06 Jan 2011, 14:38
މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ ރޭ ހުޅުލޭ ބޮންޑެޑް ވެއާ ހައުސް ފަޅާލައިގެން 300 އަށް ވުރެ ގިނަ ރާ ފުޅި ވަގަށް ނެގި ސަރަހައްދުގެ ކޮންޓެއިނަރެއްގެ ދަށަށް އުކާލާފައި ހުރި ގިނަ އަދަދެއްގެ ރާ ފުޅިތަކެއް ފެނިއްޖެ އެވެ.
އިސްކަންދަރު ބިލްޑިންގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޖިނާހު މިއަދު ވިދާޅުވީ ހުޅުލޭ ބޮންޑެޑް ވެއާ ހައުސް ފަޅާލައިގެން 300 އަށް ވުރެ ގިނަ ރާ ފުޅި ވަގަށް ނެގި ކަމަށް މި މަހުގެ 25 ގައި ފުލުހުންނަށް ހުށަހެޅުމާ ގުޅިގެން ހުޅުލޭ ބޮންޑެޑް ވެއާ ހައުސް ހުންނަ ސަރަހައްދަށް ފުލުހުން ދިޔައިރު ކޮންޓެއިނަރެއްގެ ދަށަށް އުކާލާފައި ހުރި 249 ރާ ފުޅި ފެނިފައިވާ ކަމަށެވެ. ނަމަވެސް އެ ރާ ފުޅިތަކަކީ ބޮންޑެޑް ވެއާ ހައުސް އިން ވަގަށް ނެގި 300 ފުޅީގެ ތެރޭގައި ހިމެނޭ ރާ ފުޅިތަކެއް ކަމެއް އަދި ފުލުހުންނަށް ކަށަވަރުވެފައި ނުވާ ކަމަށް ޖިނާހު ވިދާޅުވި އެވެ.
ޖިނާހު ވިދާޅުވީ އެ މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ބެލުމުގެ ދަށުގައި ހުރި ބޮންޑެޑްވެއާ ހައުސް ރާފުޅިތައް ވަގަންނެގުމާ ގުޅިގެން އެ ކުންފުނީގެ ޕީއާރު ފާމްގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ޝިހާބު ވިދާޅުވެފައިވަނީ އެފަދަ ކަމެއް އެތަނުގައި ވިޔަ ނުދިނުމަށްޓަކައި ކުރިއަށް އޮތް ތާނގައި ސިކިއުރިޓީ ކެމެރާ ހަރުކުރާނެ ކަމަށެވެ. އަދި ފެންސު ބޮޑަށް ބެލެހެއްޓުމުން ކުރިއަށް ވުރެ ހަރުދަނާ ކުރާނެ ކަމަށް އިބްރާހިމް ޝިހާބު ވިދާޅުވެފައިވޭ.