ދަރިފުޅު ބަސްނާހަނީ ހެއްޔެވެ؟ ނަސޭހަތް ދީގެން ވެސް ރަނގަޅެއް ނުވި ހެއްޔެވެ؟ ކުއްޖާއަށް އަމިއްލަ އަށް ވިސްނިގެން ބަސް އެހީގަ މާ ރަނގަޅު ވާނެ ނޫންތޯ އެވެ؟ މިހާރު އެއީ މާ އުނދަގޫ ކަމެއް ނޫނެވެ. އިސްލާމީ ރިވެތި އުސޫލުގެ ތެރެއިން ކުއްޖާ އަށް އަމިއްލައަށް ވެސް އަހުލާގު ދަސް ކުރެވިދާނެ އެވެ. ބޭނުމީ ހަމައެކަނި ފޮތެކެވެ.

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް އިން އިއްޔެ ވަނީ ރޯދަ މަހާ ދިމާކޮށް އިސްލާމީ ފޮތް މައުރަޒެއް ހުޅުވައިފަ އެވެ. މި މައުރަޒުގައި 9،000 ވުރެ ގިނަ ފޮތް އެބަހުއްޓެވެ. މީގެ ތެރޭގައި 7،000 ވުރެ ގިނަ ޓައިޓަލްސް ހިމެނެވެ.

"އަޅުގަނޑުމެންގެ މަގްސަދަކީ އިސްލާމީ ރިވެތި އަހުލާގާއި އުސޫލުތަކާއި ގަބޫލު ކުރުންތައް ކުޑަކުދިންނަށް އެނގުން،" ބިލަބޮންގްގެ ޕްރިންސިޕަލް ޑިނެޝް ބަކްޝީ ބުންޏެވެ.

މި މައުރަޒުގައި ހުރި ގިނަ ފޮތްތަކަކީ ކުޑަކުދިންނަށް އަމާޒުކޮށްގެން ތައްޔާރު ކޮށްފައި ހުރި ފޮތްތަކެވެ. ގުރްއާނުގެ މަތިވެރިކަމާއި ގުރްއާނުގައި ހިމެނިފައިވާ ވާހަކަތަކާއި ރަސޫލު ބޭކަލުން އަދި ސަހާބީންގެ ވާހަކަތައް ހިމެނޭ އެތައް ފޮތެއް އެ މައުރަޒުގައި އެބަހުއްޓެވެ.

"ކުޑަކުދިންނާ ވަރަށް ގުޅޭ ގޮތަށް ކުލަގަދަކޮށް ކުރެހުމާއެކު މި ފޮތްތައް ހުންނާނީ. ކޮންމެ ކުއްޖަކަށް ވެސް ދަސްކޮށްލަން ފަސޭހަ އަދި ކިޔާ ހިތްވާ ގޮތަށް ފޮތްތައް ހުންނާނީ،" ޑިނެޝް ބުންޏެވެ.

މައުރަޒުގައި ހިމެނެނީ ހަމައެކަނި ވާހަކަ ފޮތެއް ވެސް ނޫނެވެ. ގުރްއާނާއި އިސްލާމް ދީނާ ބެހޭ ގޮތުން އުނގެނުމަށް ޕަޒްލްސް އަދި ކްރޮސްވޯޑް ގޭމްސް ފަދަ އެއްޗެހި ވެސް މި މައުރަޒުގައި ވިއްކަ އެވެ.

"ޕަޒްލްސް އަދި ކްރޮސްވޯޑް ގޭމްސް ވެސް ހުންނާނެ ބައިވަރު. އިސްލާމީ އެކިއެކި މައުލޫއާ ސިއްހަތާ ގުޅޭ ބައިވަރު ތަކެތި ވެސް ހުންނާނެ،" އޭނާ ބުންޏެވެ.

ކުޑަކުދިންގެ ފޮތްތަކުގެ އިތުރުން ބޮޑެތި މީހުންނަށް ހާއްސަ ފޮތްތައް ވެސް މި މައުރަޒުގައި ހުރެ އެވެ. އެގޮތުން އިސްލާމް ދީން ދުނިޔެއަށް ފެތުރިގެން އައި ގޮތާއި ގުރްއާނާއި އިސްލާމް ދީނުގެ ސައިންސްގެ އިތުރުން ވެސް އެތައް ފޮތެއް ހިމެނެ އެވެ.

"ކުޑަކުދިންނަށް ހާއްސަ ވަރަށް ގިނަ ފޮތް ހުރި ނަމަވެސް ބޮޑެތި މީހުންނަށް ވެސް މިތަނުން ފޮތް ލިބޭނެ. ކޮންމެ މީހަކަށް ވެސް އެތައް އާ މައުލޫމާތެއް ލިބޭނެ ކިޔާލާ ހިތްވާނެ ބައިވަރު ފޮތް މިތަނުން ލިބޭނެ،" ޑިނޭޝް ބުންޏެވެ.

މި ފޮތް މައުރަޒުގެ އެންމެ ހާއްސަ އެއް ކަމަކީ އަގުތަކެވެ. އަގުތައް 10 ރުފިޔާއިން ފެށިގެން އެކި ރޭންޖުތަކުގައި ލިބެން އެބަހުއްޓެވެ. އެކަމަކު އެންމެ ހާއްސަ ކަމަކީ މި މައުރަޒުން ފޮތް ވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް އުނގަންނައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާއަކަށް ހަދިޔާ ކުރުމެވެ.

"މި މައުރަޒުން ލިބޭ ހުރިހާ ފައިސާއެއް ވެސް އަޅުގަނޑުމެން ހަދިޔާ ކުރާނީ ފައުންޑޭޝަން ފޯ އަ ބެޓާ ލައިފް މި ޖަމިއްޔާ އަށް. މި ޖަމިއްޔާއަކީ ކިޔެވުމާއި އުނގަންނައިދިނުމަށް މަސައްކަތް ކުރާ ޖަމިއްޔާ އެއް،" އޭނާ ބުންޏެވެ.