21 Jun 2014, 11:08
ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ގޮފިން މިއަދު މާލޭގެ ގެތަކަށް ޒިޔާރަތްކޮށް ޑެންގީއާ ގުޅޭ މައުލޫމާތު ދޭން ފަށައިފި އެވެ.
ދިވެހި ރެޑް ކްރެސެންޓުގެ މާލޭ ގޮފީގެ ޗެއާޕާސަން މުހައްމަދު ޖުނައިދު ވިދާޅުވީ ޑެންގީއާ ދެކޮޅަށް އެފަރާތުން ކުރާ ކެމްޕެއިނުގައި މިއަދު މުހިންމު ދެ ކަމެއް މިއަދު ކުރާނެ ކަމަށެވެ.
"ޑެންގޫއާ ގުޅޭ މައުލޫމާތު ރައްޔިތުންގެ ހުރި ވަރު އަޅުގަނޑުމެން ބަލާނަން. އަދި ޑެންގީއާ ގުޅޭ ވީހާވެސް ގިނަ މައުލޫމާތު އަޅުގަނޑުމެން ދޭނަން،" އޭނާ ވިދާޅުވި އެވެ.
ޖުނައިދު ވިދާޅުވީ އެ ކެމްޕެއިން ކުރިއަށް ގެންދާނީ މާލެ ހަތަރު ފަޅިއަކަށް ބަހާލައިގެން ކަމަށާއި މިއަދު އޭގެ ތެރެއިން ދެ ބަޔަކަށް ޒިޔާރަތް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެންނާއެކީ މިއަދު މި ނިކުތީ 30 ވޮލަންޓިއަރުން. ވޮލަންޓިއަރުން ލިބުނު ވަރަކުން އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ޖުނައިދު ވިދާޅުވި އެވެ.
ޑެންގީއާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދޮރުން ދޮރަށް ހިނގާލުމުގެ ކެމްޕެއިނެއް ރެޑް ކްރެސެންޓުން ކުރިއަށް ގެންދަން ނިންމީ މި ދުވަސްވަރަކީ ވިއްސާރަ ދުވަސްކޮޅަކަށް ވެފައި ޑެންގޫ ފެތުރުމުގެ ފުރުސަތު އޮތުމުން ކަމަށް ޖުނައިދު ވިދާޅުވި އެވެ.
"ބައެއް ކަހަލަ ނިޝާންތައް ފެންނަމުން އެބަދޭ ޑެންގީ ފެތުރުމުގެ. އެހެންވެ އަޅުގަނޑުމެން އިސް ނަގައިގެން މިކަންތައް ކުރިއަށް ގެންދަން ނިންމީ،" އޭނާ ވިދާޅުވި އެވެ.