ދިވެހި ރާއްޖޭގެ އަޑުގެ ފްރެކިއުއެންސީ ދިނުމަށް ރާޅުގަނޑު ސަރަހައްދުގައި ޖަހާފައިވާ އެންޓަނާތައް ތިލަފުއްޓަށް ބަދަލުކުރުމަށް 50 މިލިއަން ރުފިޔާގެ އެހީއެއް ދޭން ޖަޕާނުން ނިންމައިފި އެވެ.

ޖަޕާން އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެހީގެ ދަށުން ގާއިމް ކުރެވޭނީ ވަރަށް ޒަމާނީ ވަސީލަތްތައް ކަމަށާއި އޭގެ ތެރޭގައި އާރުއެފް އިކުއިޕްމަންޓާއި އޯޑިއޯ އަދި ޓެސްޓް އިކުއިޕްމަންޓް ތަކާއި އިމާރާތްތައް ގާއިމް ކުރުން ހިިމެނޭ ކަމަށެވެ. އެކަމަށް ބޭނުންވާ ހުރިހާ ކަމެއް އެފަންޑުގެ ތެރެއިން ހަމަޖެހިގެންދާނެ ކަމަށް ބަޔާނުގައިވެ އެވެ.

ޖަޕާނުން އެ ޕްރޮޖެކްޓަށް ދޭ 50.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރަން ނިންމާފައި ވަނީ މުޅިން އާ ޒަމާނީ ޓްރާންސްމީޓަރުތަކާއި އާރުއެފް އިކުއިޕްމަންޓްތަކާއި އޯޑިއޯ ޓެސްޓް އިކުއިޕްމަންޓްތައް އަދި އެކަމަށް ބޭނުންވާ ސައިޓް ތިލަފުށީގައި ގާއިމްކުރުމަށް ކަމަށް ޖަޕާން އެމްބަސީން ބުންޏެވެ.

"އޭއެމް ޓްރާންސްމިޝަން އަކީ އަތޮޅުތެރޭ ރަށްރަށުގައި ދިރިއުޅެމުން އަންނަ ރައްޔިތުނާއި ސަރުކާރާ ގުޅުވައިދިނުމަށް ބޭނުން ކުރެވޭ އެންމެ މުހިންމު އެއް ވަސީލަތް. ހާއްސަ ކޮށް ގުދުރަތީ ހާދިސާތައް ދިމާވާ ހިނދު ނުވަތަ އެމަޖެންސީ ހާލަތްތަކުގައި" ޖަޕާން އެމްބަސީގެ ބަޔާނުގައިވެ އެވެ.

އެމްބީސީ އެންޓަނާތައް ނެގުމަށް ކެބިނެޓުން ނިންމާފައިވަނީ މިދިޔަ އަހަރު ތެރޭގަ އެވެ. އެކަން އެގޮތަށް ނިންމާފައިވަނީ އާންމުންގެ ސިއްހަތައް ގެއްލުމެއް ވެދާނެތީ އެވެ.