21 Jun 2014, 10:15
ވޯލްޑް ކަޕްގެ ގަދަ 16އަށް ކޮސްޓަ ރިކާ ގެންގޮސް ދިނުމަކީ އެ ޓީމުގެ ކެޕްޓަން އަދި ބަޠަލު ބްރަޔަން ރުއިޒް ދެކެމުން އައި ހުވަފެނެއް ކަމުގައި އޭނާ ބުނެފި އެވެ.
ގްރޫޕް ޑީގައި ހައިރާންކުރަނިވި ގޮތަކަށް އުރުގުއާއީ އާއި އިޓަލީ ބަލިކޮށް ހޯދި ހަ ޕޮއިންޓާއެކު ކޮސްޓަ ރިކާ ވަނީ މި ގްރޫޕުން ގަދަ 16ގެ ޖާގަ ހޯދު ފުރަތަމަ ޓީމަށް ވެފައެވެ. އިޓަލީއާ ދެކޮޅަށް ކުޅެ 1-0 ލަނޑުން ކޮސްޓަ ރިކާ މޮޅުވި މެޗުގައި، އެ ޓީމުގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ރުއިޒް އެވެ.
"އަހަރެންނަށް މިވަގުތު ލިބޭ އުފާ ކިޔައިދޭކަށް ނޭނގޭ،" ސްކައި ސްޕޯޓްސް އިޓާލިއާ އަށް ދިން އިންޓަވިއުއެއްގައި ރުއިޒް ބުންޏެވެ. "އަހަރެން ޖެހި ގޯލު ހަދިޔާކުރަން ބޭނުމީ އަހަރެންގެ އާއިލާއަށް. ވޯލްޑް ކަޕުގައި ލަނޑެއް ކާމިޔާބުކުރުމަކީ ވަރަށް އުފާވެރި ކަމެއް. އަހަރެމެންނަށް މި ލިބުނު ކާމިޔާބު ގިނަ ބަޔަކަށް ގަބޫލު ނުކުރެވުނަސް މިއީ އަހަރެމެން ދެކެމުން އައި ހުވަފެނެއް."
ރުއިޒް ބުނީ، އިޓަލީ އަތުން މޮޅުވެ، ގަދަ 16އަށް ފޮނުވައިދިނުމަށް ކުޅުންތެރިން ކުރި މަސައްކަތަށް އެ ކުޅުންތެރިންނަށާއި ޓީމަށް އިތުބާރުކުރި ސަޕޯޓަރުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
ގްރޫޕް ސްޓޭޖުގައި ކޮސްޓަ ރިކާ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ މުބާރާތުން ކަޓާފައި އޮތް އިނގިރޭސީންނާ ދެކޮޅަށެވެ. އެސްޓޭޑިއޯ މިނެރާއޯގައި ކުޅޭ މި މެޗަށް ކޮސްޓަ ރިކާ ނުކުންނާނީ އަންނަ އަންގާރަ ދުވަހުގެރޭ 9:00ގަ އެވެ.