21 Jun 2014, 13:48
ހދ. ކުޅުދުއްފުށީގައި ކާރެއްދަށުގެ ފަސް އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ މިއަދު 12:50 އެހައިކަންހާއިރު ހޮސްޕިޓަލްގެ އިރުއުތުރު ކަންމަތިން ހުޅަނގަށް ލަނބާލި ކާރެއްގެ ދަށުވެ އަނިޔާ ލިބިފައި ވަނީ އެ އަތޮޅު ނޮޅިވަރަމްގެ އަންހެން ކުއްޖެއް ކަމަށެވެ.

ޒަހަމްވި ކުޑަކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާދެނީ: ސަން ފޮޓޯ/ ހދ. އަތޮޅު ކައުންސިލް
ކާރު ދަށުވި ކުއްޖާގެ ދަތްޕިލައަށް ބޮޑެތި ގެއްލުންތަކެއްވެ، ފަސް ދަތެއް ނެއްޓިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އެކްސިޑެންޓު ހިނގި ސަރަހައްދަކީ ހޮނިހިރު ދުވަހު އާންމުކޮށް ކާރުބާރު ބޮޑު ސަރަހައްދެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޒަހަމްވި ކުޑަކުއްޖާއަށް ހޮސްޕިޓަލްގައި ގެންދަނީ: އެ ކުއްޖާގެ ހާލު އެހާ ސީރިއަސްއެއް ނޫން-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ކުޅުދުއްފުށީ ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ހަސަން ވިދާޅުވީ އެ ކުއްޖާއަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި ކުއްޖާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ.