ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެމްބަރުން އައްޔަންކުރުމުގައި އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގެ މެންބަރުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މަޝްވަރާގެ މަތިން ކޮމެޓީ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމަވައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމް އަހްމަދު މުހައްމަދު ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް މިރޭ 8:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަން ކޮމެޓީގެ މެންބަރުންނަށް ވެސް އަންގާފައިވާނެ ކަމަށް އަމީންއާންމް ވިދާޅުވި އެވެ.

"މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލާ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ވަނީ ހަމަޖެހިފައި. އެކަން މިހާރު ވާނީ ކޮމެޓީގެ މެންބަރުންނަށް ވެސް އެންގިފައި،"އަމީންއާންމް ވިދާޅުވި އެވެ.

މިރޭ ބާއްވާ ކޮމެޓީ ބައްދަލުވުމާ ބެހޭ ގޮތުން ސަން އަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕާލެމެންޓްރީ ގުރޫޕްގެ ލީޑަރު، ހިންނަވަރު ދާއިރާގެ މެބްބަރު އިބްރާހިމް މުހައްމަދު ސޯލިޙް (އިބޫ) ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރުމަށް މިހާތަނަށް ކުރެވުނު މަޝްވަރާއިން އެއް ވެސް އަލިމަގެއް ފެނިފައިނުވާ ކަމަށެވެ. އެހެން ނަމަވެސް މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމަކަށް އެމަނިކުފާނުގެ މަޝްވަރާގެ މަތިން މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމަށް ކަނޑައަޅާފައިވާ ކުޑަ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

"މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ އަށް ހަލެއް ހޯދުމަށް މަޖިލީހުގެ ރައީސްއާ އެކު ކުރެވުނު މަޝްވަރާތަކުން ވެސް އެއް ވެސް ހަލެއް ލިބިފައެއް ނުވޭ. އަޅުގަނޑު މިއަދު ވެސް މަޖިލީހުގެ ރައީސް އާއި މަޝްވަރާ ކުރިން އެހެން ނަމަވެސް އަދި ހަމަ އެއް ވެސް އަލިމަގެއް ފެނިފައެއް ނުވޭ. އެހެންނަމަވެސް މަޖިލީހުގެ ރައީސްގެ މަޝްވަރާގެ މަތިން ދާއިމީ ކޮމެޓީތައް އެކުލަވާލާ ކޮމެޓީގެ ކުޑަ ކޮމެޓީ ބައްދަލުވުމެއް މިރޭ ބާއްވަން ވަނީ ނިންމާފައި،" އިބޫ ވިދާޅުވި އެވެ.

އެމްޑީޕީން ބުނެފައި ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީ އާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގެ އިތުރުން މާލިއްޔަތު ކޮމެޓީން ހަތަރު ޖާގަ ނުލިބޭގޮތަކަށް ދާއިމީ ކޮމެޓީތައް އެކުލަވާލުމުގައި ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް އެ ޕާޓީން ދޫނުދޭނެ ކަމަށެވެ.


މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލާ ވަގުތީ ކޮމެޓީގެ ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދިޔަ ހޯމަ ދުވަހު ބޭއްވި އެ ކޮމެޓީގެ ބައްދަލުވުމުން ވަނީ ދާއިމީ ކޮމެޓީތަކަށް މެންބަރުން އައްޔަން ކުރާނެ ގޮތް ފާސްކޮށްފަ އެވެ.

އެގޮތުން ދައިމީ ކޮމެޓީތައް އެކުލަވާލުމަށް ވަގުތީ ކޮމެޓީގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ ކޮންމެ ކޮމެޓީއެއްގައި 11 މެމްބަރުން ތިބޭގޮތަށެވެ. އެއީ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ މައުރޫފް ހުށަހެޅުއްވި ހުށަހެޅުމެކެވެ. އެ ހުށަހެޅުން ފާސްވުމާ ގުޅިގެން މިނިވަންމުވައްސަސާތަކާ ބެހޭ ކޮމެޓީ އާއި ސަރުކާރު މައްސޫލިއްޔަތު އަދާކުރާ މިންވަރުބަލާ ކޮމެޓީ އާއި ގައުމީ ސަލާމަތު ކޮމެޓީއާއި އިގުތިސާދީ ކޮމެޓީ އާއި މާލިޔަތު ކޮމެޓީގެ އިތުރުން އިމްތިޔާޒު ކޮމެޓީއާ އާއްމު ކޮމެޓީގެ މެޖޯރިޓީ ސަރުކާރަށް ލިބެ އެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ވެސް ހުއްޓާލާފައިވަނީ މަޖިލީހުގެ ދާއިމީ ކޮމެޓީތައް އެކުލަވާލުމާ ބެހޭގޮތުން އިދިކޮޅު އެމްޑީޕީ އާއި ސަރުކާރު ހިންގާ ކޯލިޝަންގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވެ މަޖިލީހުގެ ނިޒާމް ގެއްލުމުންނެނެވެ.