21 Jun 2014, 17:49
ޖަޕާނު މީހުންނަކީ އަބަދަުވެސް މޮޅެތި ކަންތައް ކުރާ މޮޅެތި އުފެއްދުންތައް އީޖާދުކުރާ ބައެކެވެ. އިލެކްޓްރޯނިކް ސާމާނާއި އެނޫންވެސް ކަންކަމުގައި ކުރިއަރާފައިވާ ގައުމެކެވެ. އުފެއްދުންތެރިކަމުގެ އިތުރުން ޖަޕާނު މީހުންނަކީ ސާފުތާހިރު ކަމުގައިވެސް ނަމޫނާ ދައްކާ ބައެކެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ގިނަ ބައެއްގެ ޝައުގުވެރިކަން އަތުލައިގަތް އެއްބަޔަކަށް ޖަޕާނުގެ ސަޕޯޓަރުން މިވަނީ ވެގެން ގޮސްފައެވެ. އެއީ އެފަދަ ދެވަނައެއް ނުވާ ރިވެތި އަޚްލާގެއްގެ ވެރި ބައެއްގެ ގޮތުގައެވެ. އެންމެންގެ އިހްތިރާމް ލިބިގެންވާ "ބެސްޓް ފޭންސް އޮފް ދަ ވޯޅްޑް ކަޕް"ގެ ގޮތުގައެވެ.
Japan's fans are the best fans at the World Cuphttp://t.co/N9stvkTKVppic.twitter.com/R5WgsQgmz3
— Brian Floyd (@BrianMFloyd)June 20, 2014
ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ޖަޕާން ކުޅުނު ދެވަނަ މެޗުން ގްރީސްއާ ވާދަކޮށް ލަނޑެއް ނުޖެހި އެއްވަރުވި ނަމަވެސް، ޖަޕާނުގެ 'ފޭނުން' ވަނީ، އެންމެ މަތިން ސްކޯކޮށްގެން މީޑީއާ އާއި ދުނިޔޭގެ ސަމާލުކަން ވެސް ދަމައިގަނެފައެވެ. އެމީހުން ވަނީ، މެޗު ނިމުމުން އެނބުރި ގެއަށް ދިއުމުގެ ކުރިން، އެމީހުންގެ ގައުމީ ޓީމަށް ހިތްވަރުދިނުމަަށް ދަނޑަށް ވަދެތިބި އެތަކެއް ހާސް ސަޕޯޓަރުން ތިބި ތަނާއި އަދި އެމީހުން ދަނޑުގައި ބޭނުންކުރި ފާހާނާތައް ވެސް ވަރަށް ރީތިކޮށް ސާފުކޮށްފައެވެ.
ބްރެޒިލްގައި ޖަޕާނުގެ ސަޕޯޓަރުން ދައްކަމުން ގެންދާ އެ "މިސާލަކީ" އެމީހުން މިފަހަރުގެ ވޯލްޑް ކަޕަށް ހާއްސަކޮށްގެން ކުރަމުން އަންނަ ކަމެއް ނޫނެވެ. އެހެނެއް ކަމަކު އެއީ އެމީހުންގެ ދިރިއުޅުމުގެ ސަގާފަތާ ގުޅި ލާމެހިފައިވާ އާދައެކެވެ.
"އެއީ އަހަރެމެންގެ ސަގާފަތެއް. ކުނިބުންޏާ ނުލައި، ދިރިއުޅުން މާ ފުރިހަމަ،" ލޮސް އެންޖަލްސްގައި ދިރިއުޅޭ ޖަޕާނުގެ ބިޒްނަސް ކޮންސަލްޓަންޓެއް ކަމަށްވާ، ކެންޖީ ޔޮޝިޑާ، އޭނާގެ އަންހެނުން ހަރުކޯ ޔޮޝިޑާއާއި އަދިވެސް ގާތްގަނޑަކަށް 15،000 އަށް ވުރެ ގިނަ ސަޕޯޓަރުންނާއެކު ދަސް ދުނާސް ސްޓޭޑިއަމް ސާފުކުރުމުގެ މަސައްކަތުގައި އުޅެމުން ބުންޏެވެ. އެމީހުން ސާފުކުރުމުގެ މަސައްކަތުގައި ހަރަކާތެރި ވާ އިރު "ނިޕޯން" އޭ ގޮވާއަޑު މުޅި ދަނޑުގައި ގުގުމަމުން ދެއެވެ. ޖަޕާނު ބަހުން ނިޕޯން އަކީ ޖަޕާނެވެ.
ވޯލްޑް ކަޕަކީ ތަފާތު ގައުމުތަކުގެ ގައުމީ ޓީމުތަކާއި އަދި އެކި ގައުމުތަކުގެ އެތަކެއް ހާސް ސަޕޯޓަރުން ދިމާވެ އެއްބައެއްގެ އާދަކާދައާއި ސަގާފަތާ އަނެއްބަޔަކަށް ދަސްވުމަށް ލިބިދޭ ރަނުގެ ފުރުސަތެކެވެ.
"ސަމުރާއީ ބްލޫޒް"ގެ ނަމުން މަޝްހޫރުވެފައިވާ ޖަޕާނުގެ ގައުމީ ޓީމުގެ ސަޕޯޓަރުން މިއަދު ވަނީ، މުޅި ދުނިޔެއަށް ރީތި ނަމޫނާއެއް ދައްކާފައެވެ.
މިފަހަރުގެ ވޯލްޑް ކަޕްގައި ޖަޕާނު ކުޅުނު ފުރަތަމަ މެޗުން އައިވަރީ ކޯސްޓާ ވާދަކޮށް އެޓީމު ވަނީ، ބަލިވެފައެވެ. ރެސިފޭގެ އެރީނާ ޕެރްނަމްބުޝޯގައި 2-1 ލަނޑުން ޖަޕާން ބަލިވުމުން ވެސް އެގައުމުގެ ސަޕޯޓަރުން ދަނޑުން ނުކުތީ، އެމީހުން މެޗު ބެލުމަށް ފަހު އާދައިގެ މަތިން ކުރާ މަސައްކަތް ނިންމާލައިފައެވެ. މެޗުން ބަލިވެ ގައުމީ ޓީމަށް ޕޮއިންޓެއް ނުލިބުނު ނަމަވެސް ޖަޕާނު ސަޕޯޓަރުން ވަނީ، ދަނޑު ސާފު ކޮށްގެން އެގައުމަށް ރީތި ނަމެއް ހޯދައިދީފައެވެ.
އާންމު ތަންތާނގައި ބޭއްވޭ މިފަދަ ބޮޑެތި "އިވެންޓު"ތައް ނިންމާލުމަށް ފަހު، "ތިމާ ހަޑިކުރިތަނެއް، ނުވަތަ ތިމާ އަޅާފައި ހުރި ކުނިތައް" ސާފުކުރުމަކީ ޖަޕާނުގެ ރައްޔިތުން ދެކޭ ގޮތުގައި ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. ސާފު ކުރުމަށް ފަހު ކުނި އަޅާނެ ޑަސްބިނެއް ފަދަ އެއްޗެއް ނެތިއްޔާ އެ ކުނިތައް ހިފައިގެން އެމީހުން ގެއަށް ދާ ކަމަށް ވެއެވެ. އާންމު ރެސްޓޯރަންޓް ފަދަ ތަންތަނުގައި ވެސް ކައި ނިންމާލުމަށް ފަހު، އެމީހަކު "ކެއިތަން" ސާފުކުރުމަކީ އެމީހެއްގެ ޒިންމާ އެކެވެ.
ވޯލްޑް ކަޕް ބާއްވާ ގައުމު ތަކުގައި ޖަޕާނު ކުޅޭ މެޗުތަކަށް ފަހު ދަނޑު ސާފުކުރަނީ، އެ މީހުން ބުނާ ގޮތުގައި މުބާރާތް ބާއްވާ ގައުމަށް އިހްތިރާމު ކުރުމުގެ ގޮތުންނެވެ.
"އަހަރެމެން މި ސަގާފަތް މީގެ ދެތިން ވޯލްޑް ކަޕެއްގެ ކުރިން ފަށައިފިން. އަހަރެމެން ކޮންމެ ވެސް ވަރަކަށް ސާފުކުރުމުގެ މަސައްކަތް ކުރަނީ، މުބާރާތް ބާއްވާ ގައުމަށް އިހްތިރާމް އަދާކުރުމުގެ ގޮތުން، އަދި ހަމަ އެހެންމެ ޖަޕާނުގެ ސާފުތާހިރުކަން އެހެން މީހުންނަށް ދެއްކުމަށްޓަކައި،" ސާފު ކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ ޖަޕާނުގެ ސަޕޯޓަރެއް ކަމަށްވާ ކެއި ކަވާއީ، އެންޕީއާރު އަށް ބުންޏެވެ. "އަހަރެމްނެ ސްކޫލްގައި އުޅޭއިރު މިފަދަ އާދަތައް ދަސްކޮށްދޭ. އަދި އަހަރެމެން ތަނަކަށް ޒިޔާރަތް ކޮށްފިއްޔާ އެތަނަކުން ނުކުންނައިރު އެތަނެއް އަހަރެމެން ދިޔަ އިރަށްވުރެ ރީތިކޮށްފައި އަންނަަނީ،"
ޖަޕާނުގެ ސަޕޯޓަރުންގެ ފަރާތުން ފެންނަމުންދާ މި ރިވެތި އަހްލާގުގެ ސަބަބުން މުބާރާތް ބާއްވާ ބްރެޒިލްގެ އެތަކެއް ހާސް ރައްޔިތުންނެއް ވެސް ވަނީ ހައިރާންވެ އަންތަރީސް ވެފައެވެ.
"މިއީ ވަރަށް ބަރާބަރު ކަމެއް. މިއީ އަހަރެމެން ބްރެޒިލްގެ ރައްޔިތުންނަށް ވަރަށް ފުރިހަމަ ނަމޫނާއެއް،" ބްރެޒިލްގެ ރައްޔިތަކު ބުންޏެވެ.
ކޮންމެއަކަސް ޖަޕާނު ސަޕޯޓަރުންގެ ވާހަކަ މިއަދު މިވަނީ، "މޯސްޓް ރެސްޕެކްޓްފުލް" އަދި "ބެސްޓް ފޭންސް އޮފް ދަ ވޯލްޑް ކަޕް"ގެ ގޮތުގައި ބޮޑެތި ސޯޝަލް މީޑީއާ ތަކުގައާއި ދުނިޔޭގެ ނަން މަޝްހޫރު އެތަކެއް ނޫހެއްގެ ސުރުހީތަކުން ޖާގަ ހޯދައިފައެވެ.
ICYMI: respectful Japan fans clean up after themselves at World Cup:http://t.co/igvBPEDkRk#WorldCup#yegpic.twitter.com/vWN6p46DFk
— Global Edmonton (@GlobalEdmonton)June 20, 2014
އަޅުގަނޑުމެންފަދަ ގުދުރަތީ ރީތި ކަމާއި، ފުރިހަމަ ކަން ލިބިފައިވާ، ގައުމެއްގައި މިފަދަ ރީތި އާދައެއް އަށަގެންނެވިއްޖެ ނަމަ ހާދަ މި ގައުމު އަދި ހާދަހާ ފުރިހަމަ ވާނެއެވެ. ކޮންމެއަކަސް ވޯލްޑް ކަޕުގެ މެޗުތައް ބެލުމަށް އަޅުގަނޑުމެން މި ހުންނަ ފޯރިއާއި ދޭ ޝައުގު ވެރިކަމާ އެއްވަރަށް މިފަދަ ރިވެތި އާދަކާދަތައް ދަސްކޮށް އެކަން ދެމެހެއްޓުމަށް ވެސް މަސައްކަތް ކުރުން އެއީ ފުރިހަމަ ކަމަކަށް ނުވެދާނެ ބާވައެވެ.