21 Jun 2014, 10:44
ވޯލްޑް ކަޕުގެ ގްރޫޕް ޖީގައި ޖަރުމަނުން ކުޅުނު ފުރަތަމަ މެޗުގައި ޕޯޗުގަލް އަތުން ލިބުނު ބޮޑު ކާމިޔާބަކީ ގާނާއާ ދެކޮޅަށް ނުކުންނަ އިރު، އެއްޗެއް ނޫން ކަމުގައި ޖަރުމަނުގެ ތަރި މާރިއޯ ގޮޓްޒާ ބުނެފި އެވެ.
މިދިޔަ ހޯމަ ދުވަހު ޕޯޗުގަލްއާ ދެކޮޅަށް ކުޅުނު މެޗުން ތޯމަސް މުލާގެ ހެޓްރިކާއި މެޓްސް ހުމެލްސްގެ ލަނޑުން ޖަރުމަން މޮޅުވީ 4-0 ލަނޑުންނެވެ. މި ބޮޑު މޮޅާއެކު ގަނާ މެޗަށް މިރޭ ޖަރުމަން ނުކުންނަ އިރު، ފަސޭހަ ނުކޮށްލުމަށް ގޮޓްޒާ ވަނީ އެ ޓީމަށް ގޮވާލައިފަ އެވެ.
"ޕޯޗުގަލް އަތުން މޮޅުވެ، ލިބުނު ތިން ޕޮއިންޓަކީ މުހިންމު ތިން ޕޮއިންޓް. ނަމަވެސް އެ މެޗުން މޮޅުވުމަކުން ހުރިހާ ކަމެއް ނުނިމޭނެ،" ފީފާގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ގޮޓްޒާ ބުންޏެވެ. "ގާނާއާ ދެކޮޅަށް ނުކުންނަ މެޗުގައި އަހަރެމެން ފަސޭހަކޮށްލައިގެން ނުވާނެ. ބައެއް ދަނޑިވަޅުތަކުގައި އަހަރެމެން ސަލާމަތްވަނީ ނަސީބުން. ގާނާ އަތުން ތިން ޕޮއިންޓް ހޯދުން ވެގެންދާނީ އުނދަގޫ މަސައްކަތަކަށް."
ގްރޫޕް ސްޓޭޖުގައި ޖަރުމަން ކުޅޭ ދެވަނަ މެޗުގައި ގާނާއާ ދެކޮޅަށް ނުކުންނާނީ މިރޭ 12:00ގަ އެވެ. މި މެޗު ކުޅޭނީ އެސްޓޭޑިއޯ ކަސްޓެލާއޯގަ އެވެ.