21 Jun 2014, 10:40
ވޯލްޑް ކަޕުގެ ގަދަ 16ގައި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބްރެޒިލްއާ ދެކޮޅަށް ކުޅެން ބޭނުންނުވާތީ، ނެދަލޭންސް އިން ގްރޫޕް ބީގެ އެއްވަނަ ހޯދުމަށް އެ ޓީމުގެ ކުޅުންތެރިންނަށް ކެޕްޓަން ރޮބިން ވެން ޕާސީ ގޮވާލައިފި އެވެ.
ގްރޫޕް ބީ އިން ގަދަ 16އަށް ދަތުރުކުރާ ދެ ޓީމު މިހާރު ކަށަވަރުވެފައިވާ އިރު، އަންނަ ހޯމަ ދުވަހު ގްރޫޕްގެ އެއްވަނަ އަދި ދެވަނަ ޓީމު ކަނޑައެޅުމަށްޓަކައި އެ ދެ ޓީމު ނުކުންނާނެ އެވެ. ޗިލީއާ ދެކޮޅަށް ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ނެދަލޭންޑްސްއަށް ގްރޫޕް އެއްވަނަ ލިބޭއިރު، ދެވަނައިގައި ނިންމައިލާ ޓީމެއް ބައްދަލުކުރަން ޖެހޭނީ ބްރެޒިލް ހިމެނޭ ގްރޫޕްގެ އެއްވަނަ ޓީމާ ދެކޮޅަށެވެ.
ޗިލީއާ ދެކޮޅަށް ކުޅޭ މެޗުގައި ކެޕްޓަން ވެން ޕާސީއަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ. ވެން ޕާސީ ބުނީ، ދެ މެޗުން ލިބުނު ކާމިޔާބު ކުރިއަށް އޮތް މެޗުގައި ވެސް ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
"އަހަރެންގެ ވިސްނުމަކީ ގްރޫޕްގެ އެއްވަނަ ހޯދައި ގަދަ 16އަށް ދަތުރުކޮށް، އޭގެ ފަހުން ވަރުގަދަ ޓީމުތަކާ ދެކޮޅަށް ނުކުތުން،" އޭނާ ބުންޏެވެ. "ގްރޫޕް ސްޓޭޖުގައި ބްރެޒިލް ކުޅޭ ފަހު މެޗު އޮތީ އަހަރެމެންގެ މެޗަށް ފަހު. އެހެންކަމުން ވާނެ ގޮތެއް ނޭނގޭ. ދެން ޖެހޭނީ ކުރިއަށް ވާ ގޮތް ބަލަން."
ނަދަލޭންޑްސް ކުޅުނު ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން 5-1 ލަނޑުން ބަލިކުރި އިރު، ދެވަނަ މެޗުގައި އެ ޓީމުން ވަނީ 3-2 ލަނޑުން އޮސްޓްރޭލިއާ ބަލިކޮށްފައެވެ. ގްރޫޕްގެ ފަހު މެޗުގައި ޗިލީއާ ދެކޮޅަށް ނެދަލޭންޑްސް ނުކުންނާނީ އަންނަ ހޯމަ ދުވަހުގެރޭ 1:00ގައެވެ.