21 Jun 2014, 10:38
ކޮލަންބޯ (ޖޫން 22) : ސްރީލަންކާގެ ބައިމަދު މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ހިންގަމުންދާ މީހުން މެރުމާއި ގެދޮރާއި ފިހާރަތަކުގައި ހުޅުޖެހުމުގެ އަމަލުތައް އަދިވެސް ހުއްޓުމަކަށް ނާންނަ ކަމަށާ ލަންކާގެ މުސްލިމުން އަދިވެސް ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ޚަބަރުލިބިއްޖެވެ.
ސްރީލަންކާގެ މުސްލިމް ބައެއް ލީޑަރުންނާއި މުސްލިމުންގެ ބައެއް ޖަމްއިއްޔާތައް ބުނާ ގޮތުން މުސްލިމުންގެ އާބާދީ ބޮޑު އަލުތުގަމައާއި ބެރުވަލާގައި ކޮލަންބޯގެ ޕާނަންދުރާގައި ގިނަ އަދަދަކަށް ސަލާމަތީ ބާރުތައް ރުކުރުވާލާފައިވީ ނަމަވެސް ހައްދުފަހަނައަޅާފައިވާ ބުޑިސްޓު ޖަމާއަތެއް ކަމަށް ބޮޑު ބަލަސަނާ (ބީބީއެސް)ގެ ބިރުވެރިކަން އަދިވެސް ފިލައިގެން ނުދެ އެވެ.
ބޮޑު ބަލަސަނާ ޖަމާއަތުގެ ހައްދުފަހަނަޅާފައިވާ މީހުންގެ ތެރެއިން ބައެއްމީހުން މިހާރު ހައްޔަރުކޮށްފައިވީ ނަމަވެސް އެޖަމާއަތުން މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް މުޅިން ހުއްޓުވޭ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް ސަރުކާރުން އަޅާފައިވާ ކަމުގެ ޔަގީންކަން މުސްލިމުންނަށް ލިބިފައެއްް ނުވެ އެވެ. އަދި މުސްލިމުންނަށް އެކަށީގެންވާ ވަރުގެރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ސަރުކާރުން ނުކުޅެދިފައިވާ ކަމަށް މުސްލިމުން ދެކޭ ކަމަށްވެސް މުސްލިމް ލީޑަރުން ވިދާޅުވެ އެވެ.
ސްރީލަންކާގެ 20 މިލިއަން މީހުންގެ އާބާދީގައި މުސްލިމުންގެ ނިސްބަތަކީ އެންމެ ނުވަ އިންސައްތަ ކަމަށް ވިޔަސް މުސްލިމުންގެ އިގްތިސާދީ އަދި އިޖްތިމާޢީ ބާރާއި ނުފޫޒު ސްރީލަންކާގައި ވަރަށް ގަދަ އެވެ. އަދި ސްރީލަންކާ ސަރުކާރުގެ އިސް މަގާމްތަކުގައި ވެސް މުސްލިމުންގެ ނިސްބަތް އެމީހުންގެ އާބާދީއާ އަޅާބަލާ އިރު ބޮޑުކަަމަށް ހަރުކަށި ސިންގަޅައިން ދެކެ އެވެ. ސިންގަޅަ ބުޑިސްޓުންގެ ތެރޭގައި ހިމެނޭ ހައްދުފަހަނަޅާފައިވާ ޖަމާއަތްތައް ރުޅިއަންނަނީ މިސަބަބުތަކާ ގުޅިގެން ކަމަށް މުސްލިމް ލީޑަރުން ވިދާޅުވެ އެވެ.
ސްރީލަންކާގައި މުސްލިމުންގެ އާބާދީ ބޮޑު ސަރަހައްދެއް ކަމަށްވާ އަލުތުގަމަ އާއި ބެރުވަލާގައި ހަރަކާތްތެރިވަމުން ދިޔަ ހައްދުފަހަނަޅާފައިވާ ބުޑިސްޓުން މިދިޔަ ހަފްތާގައި މުސްލިމުންނާ ދެކޮޅަށް ދިން ޓެރަރިސްޓް ހަމަލާތަކުގައި ހަތަރު މީހަކު މަރާލާފައިވެ އެވެ. އަދި މުސްލިމުންގެ ގެދޮރާއި މުދަލަށާއި މިސްކަތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ދީފަ އެވެ. މިޖަރީމާތައް ބަލައި ތަހްގީގްކޮށް ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ސްރީލަންކާގެ މުސްލިމް ލީޑަރުންނާއި މުސްލިމުންގެ ޖަމްއިއްޔާ ޖަމާއަތްތަކުން އެގައުމުގެ ސަރުކާރަށާއި އދ. އަށް ވަނީ ގޮވާލާފަ އެވެ.
ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ސްރީލަންކާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޓެރަރިސްޓް އަމަލުތަކަށް އިޙްތިޖާޖް ކުރުމުގެ ގޮތުން މުސްލިމުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެމީހުންގެ އެއްބައިވަންތަކަން ހާމަ ކުރުމުގެ ގޮތުން ބޮޑު ހަޅުތާލެއް ކޮށް މުޒާހަރާއެއްވެސް ބާއްވާފަ އެވެ. (ނޫސްއެޖެންސީތައް)