21 Jun 2014, 14:35
އުނގޫފާރު ނެރުމައްޗަށް އެރި "ފުޅަނގި" ބޯޓު، އެ ރަށުގެ ބަނދަރުގެ ބޭރު ތޮށިގަނޑާއެކު ރާޅާ ޖަހައި ބޯޓު "ފުނޑުފުނޑު" ވެއްޖެ އެވެ.
އެ ބޯޓު ފޮނޑުފުނޑުވެފައި ވަނީ ބޯޓު ފުންކުރަން އުނގޫފާރު ރައްޔިތުން މެދުނުކެނޑި 21 ގަޑިއިރު ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 7:30 އެހާކަންހާއިރު އުނގޫފާރު ނެރުމައްޗަށް އެރި ބޯޓު، ފުންނުކުރެވިގެން މަސައްކަތް ހުއްޓާލީ އިއްޔެ ހަވީރު 4:30 އެހާކަންހާއިރު އެވެ.

ނެރުމައްޗަށް އެރި ބޯޓު ފުނޑުފުނޑުވުމުގެ ކުރިން-- ސަން ފޮޓޯ/ ކިޔުންތެރިއެއް
އުނގުފާރު ކައުންސިލްގެ ނައިބު ރައީސް މުހައްމަދު އިގުބާލު "ސަން"އަށް ވިދާޅުވީ ފުޅަނގި ބޯޓު ސަލާމަތް ނުކުރެވުނީ އެ ބޯޓު އުރުނު ސަރަހައްދުގެ އޮއިވަރު ގަދަކަމުން ކަމަށެވެ. އަދި އެ ބޯޓު ނެރު މައްޗަށް އެރިތާ ދެ ގަޑިއިރު ނުވަނީ ބޯޓުގެ ބަނޑުފިލާ ނެއްޓައިގެން ގޮސް ދިޔަވާން ފެށި ކަމަށް އިގްބާލް ވިދާޅުވި އެވެ.
ނަމަވެސް ބޯޓުގެ ވެރިފަރާތުގެ އެދުމުގެ މަތިން ބޯޓުގެ ބައި ބައި ރޫޅައިގެން ނެގުމަށް މަސައްކަތް ފެށި ކަމަށާއި ނަމަވެސް އެ މަސައްކަތް ވެސް ނާކާމިޔާބުވި ކަމަށް އޭނާ ވިދާޅުވި އެވެ. ބޯޓުގެ ބައިބައި ރޫޅައިގެން ނަގަން އުޅުމުގެ ތެރޭ ބޯޓު ރާޅާއެކު ބޭރު ތޮއްޓަށް ޖަހައި ބޯޓު މިހާރު ވަނީ "ފުނޑުފުނޑުވެފަ" އެވެ.

ފުޅަނގި ބޯޓު ތޮއްޓާއެކު ޖަހައި ފުނޑުފުނޑުވެފައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ބޯޓު ސަލާމަތްވާނެ ކަމުގެ އުންމީދެއް ނެތުމުން، ބޯޓުގެ ބައި ބައި ވަކިން ނެގުމުގެ ބަދަލުގައި އިންޖީނު ސަލާމަތް ކުރަން މަސައްކަތް ފަށާފައިވާ ކަމަށް އިގްބާލް ވިދާޅުވި އެވެ.
ފުޅަނގި ބޯޓު އުގޫފާރު ނެރުމައްޗަށް އެރީ މާލެއިން ފުރައިގެން ރ. އަލިފުއްޓަށް ދަތުރުކުރަމުންދަނިކޮށެވެ. އެ ބޯޓު ފުން ކުމުގެ މަސައްކަތުގައި އުޅުނު މީހަކު އަކުނިވަޔަށް ދެމުމާ ގުޅިގެން އެމީހާއަށް އުނގޫފާރު ރީޖަލަން ހޮސްޕިޓަލްގެ އައިސީޔޫގައި ވަނީ ފަރުވާދީފަ އެވެ.