21 Jun 2014, 10:49
ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ޖަރުމަނާ ދެކޮޅަށް ގާނާ ކުޅޭ މެޗުގައި ކެވިން ޕްރިންސް ބޯޓެންގްގެ ކޮއްކޮ ޖެރޯމް ބޯޓެންގްއާ ދެކޮޅަށް ނުކުންނަ އިރު އެއްވެސް އުނދަގޫ ކަމެއް ކުރިމައްޗެއް ނުވާނެ ކަމަށް އެކަމުގެ ތަޖުރިބާހުރި ގާނާގެ މިޑްފީލްޑަރު އަންދްރޭ އަޔޫ ބުނެފި އެވެ.
ކެވިން ޕްރިންސް ބޯޓެންގްއަކީ ޖަރުމަނަށް އުފަން ކުޅުންތެރިއަކަށް ވި ނަމަވެސް، އޭނާ ކުޅެމުންދަނީ ގާނާ ގައުމީ ޓީމަށެވެ. އަދި އޭނާގެ ކޮއްކޮ ޖެރޯމް ބޯޓެންގް ކުޅެމުންދަނީ ޖަރުމަން ގައުމީ ޓީމަށެވެ. ޖަރުމަނާއި ގާނާ ބައްދަލުކުރާ މެޗުގައި ދެ ބެއިންގެ ވާދަވެރިކަން ފެނިގެންދާނެ އެވެ.
އަންދްރޭ އަޔޫ އަކީ ފްރާންސް ލީގުގައި އޭނާގެ ކޮއްކޮ ޖޯޑަން އަޔޫއާ ދެކޮޅަށް އާންމުކޮށް ކުޅެމުންދާ ކުޅުންތެރިއެކެވެ. ނަމަވެސް ބޯޓެންގް ދެ ބެއިންނާއި އަޔޫގެ ދެބެއިންގެ ތަފާތަކީ ގައުމީ ފެންވަރުގައި އަޔޫގެ ދެ ބެއިން ގާނާ ގައުމީ ޓީމަށް ކުޅުމެވެ.
"މިއީ ބޯޓެންގް ބޭބެއާ ދެކޮޅަށް ނުކުންނަ ފުރަތަމަ ފަހަރެއް ނޫން. މީގެ ހަތަރު އަހަރު ކުރިން އޭނާގެ ކޮއްކޮއާ ދެކޮޅަށް ނުކުތް،" އަޔޫ ބުންޏެވެ. "ޝާލްކޭއަށް ކުޅޭ އިރު، ބޯޓެންގް އަށް ބަޔާންއާ ދެކޮޅަށް ނުކުންނަން ޖެހޭނެ. އެހެންކަމުން ކޮއްކޮއާ ދެކޮޅަށް ނުކުންނަން އޭނާ އަށް އެއްވެސް އުނދަގުލަކާ ކުރިމައްޗެއް ނުވާނެ. އަހަރެންގެ ކޮއްކޮއާ ދެކޮޅަށް ނުކުންނައިރު، އެއްވެސް އުނދަގުލެއް ކުރިމައްޗެއް ނުވޭ."
ގްރޫޕް ސްޓޭޖުގައި ގާނާ ކުޅޭ ދެވަނަ މެޗުގައި ޖަރުމަނާ ދެކޮޅަށް ނުކުންނާނީ މިރޭ 12:00 ގައެވެ. އެސްޓޭޑިއޯ ކަސްޓެލާއޯގައި ކުޅޭ މި މެޗަށް ގާނާ ނުކުންނައިރު، އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އެމެރިކާ އަތުން ވަނީ 2-1 ލަނޑުން ބަލިވެފައެވެ.