21 Jun 2014, 12:46
ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގެ ހާލަތު ހުރި ގޮތުން ބަލިމީހުންނަށް އެކަށީގެންވާ ފަރުވާއެއް އެތަނުގައި ނުދެވޭ ކަމަށް ބުނެ، ހޮސްޕިޓަލްގެ ހާލަތު ރަނގަޅު ކުރުމަށް ގޮވާލާ މުޒާހަރާ ފަށައިފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު މިއަދު "ސަން"އަށް ވިދާޅުވީ ހޮސްޕިޓަލުގެ ހާލަތު ރަނގަޅު ކުރުމަށް ގޮވަލައި ގިނަ ބަޔަކު ހޮސްޕިޓަލް ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން އަންނަ ކަމަށެވެ. އެއްވެ ތިބި މީހުން އެކަން ކުރިއަށް ގެންދަނީ "ސުލްހަވެރި އިހްތިޖާޖެއް" ގޮތުގައި ކަމަށާއި ރައްޔިތުންގެ އެދުމަކީ ހޮސްޕިޓަލުގެ ހާލަތު ހުރި މިންވަރު ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނައުން ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުތިޖާޖުގެ ބައިވެރިއެއް ކަމަށްވާ މުހައްމަދު ވަހީދު "ސަން" އަށް ބުނީ ހޮސްޕިޓަލްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެކަށީގެންވާ ޑޮކްޓަރުންނާއި މެޝިނަރީސް ވެސް ހޮސްޕިޓަލްގައި ނެތް ކަމަށެވެ. އަދި އެކަމުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ހިނގާފައި ވުމުގެ ސަބަބުން އިހުތިޖާޖަށް ނުކުންނަން މަޖުބޫރުވީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވޭތުވެދިޔަ ތިން ދުވަހު ވެސް މަސައްކަތް ކޮށްފިން ހޮސްޕިޓަލްގެ މެނޭޖަރާ ބައްދަލުވޭތޯ. ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެކަމެއް ނުވޭ. ހޮސްޕިޓަލާ ބެހޭގޮތުން ސަރުކާރުން ދެއްވާ ޖަވާބެއްވެސް އަޅުގަނޑުމެންނަށް އެބޭފުޅާ ފޯރުކޮށް ނުދެނީސް އަޅުގަނޑުމެން މި އިހުތިޖާޖު ހުއްޓައެއް ނުލާނަން. އަލުގަނޑުމެން ބޭނުންވަނީ ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނައުން،" ވަހީދު ވިދާޅުވި އެވެ.
ހޮސްޕިޓަލް ކައިރީ އިހްތިޖާޖު ފަށާފައި ވާއިރު، މިމަހު 18 ވަނަ ދުވަހު ކުޅުދުއްފުށީ ހޮސްޕިޓަލަށް ދިޔަ އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅުގެ ހާލު ރަނގަޅު ކަމަށް ބުނެ، މާބަނޑު އަންހެނަކު ގެއަށް ފޮނުވާލިތާ 24 ގަޑިނުވަނީސް ދަރިފުޅު ބަނޑުތެރަށް މަރުވެ، މަންމަގެ ގައިން ލޭ މަނާނުވެ، ސީރިއަސް ހާލަތަކަށް ވަނީ ވެއްޓިފަ އެވެ.