޒިލްގެ ވެރިރަށް ބްރަސީލިއާގެ ރަށްބޭރުގައި އޮންނަ ޓައުނެއް ކަމަށްވާ އަގުއަސް ކްލާރާސްގައި ދިރިއުޅޭ "ސިލްވާ ފެމެލީ"އަކީ އެ ހިސާބުގަނޑުގައި މަޝްހޫރު އާއިލާއެކެވެ. އެ އާއިލާގެ ކޮންމެ މެންބަރެއްގެ ކޮންމެ އަތެއްގައި ވެސް ހަ އިނގިލި ހުރެއެވެ. އުފަން ވުމުގައި ވެސް އެއިން ކޮންމެ މެންބަރެއްގެ ވެސް ދެ އަތުގައި އިތުރު އިނގިއްޔެއް ހުންނަނީ، "ޕޮލީޑެކްޓައިލީ" ކިޔާ ޖެނެޓިކް "ހާލަތެއް"ގެ ސަބަބުންނެވެ.
ސިލްވާ ފެމެލީގެ ހަތަރު ދަރިކޮޅު އުފެދިގެން އައިއިރު ވެސް އެ އާއިލާގެ ހުރިހާ މެންބަރުންގެ ވެސް ކޮންމެ އަތެއްގައި "ހަ އިނގިލި" ހުރެއެވެ. އެއާއިލާގެ މެންބަރުން ފެނުމުން ހިނގާފައި ދާ މީހުން ހައިރާން ކަމާއެކު އެމީހުންނާ ދިމާއަށް ބަލާ ކަމަށްވެ އެވެ. އަދި އެތައް ބައެއްގެ ނަޒަރު އެގޮތަށް ހުއްޓޭތީ އާއިލާގެ ބައެއް މެންބަރުންނަށް "ލަދުރަކިކަން" އިހްސާސް ކުރެވުނަސް އެ މީހުން ދެކެނީ އެއީ ފަހުރެއް ކަމަށެވެ.
"ހަ އިނގިލި" އާއިލާއަށް މިހާތަނަށް އެންމެ ބޮޑު އުފާވެރިކަމެއް ލިބިގެން ދިޔައީ މި ހިނގާ ވޯލްޑް ކަޕާ ގުޅިގެންނެވެ. ބްރެޒިލްގެ މީޑިއާތަކުން އެ އާއިލާގެ ހުރިހާ މެންބަރުން އެއްތަންކޮށް އާއިލާގެ ހުރިހާ މެންބަރުން އެއްކޮށް ދެއަތުގެ ހުރިހާ އިނގިލިތައް ފެންނަ ގޮތަށް ބްރެޒިލް ދިދަ ހިފައިގެން ފޮޓޯއެއް ނެންގުވި އެވެ. ދެކުނު އެމެރިކާއަށް ނިސްބަތްވާ، ފުޓްބޯޅައިގެ އެ ފަސްގަނޑަށް އުފަން އާއިލާގެ އުންމީދަކީ، އެ މީހުންގެ ގައުމުގެ އެންމެން އެދޭ ފަދައިން އެ އާއިލާގެ ކޮންމެ މެންބަރެއްގެ އެއް އަތުގެ އިނގިއްޔާ އެއްވަރަށް އެ ގައުމަށް ވޯލްޑް ކަޕް ތަށި ލިބުމުގެ އުފާ މިފަހަރު ހާސިލްވެގެން ދިއުމެވެ. އެ އާއިލާއިން ދެކޭ ގޮތުގައި ބްރެޒިލްގެ ވޯލްޑް ކަޕް ނަސީބާއި 'ހަ އިނގިއްޔާ' ގުޅުމެއް ވެ އެވެ.
ވޯލްޑް ކަޕްގެ އެންމެ ކާމިޔާބު ކްލަބަކީ ބްރެޒިލް ކަމަށް ވެފައި ފަސް ފަހަރު އެ މުބާރާތް ކާމިޔާބުކުރި ގައުމީ ޓީމުގެ އަމިއްލަ ފަސްގަނޑުގައި ފުޓްބޯޅައިގެ ތަފާތު ހުނަރުތަކުން ފުރިފައިވާ ޒުވާން ޖީލަކާއެކު މިފަހަރު އެ ގައުމަށް ވޯލްޑް ކަޕް ކާމިޔާބު ނުކުރެވެންވީ ސަބަބެއް ވެސް ނެތެވެ.
"އެންމެ ފަހުގެ ވޯލްޑް ކަޕްގައި ވެސް އަހަރެމެން އެދިއެދި ތިބީ ބްރެޒިލަކީ 'ހެކްސާކެމްޕެއާއޯ'އަށް ވުމަށް،" ޕޯޗްގީޒު ބަހުން "ހަ ފަހަރުގެ ޗެމްޕިއަނުން" ސިފަކުރަމުން އަނާ ކެރޮލިނާ ސަންޓޯސް ޑަ ސިލްވާ ބުންޏެވެ. "އެކަމަކު އެފަހަރު އެކަމެއް ނުވި. އެހެން ކަމުން އަހަރެމެން ވަރަށް ބޮޑަށް ބޭނުން މިފަހަރު ބްރެޒިލް ހަ ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކުރަން،"
"އަތުގައި އިނގިލި އިތުރުވިއެއް ކަމަކު، ސިލްވާ އާއިލާގެ ގިނަ މެންބަރުންނަކީ މިއުޒިކްގެ އާލާތްތަކަށް ވެސް ފަރިތަ މެންބަރުންނެވެ. އެގޮތުން ނޫސްވެރިންނަށް ދައްކާލުމުގެ ގޮތުން އާއިލާގައި ހިމެނޭ 14 އަހަރުގެ ޖޮއާއޯ ޑި އެސިސް ޑަ ސިލްވާ، އޭނާގެ އެ އަތުގެ އިތުރު އިނގިލިތައް ވެސް ބޭނުން ކޮށްގެން ގިޓާގެ 'ފްރެޓް ބޯޑް'ގައި އިނގިލީގެ ހަރަކާތްތައް ދައްކުވާލިއެވެ. މިއީ އޭނާގެ އަށް އަހަރުގެ ދެބެންގެ ދެދަރި ކޮއްކޮ މާރިއާ މޮރީނާ ޑަ ސިލްވާގެ ވެސް ހުވަފެނެކެވެ."
"އަހަރެން ޕިޔާނޯއެއް އަދި ނުކުޅެން. އެކަމަކު އަހަރެން ބޭނުން ކުޅެން ދަސްކުރަން. ހަ އިނގިލިން ކުޅެލަން ވަރަށް ފަސޭހަ ވާނެހެން އަހަންނަށް ހީވަނީ،" މާރިއާ ބުންޏެވެ."
ކޮންމެއަކަސް މިވަގުތަށް ލަނޑުގެ ތަފާތުން މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް 'އޭ'ގެ އެއްވަނައި ގައި އޮތް ބްރެޒިލަށް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުމަށްޓަކައި ޖެހޭނީ، ޕޮއިންޓެއް ނުލިބި އެ ގްރޫޕުގެ ފުލުގައި އޮތް ކެމަރޫން ބަލިކުރާށެވެ. ނުވަތަ އެ މެޗުން މަދުވެގެން އެއް ޕޮއިންޓު ހޯދާށެވެ. އޭރުން ސިލްވާ އާއިލާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އެއް ފިޔަވަޅު ކުރިއަށް އެޅުނީއެވެ.