ވޯލްޑް ކަޕުގައި ފްރާންސްގެ ފަރާތުން ފެންނަމުންދާ މޮޅު ކުޅުމަކީ ޖަޒުބާތެއް ނެތި ކުޅެމުންދާތީ ދެއްކޭ ކުޅުމެއް ކަމަށް އެ ޓީމުގެ ފޯވަޑް ކަރިމް ބެންޒެމާ ބުނެފި އެވެ.

ބްރެޒިލްގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕުގެ ގްރޫޕް ޑީގައި މިހާތަނަށް ޑިޑިއާ ޑެޝޯމްސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފްރާންސް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. މި މުބާރާތުގައި މިހާތަނަށް އެ ޓީމު ކުޅުނު ދެ މެޗުން ވެސް ވަނީ އެއްވެސް އުނދަގުލަކާއި ނުލައި މޮޅުވެފަ އެވެ.

ފްރާންސް ވަނީ ރޭ ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު މެޗު 5-2 ލަނޑުގެ ނަތީޖާއަކުން މޮޅުވެ، މުބާރާތުގެ ގަދަ 16 އަށް ދަތުރުކޮށްފަ އެވެ. މި މެޗުގައި ފްރާންސަށް ލަނޑުތައް ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫ އާއި، މެތިއު ވަލްބުއެނާ އާއި، ބްލެއިސީ މަޓުއިޑީ، ކަރިމް ބެންޒެމާ އަދި މޫސާ ސިސޯކޯ އެވެ.

ފްރާންސް އިން ފަސް ލަނޑު ޖެހި ފަހުން ސްވިޒަލޭންޑް ކާމިޔާބުކުރި ދެ ލަނޑު ޖަހައިދިނީ ބްލެރިމް ޖެމައިލީ އާއި ގްރެނިޓް ޒާކާ އެވެ. މެޗު ނިންމާލުމަށް ރެފްރީ ކަށިގަނޑު ފުމުނު ފަހުން ބެންޒެމާ ލަނޑެއް ކާމިޔާބުކުރި ނަމަވެސް އެ ލަނޑު ބަލައިގަނެފައެއް ނުވެއެވެ.

"އަހަރެންނަށް ހީވަނީ މިއީ ވަރަށް ރަނގަޅު މެޗެއް ހެން،" ބީއިން ސްޕޯޓްސަށް ދިން އިންޓަވިއުއެއްގައި ބެންޒެމާ ބުންޏެވެ. "އަހަރެމެން ހުރިހާ ކުޅުންތެރިން ވެސް މި ދަނީ ވަރަށް ރަނގަޅަށް ކުޅެމުން. އަހަރެމެން ސްވިސާ ދެކޮޅަށް މި ދެއްކީ ހޮންޑިއުރަސްއާ ދެކޮޅަށް ވެސް ދެއްކި ކުޅުން. އަހަރެމެން ކުޅުނީ ޓީމެއްގެ ގޮތުގައި. ތަޖުބާތުގައި ނުޖެހި،"

ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅޭ ފަހު މެޗުގައި ނުކުންނަން ޖެހޭނީ އިކުއެޑޯއާ ދެކޮޅަށެވެ. އެސްޓޭޑިއޯ މެރަކާނާގައި ކުޅޭ މި މެޗަށް ފްރާންސް ނުކުންނާނީ އަންނަ ބުދަ ދުވަހުގެރޭ 1:00ގަ އެވެ.