21 Jun 2014, 10:50
ވޯލްޑް ކަޕުގެ ގްރޫޕް އީގައި ފްރާންސްއާ ދެކޮޅަށް ރޭ ކުޅުނު މެޗުގައި ސްވިޒަލޭންޑުން ކުށްތަކެއް ހަދައި، ފްރާންސް މޮޅުވާން ފަސޭހަކޮށްދިން ކަމަށް ސްވިޒަލޭންޑްގެ ޑިފެންޑަރު ޔޯހާން ޖޯރޫ ބުނެފި އެވެ.
ފްރާންސާ ދެކޮޅަށް ކުޅެ ސްވިޒަލޭންޑް ރޭ ބަލިވެފައި ވަނީ 5-2 ލަނޑުންނެވެ. މި މެޗުގައި ފްރާންސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އޮލިވާ ޖިރޫ އާއި، މެތިއު ވަލްބުއެނާ އާއި، ބްލެއިސީ މަޓުއިޑީ، ކަރިމް ބެންޒެމާ އަދި މޫސާ ސިސޯކޯ އެވެ. އަދި ފްރާންސް އިން ފަސް ލަނޑު ޖެހި ފަހުން ސްވިޒަލޭންޑް ކާމިޔާބުކުރި ދެ ލަނޑު ޖަހައިދިނީ ބްލެރިމް ޖެމައިލީ އާއި ގްރެނިޓް ޒާކާ އެވެ.
"މި ނަތީޖާއާ މެދު ހިތާމަކުރަން،" ޖޯރޫ ބުންޏެވެ. "އަހަރެމެން އުންމީދުކުރީ މިއަށްވުރެ ރަނގަޅު ނަތީޖާއެއް. އަދި މިއަށްވުރެ ރަނގަޅު ކުޅުމެއް. މެޗުގެ އެހާ ކުރީކޮޅުގައި އަހަރެމެންގެ ކޮޅަށް ދެ ލަނޑު ވަނުމުން ވަރަށް އުނދަގޫވި. އެހެންވުމުން މި ލެވެލްގައި އަރައިގަންނަން އުނދަގޫވާނެ. އަހަރެމެން މަސައްކަތްކުރި ނަމަވެސް، ފްރާންސްއިން ނެގީ އަހަރެމެންނަށް ހެދުނު ކުށްތަކުގެ ފައިދާ. އެމީހުންގެ ވަރުގަދަ ޕްރެޝަރާއެކު އަހަރެމެންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިކުރުވި."
އޭނާ ބުނީ، ފްރާންސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހެދުނު ކުށްތައް ރަނގަޅުކުރުމަށް މަސައްކަތްކޮށް، ސްވިޒަލޭންޑުން ދެން ވިސްނަންވީ ހޮންޑިއުރަސްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.
ގްރޫޕް ސްޓޭޖުގައި ސްވިޒަލޭންޑް ކުޅޭ ފަހު މެޗުގައި ހޮންޑިއުރަސްއާ ދެކޮޅަށް ނުކުންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 1:00ގަ އެވެ. މި މެޗު ކުޅޭނީ އެރީނާ އެމަޒޯނިއާގަ އެވެ.