ފީފާ ވޯލްޑް ކަޕްގެ ދެވަނަ ފޭވަަރިޓުންގެ ގޮތުގައި އާޖެންޓިނާ މިރޭ 9 ޖަހާއިރު އީރާނާ ދެކޮޅަށް ނުކުންނައިރު އެމެޗުން މޮޅުވެގެން އެޓީމަށް ދެވަނަ ބުރުގައި ހިމެނުމުގެ ފުރުސަތު ބޮޑުވެގެން ދާނެއެވެ.

އާޖެންޓިނާ މިރޭ ކުޅޭނެކަމަށް ބޮޑަަށް ބެލެވެނީ އެންމެ ފަހުން ބޮސްނިޔާއާ ދެކޮޅަށް ކުޅުނު 3-3-4 ސިސްޓަމަށެވެ. މިރޭގެ މެޗުގެ ފުރަތަމަ 11 ގައި ގޮންޒާލޭ ހިގައިން ފެނިގެންދާނެ އެވެ. މެކްސީ ރޮޑިރިގޭޒް އާއެކު ފެނާންޑޯ ގާގޯ ވެސް ފެނިގެންދާނެއެވެ. މި މެޗު ވެގެން ދާނީ އާޖެންޓީނާގެ މަޝެރާނޯ އެޓީމަށް ކުޅޭ 100 ވަނަ މެޗަށެވެ.

އިރާނުން މިމެޗުގައި ނެރޭނެ ކަމަށް ބެލެވެނީ އެންމެފަހުން ނައިޖީރިޔާއާ ދެކޮޅަށް ނެރުނު ފުރަތަމަ އެގާރައެވެ. އިރާގެ ސިސްޓަމު ވެސް ބޮޑަށް ރޭވިގެން ދާނީ ދިފާއީ ކުޅުމަށް ކަމަށް ގަބޫލުކުރެވެ އެވެ.

* ދެޓީމުގެ ކުރިމަތިލުންތައް

މިދެޓީމު ފުޓްބޯޅަ މެޗެއްގައި ހަަމައެކަނި ބައްދަލަކޮށްފައި ވަނީ 1977 ވަނަ ރެއާލް މެޑްރިޑް އުފެދުނުތާ 75 އަހަރު ފުރުމުގެ މުނަސާބަތު ފާހަގަކުރުމުގެ ގޮތުންނެވެ. މެޑްރިޑްގެ ބޭނަބިއުގަަި ކުޅުނު އެ މެޗް ނިމެގެން ދިޔައީ 1-1 ނަތީޖާއަކުންނެވެ.

* އާޖެންޓީނާ

އާޖެންޓީނާ އެންމެފަހުން ގްރޫޕް ސްޓޭޖުގައި ކުޅުނު 13 މެޗުން 10 މެޗުން އެޓީމު ވަނީ މޮޅުވެފައެވެ. ދެ މެޗުން އެއްވަރުވެ އެއް މެޗުން ވަނީ ބަލިވެފައެވެ. ޖުމްލަ 26 ގޯލް މިހާތަނަށް ޖަހަފައި ވާއިރު އެންމެ ފަހުން އާޖެންޓީނާ ގްރޫޕް ސްޓޭޖުން ބަލިވެފައި ވަނީ 2002 ވަނަ އަހަރު އެވެ. އެ ޓީމުގެ ކުރިމަތި ބެލެހެއްޓުމުގެ މުގޫ ކަމަށްވާ ލިއޮނަލް މެސީ އެންމެ ފަހުން ކުޅުނު 21 މެޗުގައި 21 ގޯލް ޖަހާފައި ވެއެވެ.

* އީރާން

މިއަދަކީ އިރާނުން އެންމެފަހުން ވޯލްޑް ކަޕްގެ މެޗަކުން މޮޅުވެވުނުތާ 16 އަހަރު ފުރޭ ދުވަހެއެވެ. އެންމެފަހުން ވޯލްޑް ކަޕް މެޗަކުން އެ ޓީމު މޮޅުވެފައި ވަނީ 1998 ގައި އެމެރިކާއާ ވާދަކޮށް 2-1 ނަތިޖާއަކުންނެވެ. އެއީ ވޯލްޑް ކަޕްގައި އެ ޓީމު ކުޅުނު 10 މެޗުގެތެރެއިން މޮޅުވި ހަަމައެކަނި މެޗެވެ. ތިން މެޗުން އެއްވަރުވި އިރު ހަ މެޗުން ވަނީ ބަލިވެފައެވެ.

އެންމެފަހުން ނައިޖީރިޔާއާ ދެކޮޅަށް ކުޅުނު މެޗަކީ މިހާތަނައް އީރާނުގެ ބައިކޮޅަށް ލަނޑެއް ނުވަދެ ނިމުނު ހަމައެކަނި މެޗެވެ. އެންމެ ފަހުން ވޯލްޑް ކަޕެއްގައި ދެކުނު އެމެރިކާ ޓީމަކާ ދެކޮޅައް އީރާނު ކުޅެފަވަނީ 1978 ގައި ޕެރޫއާ ދެކޮޅަށެވެ. އެމެޗު 4-1 ނަތީޖައަކުން އިރާނު ވަނީ ބަލިވެފައެވެ. ވޯލްޑް ކަޕްގައި މިހާތަނަށް އީރާނުން ޖަހާފައިވާ 9 ލަނޑުގެ ތެރެއިން 4 ލަނޑު ކާމިޔާބު ކޮއްފައި ވަނީ ބޮލުން ޖަހައެވެ. އެންމެ ފަހުން އެޓީމު ޖެހި ދެ ގޯލު ވެސް ފެނިގެން ދިޔައީ ކޯނަރަކުން 2006 ވަނަ އަހަރުއެވެ.